20 May 2012, 16:11
ސ. ޑީޑީ ވިދާޅުވެފަ އެބޮތް ޕާޓީގެ ކުރީގެ ރައީސުންނަށް މަގާމުގަ ނުތިއްބެވުނީ ވެރިކަމުގެ ދަހިވެތިކަން އޮތުމުގެ ސަބަބުން ކަމަށް. އެެހެންވީ އިރު ޑީޑީ އަށް އިތުބާރު ނެތްކަމުގެ ވޯޓެއްނަގަން މިޖެހުނީ ކީއްވެގެންތޯ؟
ޖ. ތެދުފުޅެއް އަޅުގަނޑު ބުނެފަ އޮންނާނެ ކުރީގެ ރައީސުންނަށް ދިމާވެފައޮތް މައިގަނޑު ކަމަކީ ވެރިކަމުގެ ކޯޅުންތަކޭ އެހެން ދަންނަވަންޖެހުނު ސަބަބުތަކެއްވެސް ހުރި. އެއީ އަޅުގަނޑަށް ޕާޓީ ތެރެއިން ލިބެމުންދިޔަ މައުލޫމާތު ތަކަކީ އެކަހަލަ ގޮތަކަށް ކަންތައްތަކެއް ހުރުމުންކަމަށް. އެހެން ނަމަވެސް އެއީ ކިހާވަރެއްގެ ހަގީގަތެއްތޯ އޮޅުންފިލުވާލީމަ އެއީ ބަޔަކު ފަތުރާފަ އޮތް ޕޮރޮޕެގަންޑާއެއްކަން ހާމަވެގެން ގޮސްފަ އޮތީ. މިފަހަރު ނޯކޮންފިޑެންސްގެ ވޯޓެއް ނެގުމުގެ މައިގަނޑު ސަބަބެއް ކަމަށް އަޅުގަނޑަށް ފާހަގަ ކުރެވެނީ ޑިމޮކުރަސީ ހަޖަމު ނުކުރެވޭ ޕާޓީގެ އިސް ފަރާތްތަކެއް ތިބުމުގެ ސަބަބުން ކަމަށް، ޕާޓީގެވެސް އަދި ގައުމުގެވެސް ވެރިކަމުގެ އެއްވެސް ކަހަލަ ޝައުގުވެރިކަމެއް ހުރެގެން އެކަމަށް އަޅުގަނޑު މަސައްކަތް ނުކުރާކަން ތަކުރާރުކޮށް އަޅުގަނޑު ސާބިތުވެސް ކޮށްދިނިން. ދެން ނޯ ކޮންފިޑެންސް ވޯޓެއް ނެގި ކަމަށް ބުނާ އިރު، އިލެކްޝަންސް ކޮމިޝަނުގައި ދަފުތަރު ކޮށްފައިވާ އެމްޑީޕީގެ އަސާސީ ގަވައިދުގައި އޮންނަ ގޮތުން ޕާޓީގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނުވެސް ނެގޭނެ.
ސ. ރައީސް ނަޝީދަށް މިހާރު ޕާޓީގަ އޮތް ރަސްމީ ހައިސިއްޔަތީ ކޮބައިތޯ؟
ޖ. އަސާސީ ގަވާއިދު ބުނާ ގޮތުން އާއްމު މެންބަރެއްގެ ހައިސިއްޔަތު އޮތީ، ދެވަނަ ހައިސިއްޔަތަކަށް އޮންނާނީ ޕާޓީގެ ރިޔާސީ ޕްރައިމަރީގަ ބައިވެރިވެވަޑައިގެންނެވީ ޕްރައިމަރީ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން އަދި މިއަދާ ހަމައަށް.
ސ. ތި ވިދާޅުވަނީ ޕާޓީގެ އެންމެ އާއްމު މެންބަރެކޭ ރައިސް ނަޝީދެކޭ އެއްވެސް ތަފާތެއް ނޯންނާނޭތޯ؟
ޖ. އަސާސީ ގަވާއިދު ބުނާގޮތުން ނޯންނާނެ އެއްވެސް ތަފާތެއް. އަޅުގަނޑުމެން އަމަލުކުރަންޖެހޭނީ އަސާސީ ގަވައިދަށް.
