16 Nov 2023, 22:29
އައު ސަރުކާރުގެ މަގާމާ ހަވާލުވުމަށް ޓަކައި މާލޭ ސިޓީގެ ދެ ކައުންސިލަރަކު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ސިޓީ ކައުންސިލުން ބުނި ގޮތުގައި އިސްތިއުފާ ދެއްވީ މާލޭ ސިޓީގެ މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒާއި، މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނަސީރު (އައްޅޯ)އެވެ.
މި ދެ ބޭފުޅުންނަކީ ޑރ. މުއިއްޒުގެ ވަރަށް އަރިސް ދެ ބޭފުޅުންނެވެ. އެ މަނިކުފާނު އިންތިޚާބުވުމާއެކު ވެސް އަދި ކެމްޕޭނު ތެރޭގައި ވެސް އެ ދެ ބޭފުޅުން ގެންދެވީ އެ މަނިކުފާނާ ވަރަށް އަރިހުގައި މަސައްކަތް ކުރައްވަމުންނެވެ.
މި އަހަރު ރަމީޒު ވަނީ އޭނާގެ ސުލޫކީ މައްސަލައެއް ޕީޕީއެމުން ބަލަމުން އަންނަނިކޮށް ޕާޓީން އިސްތިއުފާ ދެއްވައިފައެވެ.
އެއިރު އެ މައްސަލަ ބެލީ "ސަން"އަށް އެނގިފައިވާ ގޮތުގައި ރިޔާސީ އިންތިޚާބަށް ޑރ. މުއިއްޒަށް ކެމްޕޭނު ކޮށްދެއްވާ ކަމަށް ތުހުމަތުކޮށެވެ. އޭނާގެ މައްޗަށް ތުހުމަތުކުރީ ޕީޕީއެމްގެ ޓިކެޓުގައި މުއިއްޒު ރިޔާސީ އިންތިޚާބަށް ވާދަކުރުމަށް ވަކާލާތުކުރި ކަމަށެވެ.
އައު ސަރުކާރުގެ އެކި މަގާމުތަކާ ހަވާލުވުމަށް ސަރުކާރުގައި ހިމެނޭނެ އިސް ބޭފުޅުން ތައްޔާރުވަމުން އަންނައިރު، މި ނިމޭ ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި، ސިޔާސީ މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން އަންނަނީ މަގާމުތަކުން އިސްތިއުފާ ދެއްވަމުންނެވެ.