20 May 2012, 16:15
މާލޭގެ ބިމަކީ މިއަދު ރަނަށް ވުރެ އަގު ބޮޑު ބިމެކެވެ. ބިމުގައި ހުރި ފެން ލޮނެވެ. ޖެހިލަން ކަމުނުދާވަރަށް ތަޣަޔަރުވެސް ވަނީ ވެފަ އެވެ. ގަހެއް ހައްދާލަން ކަމުދާކަހަލަ ފަސްކޮޅެއްވެސް ލިބޭނެ ދިމާއެއް ނެތޭ ބުންޏަސް ރަނގަޅުވާނެ އެވެ. އެހެންނަމަވެސް މިއީ ރަނަށް ވުރެ އަގުބޮޑު ބިމެކެވެ. މާލޭގައި ބިންކޮޅެއް ލިބިފައި އޮތް މީހެއްނަމަ އެއޮތީ ރަންބިސް އަޅާ ކުކުޅެއް ލިބިފަ އެވެ. އަތުން ފައިން އިތުރު ކަމެއް ނުކުރިޔަސް، އަނބި ދަރިން ގޮވައިގެން ތަނަވަސް ދިރިއުޅުމެއް އުޅެލެވިދާނެ އެވެ.
ކަން އޮތް ގޮތަކީ މިޔެވެ. އަމިއްލަ ބިމެއް ނުވަތަ ބިންކޮޅެއް މާލޭގައި ނެތް އެތައް ބަޔަކު، މި ފަސްގަނޑުގައި ދިރިއުޅެމުން އެބަ ގެންދެ އެވެ. ތަންތަން ކުއްޔަށް ހިފައިގެންނެވެ. ލިބޭ އާމްދަނީއާ ނުބައްދަލު ޚަރަދެއް ކޮށްގެން އުޅެން ޖެހުނަސް ވެހެވެ. ކުލި އިންތިހާއަށް ބޮޑެވެ. އާއިލާގެ އެންމެން ރެއާ ދުވާލު ހޭބޯ ނާރާ މަސައްކަތް ކޮށްގެން ނޫނީ، ގިނަ މީހުންނަށް އޮންނަނީ އަނގަޔާ އަތާ ދިމާނުކުރެވިފަ އެވެ. ދަރިންނަށް ކޮންމެހެން ކޮށްދޭންޖެހޭ ކަންކަން ކޮށް ނުދެވިފަ އެވެ. މިފަދަ ހާލެއްގައި މީހުން އުޅެމުން ދާއިރު، މިހާރަކަށް އައިސް ކުއްޔަށް ދޭ ތަންތަނުން އެޑްވާންސަށް ނަގާ ފައިސާވެސް އިންތިހާއަށް ބޮޑެވެ.
ގިނަ ތަންތަނުން އެޑްވާންސަށް ފައިސާ ނަގަނީ އެގޮތަށް އެކަން ނުކޮށް ވާން ނެތީމާކަން އެފަރާތްތަކުން ދައްކާ ވާހަކައިން އެނގެ އެވެ. ތަންތަން ކުއްޔަށް ހިފައިގެން އުޅޭ ބައެއް މީހުންގެ ވިޔާނުދާކަން ބޮޑީ އެވެ. އެތައް ދުވަހަކު އުޅެ، ތަން ބާކޮށްލާފައި ދާއިރު، ތިންހަތަރު މަހުގެ ބިލު ނުދައްކާ އޮވެދާނެ އެވެ. އެ ބިލްތައް ދައްކަން ޖެހެނީ ތަނުގެ ވެރިފަރާތަށެވެ. އެހެން ބަޔަކަށް އެތަން ދެވެން އޮންނަނީ ބޮޑު ޚަރަދެއްކޮށް، މަރާމާތުތަކެއް ކޮށްގެންނެވެ. އޭގެތެރެއަށް އެއްކަލަ ބިލުތައްވެސް ވަންނަނީ އެވެ. އެޑްވާންސަށް ފައިސާ ނަގަން ޖެހެނީ މިފަދަ ކަންކަން ދިމާވާތީ އެވެ. ރައްކަލަކަށެވެ.
ދެން އޮތީ އެޑްވާންސަށް ނަގާ ފައިސާގެ ވާހަކަ އެވެ. އެޑްވާންސަށް ފައިސާ ނަގަނީ، ތަން ދޫކޮށްލާފައި ދާއިރު، ކުއްޔަށް ހިފި ފަރާތަށް އެފައިސާ އަނބުރާ ދިނުމަށް ޝަރުތުކޮށްފަ އެވެ. މަރާމާތެއް ކުރަން އޮތްނަމަ، ދައްކަންޖެހޭ ބިލެއް އޮތްނަމަ އެއަށް ކަނޑާފަ އެވެ. އެހެންނަމަވެސް ގިނަފަހަރު ކަންތައްވަނީ އެހެނެއް ނޫނެވެ. ކިތަންމެ ބޮޑު އެޑްވާންސެއް ނަގާފައި އޮތަސް ތަން ދޫކޮށްލާފައި ދާއިރު، އެއިން އެންމެ ފައިސާފޮއްޗެއް ވެސް ކުއްޔަށް ހިފިފަރާތަށް ލިބޭގޮތެއް ނުވެ އެވެ. ނުވަތަ މަދު ފަހަރަކު ނޫނީ ނުލިބެ އެވެ.