ސ. އަޅުގަނޑުމެންނަށް މިފެނުނީ މި މަހުގެ އެއް ވަނަ ދުވަހުގެ ރޭ ވެސް ޕާޓީގެ ހަރަކާތްތަކެއް ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ކުރިއަށް ގެންދެވިތަން. އެކަންތައް ކިހާވަރަށް ދޫކޮށްލާފަ ބާއްވާނަންތޯ؟
ޖ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގަ އެމްޑީޕީގެ ރަސްމީ ހައިސިއްޔަތު އޮތް ރައީސަކީ އަދި ވެސް އަޅުގަނޑު. އެތައްހާސް ބަޔަކު ވޯޓުދީގެން ބޮޑު އަގުލަބިއްޔަތަކުން އަޅުގަނޑު އިންތިހާބު ކުރިއިރުގަ ގަބޫލުކުރެވޭ ގޮތުގަ ޕާޓީގެ އާއްމު މެންބަރުން އަޅުގަނޑާ ހަވާލުކޮށްފަ އޮތީ އަސާސީ ގަވާއިދު ނަގަހައްޓާ ދެމެހެއްޓުން. އެހެންވީމަ އަސާސީ ގަވާއިދުގަ ކަނޑައެޅިފަވާގޮތުގެ މަތިން ޕާޓީގެ އެންމެހައި ކަންތައްތައް ހަމަމަގަށް އަޅުވައި ވީހާވެސް ސުލްހަވެރި ޑިމޮކްރެޓިކް ރީތި އުސޫލުން ކުރެވެން ހުރި މަސައްކަތް އަދިވެސް އަޅުގަނޑު ކުރާނަން.
ސ. މި މަހުގެ އެއްވަނަ ދުވަހުގެ ރޭ ހިނގާދިޔަ ކަންތައްތަކުން ފެނުނީ ތިވިދާޅުވި ކަންތައްތަކާ ހިލާފަށް ދިޔަތަން ނޫންތޯ؟
ޖ. އެރޭ އެކަންޏެއްނޫން ތަކުރާރުކޮށް އެކަހަލަ ކަންތައްތައް ދާތީ އަޅުގަނޑު ކަންތައް ބޮޑުވަނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގަ އަޅުގަނޑުމެނަށް ސިޔާސީ ގޮތުން ކަންތައްތައް ހާސިލުކުރެވޭނީ މަގުމައްޗަށް ނުކުމެގެން ހަޅޭފަޅޭ ޖަހައިގެނެއްނޫން. މަގުމަތީގަ ސުލްހަވެރި ހިނގާލުންތައް ސުލްހަވެރި ގޮތުގަ އިހްތިޖާޖްކުރުން އެއީ އަޅުގަނޑުވެސް ތާއިދުކުރާކަމެއް. ޤާނޫނު އަސާސީން ލިބިދީފަ އޮތް މިނިވަންކަމެއް، އެކަމަކު އެލިބިދޭ މިނިވަންކަން ނަހަމަގޮތުގަ އަނެއްމީހާގެ މިނިވަންކަމަށް އަރައިގަނެވޭ ގޮތަށް ބޭނުންކުރުމަކީ ޑިމޮކްރެޓިކް އުސޫލެއްކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ. ރާޅުގަނޑު ސަރަހައްދަށް ކޮންމެ ރެޔަކު 60 ނުވަތަ 80 ހާސް ރުފިޔާ ޕާޓީގެ ބަޖެޓުން ހަރަދުކުރެވިގެން ދާއިރުގާ ޕާޓީގެ މެންބަރުން ތިބީ އުސްފަސްގަނޑަކު އެކަންޏެއްނޫން. 