18 Nov 2023, 23:49
ބުދަ ދުވަހަށް އިރުއެރިއިރު، ޣާއްޒާގެ ވަހީދު މޫސާއާއި އޭނާގެ އަންހެނުން އަދި ފިރިހެން ދަރިފުޅު ވެސް ތިބީ ވެއްޓިފައިވާ އެ މީހުންގެ ގޭގޭ އިމާރާތުގެ ދަށުގައެވެ.
"އަހަރެން ހޭއެރީ ބިރުގަނެފައިވާ ހާލުގައި. އަހަރެންގެ ހަށިގަނޑުގެ ދެބައިކުޅަ އެއްބައަށް ވުރެ ބޮޑު ބައި އޮތީ އިމާރާތުގެ ދަށުގައި. އަހަރެން ހީކުރީ ހަމަލާ އަމާޒުކޮށްފައި ވަނީ އަހަރެމެންގެ ގެއަށް ކަމަށް. ހިނދުކޮޅަކަށް ހީވީ މި އޮވެވުނީ ކަށްވަޅުގައި ކަމަށް،" އުމުރުން 55 އަހަރުގެ ވަހީދު ކިޔައިދިނެވެ.
މިދިޔަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޔަހޫދީ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި އަލް މަޣާޒީ ރެފިއުޖީ ކޭމްޕް ރެފިއުޖީ ކޭމްޕުގައި ހުރި މީހުން ދިރިއުޅޭ ގެތަކަށް ހަމަލާދީފައިވާއިރު، ވަހީދުގެ ގެ ހިމެނޭހެން 36 ގެއަކަށް ވަނީ އެ ހަމަލާގެ ސަބަބުން ގެއްލުން ލިބިފައެވެ.
ލެބޯޓްރީ މެނޭޖަރެއްގެ ވަޒީފާގައި އުޅޭ ވަހީދު އުންމީދުކޮށްގެން ހުރީ އޭނާގެ ގެ ހުރި ސަރަހައްދަކީ އިސްރާއީލު ސިފައިންގެ ހަމަލާތައް އަމާޒުނުވާނެ ރައްކާތެރި ސަރަހައްދެއް ކަމަށެވެ.
"ފުރަތަމަ ވިސްނުނީ އަހަރެންގެ އަންހެނުންނާއި ދަރިންނާ ދޭތެރޭ. އެ މީހުން ގެއްލިދާނެތީ އަހަރެން ބިރުގަތީ، އަހަރެންގެ އަންހެނުން ރީމް އަހަންނަށް ގޮވާ އަޑު އިވުނު. އެ ހިސާބުން އަހަންނަށް އެގިއްޖެ އޭނާ ދިރިއެބަހުރިކަން،" ވަހީދު ކިޔައިދިނެވެ.
އެ ބިރުވެރި ހާދިސާ ކިޔައިދެމުން ރީމް ބުނި ގޮތުގައި އެ މީހުންގެ ގެއަށް ހަމަލާދިންއިރު، އޭނާ ހުރީ އޭނާގެ ދައްތަގެ ހާލު ބެލުމަށް ފޯނުން މެސެޖެއް ކުރާށެވެ. ކުއްލިއަކަށް ކުރިމަތި އެއްކޮށް ކަޅުވެ، އަނދިރިވީއެވެ. ރީމްގެ ބޯ ފިޔަވައި މުޅި ހަށިގަނޑު އޮތީ އިމާރާތުގެ ދަށުގައެވެ.

އިސްރާއީލުންގެ ހަމަލާތަކުގައި ޒަހަމްވެފައިވާ ކުޑަ ކުއްޖެއް -- ފޮޓޯ/ދަ ޓެލްގްރާފް
މުޅި ދިރިއުޅުން ނިމުނީ ކަމަށް ހީކޮށްގެން އިމާރާތުގެ ދަށުގައި ތިއްބައި އަވަށްޓެރިން އައިސް ސަލާމަތްކުރުމުގެ މަސައްކަތް ފެށި ކަމަށް ވަހީދު ކިޔައިދިނެވެ. އަދި، އޭނާގެ އެންމެ ދޮށީ ދަރިފުޅު މުހައްމަދު އައިސް އޭނާއަށް ގޮވުމުން ކޮންމެ ވެސް ވަރެއްގެ ރައްކާތެރިކަމެއް އިހްސާސްވި ކަމަށް ވަހީދު ބުންޏެވެ.
އިމާރާތުގެ ދަށުން ސަލާމަތްވަންދެން ވެސް ރީމް މަސައްކަތްކުރީ ހަގު ދަރިފުޅު ހޭނެތުނަނުދީ ބޭއްވުމަށެވެ. އިސްރާއީލުން މީގެ ކުރިން ޣައްޒާއަށް ދީފައިވާ ހަމަލާތަކާ ގުޅިގެން އަހުމަދުގެ އުމުރުން ހަތަރު އަހަރުން ފެށިގެން އޭނާއަށް ވަނީ ނަފުސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައި ކަމަށް ރީމް ބުންޏެވެ. އަދި މި ހަމަލާގެ ސަބަބުން އަހުމަދުގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ވެސް ރީމް ކިޔައިދިނެވެ.
ހަމަލާ ދިންއިރު، ވަހީދާއި ރީމްގެ ތިބި ފަސް އަންހެން ކުދިން ތިބީ ކޮރިޑޯގައި ނިދާފައެވެ. ނަމަވެސް އެ ކުދިން ވެސް ވަނީ ސަލާމަތްވެފައެވެ.
އަމިއްލަ ނަފުސަށް ލިބުނު އަނިޔާތަކުގެ އިތުރުން މާލީ ގޮތުން ވެސް ވަހީދުގެ އާއިލާއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.