16 Nov 2023, 21:54
ކްރިމިނަލް ކޯޓުގެ މަސައްކަތްތައް ގިނަވެ، އެކަމާ ގުޅުންހުރި ޝަކުވާތައް ވެސް ލިބެމުންދާތީ އެ ކޯޓުން ރިސެސްއަށް ނުދާން ނިންމައިފިއެވެ.
ކްރިމިނަލް ކޯޓުން އާންމު ގޮތެއްގައި ކޮންމެ އަހަރެއްގެ މެދުތެރޭގައި އާއި ޑިސެމްބަރު މަހު ރިސެސްއަށްދެއެވެ. ނަމަވެސް މިދިޔަ ޖޫން މަހުގެ ތެރޭގައި ވެސް މަސައްކަތްތައް ނުނިމި ހުރުމުން އެ ކޯޓުން ރިސެސްއަށް ނުދިޔުމަށް ނިންމިއެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން މިމަހު ވެސް ރިސެސްއަށް ނުދެވޭ ގޮތްވީ ކުރިން ވެސް ދިމާވި ސަބަބުތަކާ ހެދިއެވެ.
އެ ކޯޓުން ފާހަގަކުރި މައްސަލަތަކުގެ ތެރޭގައި:
ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ ސަބަބުން، ކޯޓުގެ މަސައްކަތްތަކަށް ބުރޫ އަރާފައިވުން
- ފެބްރުވަރީ 22ގައި އެ ކޯޓުގެ އިމާރާތުގެ އެއްބައި ބޭނުން ނުކުރުމަށް ޖޭއެސްސީއިން އެންގުމާ ގުޅިގެން ކޯޓުގެ އިމާރާތް ހުޅުމާލޭގެ ކޮވިޑް ފެސިލިޓީއަށް ބަދަލުކުރުމަށް ނިންމައި، އެ މަސައްކަތް ކުރިއަށް ގެންދިއުމަށް އާބަންކޯ އާ ހަވާލުކޮށްފައިވާކަމަށް ޑީޖޭއޭއިން ބުނި ނަމަވެސް، އިމާރާތުގެ މަސައްކަތް ނިމޭނެ މުއްދަތެއް އަދިވެސް ނޭގުން.
- އިމާރާތުގެ ދަތިކަން މެދުވެރިވެގެން، ކޯޓުން ތާވަލުކުރާ މައްސަލަތަކުގެ އަދަދު 50 ޕަސެންޓަށް ދަށްވެފައިވާއިރު އަޑުއެހުންތައް ލަސްވުމުގެ ސަބަބުން ދައުވާ ލިބޭ ފަރާތްތަކުގެ، ޚާއްސަކޮށް ބަންދުގައި ތިބި ފަރާތްތަކުގެ ޝަކުވާ ގިނަ އަދަދަކަށް ކޯޓަށް ހުށަހަޅަމުން ދިޔުން
- އަޑުއެހުންތައް މަދުވުމުގެ ސަބަބުން ކޯޓުން ނިންމާ މައްސަލަތަކުގެ އަދަދު ދަށްވެ ގާޒީންގެ ބެކްލޮގް މައްސަލަތައް އިތުރުވެފައިވުން
އެހެންވެ، މިވަގުތު ކޯޓުގެ މަސައްކަތުގެ މާހައުލު އޮތްގޮތުން ކޯޓުން ރިސެސްއަށް ދެވެން ނެތް ކަމަށް ނިންމީ ކަމަށް ބަޔާނުގައިވެއެވެ.
ކްރިމިނަލް ކޯޓު ހިންގަމުން ދާ ދެ އިމާރާތުގެ ތެރެއިން ހަތަރުބުރީގެ ބައު އިމާރާތް ބޭނުންކުރުން ހުއްޓާލަން ޖޭއެސްސީން އެންގީ އެ އިމާރާތުގެ އިންސްޕެކްޝަނަކަށް ފަހުގައެވެ. އެ އިންސްޕެކްޝަން ކުރިއަށްގެންދިޔައީ، ކޯޓުގެ އިމާރާތުގެ އެތެރޭގައި ހުރި ތަނބެއްގެ ބައެއް ވެއްޓުމުންނެވެ.