48 ހާސް މެންބަރުން ތިބިއިރު ރާއްޖޭގެ އެކިއެކި ސަރަހައްދުގަ އެކިއެކި ކަންކޮޅުތަކުގަ އެބޭފުޅުންގެ ޖީބުން ހަރަދުކޮށްގެން ދަރަނިވެރިވެގެން ޕާޓީގެ ހަރަކާތްތައް ކުރިއަށް ނުގެންދެވިފަ ތިބި އެތައް ހާސް ބަޔަކު އެބަތިބި. މިއަދު ގަބޫލުކުރަންޖެހޭ ހަގީގަތަކީ ރާއްޖޭގެ އެކި އެކި ކަންކޮޅުތަކުގައި އަޅުގަނޑުމެނަށް ލިބެންޖެހޭ ހައްގުތަކެއް ލިބިދިނުމުގަ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި. އެކަން ކުރިއަށް ގެންދިއުމަށްޓަކއި އެބޭފުޅުން ނިސްބަތްވެވަޑައިގަންނަވާ ސަރަހައްދު ގައި ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް މުއާމަލާތްކުރުމުން ރައްޔިތުންނަށް އޭގެން ލިބިގެންދާނެ މަންފާ އާއި މަލްޓިޕާޓީ ނިޒާމެއްގެ ތެރެއިން އަޅުގަނޑުމެންނަށް ލިބިގެންދާނެ މަންފާތަކެއް ހުންނާނެ، އެކަމަކު ދިގުދެމިގެންދާ ހަރަކާތެއްގެ ގޮތުގަ މުޅި މާލެ ތެރޭގަ ހަޅޭ ފަޅޭ ޖަހާ މިކަހަލަ ކަންތައް ކުރުމުން އޭގެ ސަބަބުން އަޅުގަނޑުމެންނަށް ސިޔާސީ ގޮތުން ވަރަށް ދެރަ ނިކަމެތި ގޮތްތަކެއް އެބަދިމާވޭ، މިޕާޓީއަށް ތާއީދުކުރައްވާ ސައިލެންޓް ވޯޓްސް އެބަތިބި ބައިވަރު. އެމީހުންގެ ނިދި ނަގާލެވި އެމީހުންގެ އާޢިލާތަކަށް ދަތި އުނދަގޫވެ، ތަންތަނުގެ ބިއްލޫރި ތަޅާ މާރާމާރީ ހިންގާ މިކަހަލަ ހާދިސާތަކެއް ހިނގާ ދިޔައީމަ އަޅުގަނޑުމެންނަށް ތާއީދުކުރަން ތިބި އެތައް ބައެއްގެ ނުރުހުން އަޅުގަނޑުމެންނަށް އެބަ އަމާޒުވޭ. އަޅުގަނޑުމެންގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށްފަ އޮންނާނެ މަގުމަތީގެ ހަރަކާތްތައް ހިންގާނެ ގޮތް ރޭވުމަށް 3 މެންބަރުންގެ ކޮމެޓީއެއް، އެކަމަކު އެތިން މެންބަރުންގެ ކޮމެޓީގެ މަޝްވަރާގެ މަތިންނެއްނޫން މިއަދާހަމައަށް މަގުމަތީގެ ހަރަކާތްތައް ގެންދަނީކީ.
ސ. ރީކޯ މޫސާ މަނިކަށް ޕާޓީގަ އޮތް ހައިސިއްޔަތަކީ ކޮބައިތޯ؟
ޖ. ޤާނޫނީ އެއްވެސް ހައިސިއްޔަތެއް ނެތް އާއްމު މެންބަރެއްގެ ހައިސިއްޔަތު އޮންނާނެ،
ސ. ޕާޓީގެ ރަސްމީ އެއްވެސް ލިޔެކިއުމެއްގަ ނެތްތޯ މޫސާ މަނިކަކީ ޕާޓީގެ ވަގުތީ ޗެއަރ ޕާސަންކަން އެނގޭކަށް؟
ޖ. އެބޭފުޅާ އަމިއްލަޔަށް އެހެން ލިޔުއްވާފަ ސޮއިކުރެއްވީމަ އޮވެދާނެ، އެހެން ނަމަވެސް އައްޔަން ކުރުމުގެ ކަންތަކުގަ އެނގޭކަށް ފެންނާކަށް ނެތް،
ސ. މަނިކުފާނު މީޑިއާއަށް ދެއްވި އިންޓަވިއުތަކުގަ ވިދާޅުވެފަ އެބަހުރި ޕާޓީގެ އާއްމު މެންބަރުން މަނިކުފާނާ ހަވާލުކުރައްވާފަ ހުރި މަސްއޫލިއްޔަތު އަދާ ކުރުންމަތީ ދެމިހުންނަވާނެކަމަށް، ޕާޓީ ތެރެއިން މިކަމަށް ޖާގަ އޮތް ކަމަށް ގަބޫލުކުރައްވަންތޯ؟