ދާދި މިދާކަށްދުވަހު ޓީވީ އިން ކީ ޚަބަރެއް އަޑު އަހާފައި ކޮސްވި އެވެ. ކުއްޔަށްދޭން ތަނެއް ހަދާފައި، އެތަން ކުއްޔަށް ދޭން މީހަކު މަސައްކަތް ކުރި ވާހަކަ އެވެ. އެތަން ދައްކާފައި އެތައް ބަޔަކު އަތުން އޭނާ އެޑްވާންސަށް އެތައް ބައިވަރު ފައިސާއެއް ނެގީޔޯލަ އެވެ. ޔޯލައެއް ނޫނެވެ. ޙަޤީޤަތެވެ. ފުލުހުންނާ ހަވާލާދީ ކީ ޚަބަރެކެވެ. ހިތަށް އެރި އެވެ. ދިވެހިންނާ ޖެހުނީމާ ކޮންމެ ކަމެއްވެސް މިއޮންނަނީ ހައްދުފަހަނަ އަޅާފަ އެވެ.
މިއީ ޚަބަރެއްގެ ސިފައިގައި ކިޔަސް، އަޑު އަހާލާފައި ދޫކޮށްލެވޭވަރަށް ވުރެ ސީރިޔަސް މައްސަލަ އެކެވެ. މާލޭގައި ދިރިއުޅޭ މީހުންގެ ތެރޭގައި ގިނަވާނީ ތަންތަން ކުއްޔަށް ހިފައިގެން އުޅޭ މީހުންނެވެ. އިރުއިރުކޮޅުން ތަނަކަށް ބަދަލުވާން މިއޮންނަނީ ޖެހިފަ އެވެ. އެޑްވާންސަށް ފައިސާ ދައްކަން ނުޖެހޭތަނެއް މަދުވާނެ އެވެ. އެހެންނަމަވެސް މިކަހަލަ މީހުންތަކެއް މުޖުތަމަޢަށް އިތުރުވާން ފަށައިފިނަމަ، އިތުބާރު ކުރެވޭނީ ކާކަށް ހެއްޔެވެ؟ ދަންނަ މީހުންނަށް ވުރެ ގިނަވާނީ ނުދަންނަ މީހުންނެވެ. އެޑްވާންސަށޭ ކިޔާފައި ފައިސާ ތަކެއް އަތުން ދޫކޮށްލާއިރު މިއީ ރަނގަޅަށް ކުރެވޭ ކަމެއްބާވައޭ ހިތަށް އެރުމަކީ މައްސަލައެކެވެ. ތެދުވެރި މީހާއާމެދު ވެސް ކުރެވޭނީ ނުބައި ޝައްކެކެވެ.
ކޮންމެ ކަމެއްވެސް ރާވަނީ ނުވަތަ ހަމަޖައްސަނީ ދެފަރާތުގެ މަސްލަޙަތަށެވެ. އެއްވެސް މީހަކަށް އަނެކާއާ ދިމާއަށް އިނގިލި ދިއްނުކުރެވޭނެ ގޮތަކަށް ކަންކަން ކުރުމުގެ ގޮތުންނެވެ. އެހެންނަމަވެސް ކަންކަމުގައި އިޚުލާސްތެރިކަމެއް ނޯންނަ ކަމަށް ވަންޏާ، ދެން ކުރެވޭނެ ކަމެއް ނޯންނާނެ އެވެ. ކިތަންމެ ރަނގަޅަށް ކުރަން އުޅޭ ކަމެއްވެސް ދާނީ ގޯހުން ގޯހަށެވެ. އެކަކު ދެމީހަކު، ތިން މީހަކު ކުރާކަމަކުން، އެންމެންނަށް އޭގެ ބުރަ އުނދަގޫ އުފުލަން ޖެހެންޏާ އެއީ ގޯހެކެވެ.
ނިކަން ވިސްނާލަބަލާށެވެ! ބަޔަކު މީހުން ކަންކުރާ ގޮތުގެ ސަބަބުން މިއަދު އެންމެންނަށް ވެސް މިއޮތީ އޭގެ ތަކުލީފު ކޮންމެވެސް ސިފައެއްގައި އުފުލަން ޖެހިފަ އެވެ. ތަނެއް ކުއްޔަށް ހިފާނަމަ، ބޮޑު އެޑްވާންސެއް ބަހައްޓަން ޖެހެނީ އެވެ. އެ ގޮތަށް ބަހައްޓާ ފައިސާ ލިބޭނޭކަމުގެ ޔަގީންކަމެއް ގިނަމީހުންނަކަށް ނޯވެ އެވެ. ދެން ކުރިއަށް އޮތް ތަނުގައި ޝައްކު އުފެދޭނީ، އެޑްވާންސަށް ފައިސާތަކެއް ދޫކޮށްލާއިރު، ކުއްޔަށް ހިފަން އުޅޭތަން ލިބޭނެކަމާމެދުގަ އެވެ. އެކަކު އަނެކަކަށް އިޚުލާސްތެރި ވެވޭނަމަ، މިފަދަ ވާހަކަތައް މިފަދަ ކޮލަމްތަކުގައި ލިޔާކަށް ނުޖެހޭނެ އެވެ.