ޣައްޒާގެ ދެކުނު ހުސްކުރުމަށް ބުނެ އިސްރާއީލުން ޣައްޒާއަށް ލީފްލެޓްތަކެއް އަޅައިފިއެވެ. އެއީ އިސްރާއީލުން ޣައްޒާގައި ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަކުރާނެ ކަމުގެ އިޝާރާތެއް ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އަލް އަހްރަމް އޮންލައިން ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ދެކުނުގެ ރަށެއް ކަމަށްވާ ޚާން ޔޫނިސްގެ އިރުމަތީ ސަރަހައްދުތަކަށް އުކާލާފައިވާ ލީފްލެޓްތަކުގައި ވާގޮތުން އެ ސަރަހައްދު ދޫކޮށް އާންމުން ދިއުމަށް ވަނީ ބުނެފައެވެ. އަދި ސަރަހައްދުން ނުގޮސް މަޑުކޮށްގެން ތިބޭ މީހުންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށްބުނެ އިންޒާރުދީފައިވެއެވެ. މީގެ ހަފުތާއެއް ކުރިން ޣައްޒާގެ އުތުރަށްވެސް އިސްރާއީލުން އެފަދަ ލީފްލެޓްތަކެއް އުކިއެވެ.

އެ ސަރަހައްދަށް ލީފްލެޓްތައް އުކާފައި މިވަނީ، އިސްރާއީލުގެ އެއްގަމުގެ އޮޕަރޭޝަންތަކުގައި ޣައްޒާގެ އުތުރާއި ދެކުނުވެސް ހިމެނޭނެ ކަމަށް އެ ގައުމުގެ އަސްކަރީ ވަޒީރު ޔޯވް ގަލަންޓް ވިދާޅުވެފައިވަނިކޮށެވެ.

ފަލަސްތީނުން ބޭރުގައި ދިރިއުޅުއްވާ ހަމާސްގެ އިސް ލީޑަރެއް ކަމަށްވާ އިސްމާއިލް ހަނިއްޔާގެ ގެއެއް ގޮއްވާލާފައިވާ ކަމަށް ބުރާސްފަތި ދުވަހު އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. އެ ހަމަލާގައި މީހަކަށް ގެއްލުމެއްވީ ކަމެއް ސާފެއްނުވެއެވެ.

ޣައްޒާގެ 2.3 މިލިއަން މީހުންގެ ތެރެއިން ގިނަ މީހުން މިހާރު ވަނީ އެ ސަރަހައްދުގެ ދެކުނަށް ތޮއްޖެހިފައި ކަމަށާއި ތެލުގެ ދަތިކަން ކުރިމަތިވެފައިވާއިރު، އިންސާނީ ހިދުމަތްތައް ފޯރުކޮށްދިނުން ހުއްޓާލަން މަޖުބޫރު ވެދާނެ ކަމަށް އދ.އިންވެސް މީގެކުރިން ވަނީ ހާމަކޮށްފައެވެ. މީގެއިތުރުން މޯބައިލް ފޯނާއި އިންޓަނެޓުގެ ޚިދުމަތްވެސް ހުއްޓާލަން ޖެހިދާނެ ކަމަށް ޣައްޒާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ހަނގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށް ޣައްޒާއަށް ތެޔޮ ވެއްދުމުގެ ހުއްދަ ބުދަ ދުވަހު އިސްރާއީލުން ވަނީ ދީފައެވެ. ނަމަވެސް އެ ތެޔޮ ހޮސްޕިޓަލްތަކާއި ޑީސަލިނޭޝަން ޕްލާންޓްތައް ހިންގުމަށް ބޭނުންނުކުރެވޭނެ ކަމަށް އިސްރާއީލުން އަންގާފައިވާ ކަމަށް ޣައްޒާގެ ރެފިއުޖީ އޭޖެންސީގެ ވެރިޔާ ތޯމަސް ވައިޓް ވިދާޅުވިއެވެ. އަދި ޣައްޒާއަށް އެތެރެކޮށްފައިވާ ތެލުން އާންމުންގެ ފުރާނަ ސަލާމަތްކުރުމަށް ޣައްޒާއަށް ތެޔޮ ބޭނުންވާ މިންވަރުގެ 10 އިންސައްތަވެސް ކަވަރު ނުކުރާނެ ކަމަށް ތޯމަސް ވިދާޅުވިއެވެ.

މީގެ އިތުރުން ފަލަސްތީނުގެ ޓެލެކޮމް ކުންފުނި ޕަލްޓެލްއިން ހާމަކޮށްފައިވާ ގޮތުގައި ތެޔޮ ނުވަތަ ކަރަންޓުގެ ދަތިކަމުގެ ސަބަބުން ބުދަ ދުވަހުން ފެށިގެން އެ ކުންފުނީގެ ޚިދުމަތްތައް ހުއްޓާލަން ޖެހިދާނެއެވެ. ޣައްޒާއިން މީގެކުރިން ތިން ފަހަރެއްގެ މަތިން ވަނީ މުއާސަލާތީ ޚިދުމަތް ކެނޑިފައެވެ.

ޣައްޒާގެ އުތުރާއި ދެކުނުވެސް ހުސްކުރުމަށް އިސްރާއީލުން އަމުރު ކުރަމުންދާއިރު، ޣައްޒާގެ އާންމުން ދާނެ ތަނެއް ނެތެވެ. މިސްރާއި އުރުދުން ވެސް ވަނީ ފަލަސްތީނު ރެފިއުޖީން ގަބޫލުކުރުމަށް ދެކޮޅު ހަދާފައެވެ.