ޖ. ރައްޔިތުންގެ މަޖިލީހު މެންބަރުންވެސް އަދި ގައުމި މަޖިލީހުގެ މެންބަރުންވެސް ކަންތައްތައް ވަމުންދާ ގޮތް ވިސްނިވަޑައިގެން ޒިންމާދާރުކަމާއެކީގަ މަސައްކަތް ކުރައްވާނެކަމަށް އަޅުގަނޑު އުއްމީދުކުރަނީ، އަދި ގައުމީ މަޖިލީހުގެ މެންބަރުންގެ ވިސްނުންފުޅު މިކަމުގަ ތަންކޮޅެއް ފުޅާކޮށް ގެންގުޅުއްވާ މުޅި ޕާޓީގެ މަސްލަހަތާ ޕާޓީގެ ބޮޑު މަންޒަރަށްޓަކައި އެބޭބޭފުޅުން އަދިވެސް ހަމަ ޕާޓީގެ ރައީސް އާއި ނައިބުރައީސް ގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ދިމާވެފަ ހުރި ހުރަސްތައް ގިރާ ކުރުމަށް ކޮށްދެވެން ހުރި މަސައްކަތްތައް ކޮށްދޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ވަކި ބޭފުޅަކު ބޭނުންވާތީ ހަމަ އެ ބޭނުންވާހާ ގޮތަކަށް ހުރިހާ ކަމެއް ކުރާން ޖާގަ ނުދެއްވާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ.
ސ. މަނިކުފާނު ތި މާނަ ކުރައްވަނީ ރައީސް ނަޝީދަކީ ޑިކްޓޭޓަރޝިޕް ވެރިއެއް ކަމަށްތޯ؟
ޖ. ހިނގާފަ ހުރި ކަންތައްތަކަށް ބަލާއިރުގަ އަދި ބައެއް ބޭބޭފުޅުންގެ ތުހުމަތުތަކަށް ބަލާއިރުގަ އެހެން ބުނެވޭނެ ޖާގަ އެބޮތް. އެއީ މިސާލަކަށް ޕާޓީ ނިޒާމުގެ ވެރިކަމެއް ހިންގަމުން ގެންދިޔަ އިރުގަ ވެރިަކން ކުރާ ޕާޓީގެ ރައީސާ ސިޔާސީ ކަންކަމުގަ މަޝްވަރާ ނުކުރެވި ދިޔަ ދިޔުންވެސް އަޅުގަނޑަށް ފާހަގަ ކުރެވޭ އަދި މުޒާހަރާތަކާ އެކި އެކި ހާދިސާތައް ހިނގަމުން ދާއިރުގާ އަޅުގަނޑު އަމިއްލައަށްވެސް މަޝްވަރާކޮށްގެން އޭގެ ސުލްހަވެރި ހައްލު ހޯދުމަށް އެތައްފަހަރަކު އެދިފަ އޮތް އޮތުމަށްވެސް އިޖާބައެއް ނުދެއްވާ އެމަޝްވަރާ ކުރުމުގެ ކަންތައް ތަކަށް އިސްކަން ނުދެވި އޮތް އޮތުން ފާހަގަ ކުރެވިގެން ދޭ. މަލްޓި ޕާޓީ ނިޒާމު ގެ ވެރިކަމެއްގައި އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރުމީ އެއީ ހަމަ ނޯމަލް ޕްރޮސީޖާ އެއް. އެހެން ކަންތައްތައް ވެގެން ދާއިރުގާ ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ސުލްހަވެރި ހައްލު ހޯދަނީ މަޝްވަރާ ކުރެވިގެން، އަޅުގަނޑު ނުބުންޏަސް އެނގިވަޑައިގަންނަވާނެ އެއްވެސް ވަރެއްގެ މަޝްވަރާއެއް ހިނގާފަ ނެތްކަން.
ސ. ރައީސް ނަޝީދު ކުރެއްވީ ރައްޔިތުންގެ ވެރިކަމެއް ކަމަށް ގަބޫލު ކުރައްވަންތޯ؟ އަދި ރައީސް ނަޝީދާ މަނިކުފާނާ ކިހާވަރެއްގެ ގުޅުންތަކެއް މިދިޔަ ތިން އަހަރުތެރޭގަ އޮތްތޯ؟ ކިހާދުވަހެއްދޭތޯ މުއާމަލާތް ނުކުރެވި؟
ޖ. ޕާޓީގެ ރައީސް ގެ ހައިސިއްޔަތުން އަޅުގަނޑާ އެއްވެސް މުއާމަލާތެއް ހިންގަވާފައެއް ނެތް، ދެން ރައްޔިތުންގެ ވެރިކަމޭ ހަމަ އެކަނި ބުނެފަ އެގޮތަށް އަމަލު ނުކުރެވޭ ކަމަށް ވަންޏާ ވަރަށް ގިނަބަޔަކު ސުވާލު އުފައްދަވާނެ. މިސާލެއްގެ ގޮތުން ދަންނަވާ ކަމަށް ވަނ ްޏާ ލޯކަލް ކައުންސިލްތައް ނުވަތަ ރަށްރަށުގަ ތިބޭ ކަތީބުންނަކީ ރައްޔިތުން އިންތިހާބުކޮށްފަތިބޭ ބޭފުޅުންގެ ގޮތުގަ ހަދާ އެސަރަހައްދުގެ ހުރިހާ ބާރުވެރިކަމެއް ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލުމުގެ މާތް ނިޔަތުގަ ލޯކަލް ކައުންސިލް ގެ ގާނޫނެއް ފާސްކުރެވި އެގޮތަށް އަމަލުކުރެވެމުން ދިޔައިރުގަ އަޅުގަނޑުމެން އެޑްވޮކޭޓް ކުރަމުން މިގެންދިޔައީ މާލޭގަ ތޮއްޖެހިފަ އޮތް ސިޔާސީ ބާރުވެރިކަން ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލާ ވާހަކަ. އެކަމަކު މިއަދު ގިނަ ބަޔަކު އުފައްދާ ސުވާލަކީ ލޯކަލް ކައުންސިލްތައް އިންތިޚާބުވެގެން އައީމާ އެބާރުވެރިކަން ކިހާވަރަކަށް ދޫކުރެވިފަތޯ އޮތީ ނޫނީ އިތުރަށް ބާރުތައް ހިފެހެއްޓިފަތޯ އޮތީ މީ އުފެދޭ ސުވާލެއް.
ސ. ކުރިއަށް އޮތް ތަނުގައި ރައީސް ނަޝީދު ނުވަތަ ރީކޯ މޫސާ މަނިކު، އެބޭފުޅުން އެކަންތައްތައް ކުރައްވަމުން ގެންދިޔަ ގޮތަށް ޕާޓީ ތެރޭ ކަންތައްތައް ކުރެވުމުގެ ޖާގަ ޑީީޑީ ދެއްވާނަންތޯ؟
ޖ. ގާނޫނީ ގޮތުން ޕާޓީ ހިމާޔަތްކޮށް، ޕާޓީގެ އަސާސީ ޤަވާއިދު ހިމާޔަތްކޮށް އަސާސީ ޤަވާއިދުގައި ކަނޑައެޅިފައިވާ ގޮތަށް އާންމު މެމްބަރުންނަށް ހިދުމަތް ކުރުމުގެ ޖާގަ، ލިބޭތޯ ޤާނޫނީ ގޮތުން ކުރެވެންހުރި މަސައްކަތްތައް އަޅުގަނޑު އިރާދަކުރެއްވިއްޔާ ކުރިޔަށް ގެންދާނަން.
ސ. އެމް.ޑީ.ޕީ ގެ ގްރާސް ރޫޓް ލެވަލްގައި މަނިކުފާނަށް ތާއީދު އޮތީ ކިހާވަރަކަށްތޯ؟
ޖ. ތާއިދު އޮތްވަރު ވަރަށް ސާފު ދެއްތޯ. ޕާޓީގެ ރައީސްގެ އިންތިހާބުގައިވެސް ފެނިގެން ދިއަ ދެއްތޯ.
ސ. ޕާޓީގެ އޮފީހަށް ވަކިވަޑައިގެން މަސައްކަތް އެބަ ކުރައްވަންތޯ؟
ޖ. ޕާޓީ އޮފީހުގެ ކަންއްތައްތައް ހުންނަ ގޮތުން އަޅުގަނޑު ކުރިންވެސް ދަންނަވާލިހެން ވަގުތީ ޗެއާރ ޕާރސަން ހުންނަނީ އިދާރީ މުވައްޒަފުންނަށް އަމުރުކޮށްފަ ރައީސް އަށް އެއްވެސް ކަހަލަ އިދާރީ މަސައްކަތެއް ކޮށް ނުދޭން، ކޮށްދީފިއްޔާ ވަޒީފާއިން ކަނޑާލާނެކަމަށް. އެހެންވީމަ އެއީ ފަސޭހަ ކަމަކަށްނުވޭ، ނަމަވެސް އަޅުގަނޑު އޮފީހަށް ވަދެލާފައި ކުރެވެން އޮތް ކަމެއް ވެއްޖެއްޔާމުން ކުރެވެން އޮތް މިންވަރަކުން ކުރަމުން މި ގެންދަނީ. އޭގެ އިތުރުން އަޅުގަނޑު ޖަވާބުދާރީ ވާންޖެހޭ ސިޓީތަކަށާއި، ސެކެރެޓަރީ ޖެނެރަލްއާއި ކޮމިއުނިކޭޓް ކޮށްގެން އެކަންތައްވެސް ކުރިއަށް އެބަ ގެންދަން.
ސ. ސެކަރަޓަރީ ޖެނެރަލް، ރަސްމީ މުއާމަލާތްތަކުގައި، ޕާޓީގެ އިދާރީ އޮފީހުން މަނިކުފާނާއި، މުއާމަލާތް ކުރައްވަމުން ގެންދަވާތޯ މިހާރު؟
ޖ. ޕާރޓީގެ ސެކެރަޓަރީ ޖެނެރަލް ކުރައްވާ.
ސ. ރައީސް ނަޝީދު އިސްތިއުފާ ދެއްވި ދުވަހު އެއްވެސް ވަރަކަށް މަނިކުފާނާއި މަޝްވަރާ ކުރެއްވެވިތޯ؟
ޖ. އަޅުގަނޑާ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އެއްވެސް މަޝްވަރާއެއް ނުކުރައްވާ. އަޅުގަނޑުމެންނާއި ބައްދަލު ކުރެއްވެވި ކެބިނެޓްގައި އިސްތިއުފާ ދެއްވެވުމުގެ ކުރިން. އަޅުގަނޑު އެދުވަހު ހަމަ ވަގުތުން ދެންނެވިން އަޅުގަނޑަށް ފެންނަ ކަމެއް ނޫނޭ އިސްތިއުފާ ދެއްވުމަކީ. އަދި އޭގެ ކުރީގައިވެސް ރައީސް ނަޝީދުގެ ވެސް އިޝާރާތަކަށް، ނަޝީދު ވިދާޅުވެގެން އިންޑިއަން ހައި ކޮމިޝަނާއި ވެސް އޭރު އަޅުގަނޑުމެން މަޝްވަރާ ކުރަމުން ގެންދިޔައީ. އިންޑިއަން ހައިކޮމިޝަނަރ މަސައްކަތް ކުރެއްވީ ހުރިހާ ސިޔާސީ ޕާޓީއެއްގެ އިސްލީޑަރުން، ހާއްސަކޮށް އިސްކޮށް ރައްޔިތުން މަޖިލީހުގައި ތަމްސީލު ކުރާ ބޮޑެތި ޕާޓީތަކުގެ އިސްބޭފުޅުންނާއި، އަޅުގަނޑުމެންނާއި އެކީގައި މަޝްވަރާ ކޮށްލައިގެން ސްޓޭޓްމަންޓެއް ނެރިފައި ކޮންމެވެސް ވަރެއްގެ ސުލްހަވެރި ހައްލެއް ހޯއްދެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް، ރައީސް ނަޝީދު އެ ގޮތަށް ނިންމަވާ ކުރިއަށް ގެންދެވީ. އަޅުގަނޑު އޭރުގަވެސް ދެންނެވީން، ރައީސް ނަޝީދުވެސް ވިދާޅުވެގެން މިކަހަލަ މުއާމަލާތް ތަކެއް ދަނިކޮށް އެގޮތަށް ނިންމި ނިންމެވުމަކީ އަޅުގަނޑަށް ގަބޫލުކުރެވޭ ކަމެއް ނޫނޭ. އަދި އޭގެ އިތުރަށް ވެސް ރައީސް ނަޝީދު ބޭނުންފުޅުވެއްޖެކަމަށް ވެއްޖެއްޔާ ކެބިނެޓުން ނެގޭ ކުޑަ ކޮމެޓީއަކުން އިދިކޮޅު ފަރާތްތަކާއި އެކީގައި ނުވަތަ އެއްވެފައި ތިބި މީހުންނާއި މުއާމަލާތް ނުވަތަ އެއްވެފައި ތިބި މީހުން ލީޑްކުރަންތިބި ބަޔަކާއި އެކީ މަޝްވަރާކޮށްލައިގެން މިކަމަށް އެދެވޭ ހައްލެއް ހޯދޭތޯ މަސައްކަތް ކުރަންވާނެ ކަމަށް އަޅުގަނޑު ބުނިން.
ސ. މަނިކުފާނު އެ ގޮތަށް ވިދާޅުވީ އެއީ މަނިކުފާނަށް ގަބޫލުފުޅު ކުރެއްވުނީތޯ އެ ދުވަހު އެ ތަނުގައި ރައީސް ނަޝީދު އިސްތިއުފާ ދެއްވަން ޖެހޭ ފަދަ ހާލަތެއް ނެތް ކަމަށް؟
ޖ. އަޅުގަނޑަކަށް ނޭނގެ އެއްވެސް ބަޔަކު ރައީސް ނަޝީދަށް މަޖުބޫރު ކުރެއްވި ހާލަތެއް މެދުވެރިވި އޭރަކު. އޭރަކު ވިދާޅެއް ނުވޭ. މާ ފަހުން ނޫންތޯ މަޖުބޫރު ހާލަތެއްގެ ވާހަކައެއް ކަމަށް ވިދާޅުވީ. އަޅުގަނޑު ގާތުގައި ވިދާޅު ނުވީމަ އެއަކަށް އަޅުގަނޑަކަށް އެޑްރެސް ކުރާކަށެއްވެސް ނޭނގުނު. ހަމައެކަނި ވިދާޅުވީ ޑީޑީ ކޮންކަހަލަ ވާހަކައެއްހޭ ތި ދައްކަނީ، މި އޮތީއެއްނުހޭ ފެންނަން. އެ އިޝާރަތް ކުރެއްވެވީ މަގުމަތީގެ ހަރަކާތްތަކަށް. އަޅުގަނޑު ދެންނެވިން އާދޭހޭ، އަޅުގަނޑަށް ކޮނެމެވެސް ވަރަކަށް އެބަފެނެޔޭ. އަދި ޓީވީއިން އަޅުގަނޑަށް ފެންނަމުން ދިޔަޔޭ ފުލުހުން މިޔުޓިނީގައި ތިބިކަން. އަދި އާންމުންގެ ގިނަ ބަޔަކު އެއްވެގެން، އިއްތިހާދުގެ ބޭބޭފުޅުން ތިއްބެވިކަން. އެކަމަކު އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މިޔުޓިނީގައި ތިއްބެވި ބޭފުޅުން ޑިމާންޑް ކުރައްވަމުން ގެންދެވީ އެންމެ ކަމަކަށް. އެއީ ފަސީހު ނިކުމެ ވަޑައިގެން ވިދާޅުވުމޭ ތިމަންނަމެންނަށް ގާނޫނާއި ހިލާފު އަމުރެއް ނުކުރައްވާނެ ކަމަށާއި، ތިމަންނަމެންނަށް މިޔުޓިނީއަށާއި، އަދި ކުރެވުނު ކަމަކަށް މާފުދެއްވާނެ ކަމަށް. އެހެންވީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސިޔާސީ ގޮތުން ބަލާއިރުގައި އެންމެ ބަހެކޭ ބުނެލަން ވަނީ. ދެން ފަހުން ހަގީގަތުގައިވެސް އެ މިއުޓިނީ އެރޭންޖްކޮށް ނޫނިއްޔާ އެތަނުގައި ގަވާއިދާއި ހިލާފު ކަމެއް ކުރިއްޔާ ކުރުމުގެ އިސްކޮށް ހުރި ބޭފުޅަކާއި ދޭތެރޭގައި ހަމަ ފިޔަވަޅު އެޅުއްވޭނެނޫންތޯއޭ.
ސ. ރައީސް ނަޝީދުގެ ވެރިކަން ނިމިގެން ދިޔައީ ބަޣާވާތަކުން ކަމަށް ޑީޑީ ގަބޫލު ކުރައްވަންތޯ؟
ޖ. ބަޣާވާތަކުންނޭ ކަނޑައެޅިގެން 100 ޕަރސަންޓް ބުނާނެ ޖާގަ އަޅުގަނޑުމެންނަށް ފެނިގެންދާނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިނިވަން މުސްތަގިއްލު އިންވެސްޓިގޭޝަންއެއް ކޮށްފަ. އެހެންނޫން ޕޮލިހުން މިޔުޓިނީގައި ތިއްބެވި ތިއްބެވުމާއި އަދި ޕޮލިހުންގެ ފަރާތުން އަޅުގަނޑުމެންނަށް ޓީވީ ތަކުން ފެނިގެންދިޔަ މަންޒަރުތަކުން ގަވާއިދާއި ހިލާފު އަމަލުތަކެއް ހިނގާފައިވާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. އަޅުގަނޑު އެކަން ކުށްވެރިވެސް ކުރަން. އެކަން ހިނގާފަ އޮތީ ކިހިނެއްތޯ، އެކަން ހިނގަން މެދުވެރިވީ ކޮން ސަބަބުތަކެއްތޯ، އެއީ ހަގީގަތުގައިވެސް ބަލަންޖެހޭ ކަންތައްތަކެއް.
ސ. މިހާރު ރިޔާސީ އިންތިޚާބެއް ބާއްވައިފި ނަމަ ރައީސް ނަސީދަށް ވެރިކަން ކާމިޔާބު ކުރެއްވުމުގެ ފުރުސަތު އޮތްކަމަށް ގަބޫލު ކުރައްވަންތޯ؟
ޖ. ރައީސް ނަޝީދުއަށް ވެރިކަން ހޯއްދެވުމުގެ ފުރުސަތު އޮތްތޯ ނެތްތޯ ނިންމާނީ ރާއްޖޭގެ ރައްޔިތުން. ރައީސް ނަޝީދު ބައިވެރިވެ ވަޑައިގެންނެވި އިންތިހާބުތަކުގެ ނަތީޖާ ތަކަށް ރިޢާޔަތް ކޮށްގެން ދެން އަޅުގަނޑުމެންނަށް އެއްޗެއް ބުނެވޭނީ. އަޅުގަނޑަކީ ފެންނަން ހުރި ހެކިތަކަށް ރިޢާޔަތް ކުރަންޖެހޭ ކަންތައްތަކަށް ރިޢާޔަތް ކޮށްފައި އެއްޗެއް ބުނާ މީހެއް. އެގޮތުން އަޅުގަނޑަށް ދެންނެވޭނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ނަޝީދަށް ލިބިވަޑައިގަތީ 24 ޕަރސަންޓް. އަޅުގަނޑުމެންނަށް ވަތަން އެދޭގޮތަށް ބައިވެރިވެގެން ލިބުނު ވޯޓު ތަކަކާއި އެކީގައި މެޖޯރިޓީ 54 ޕަރސަންޓް ލިބުނީ. މިއަދުގެ ހާލަތަށް ބަލާއިރުގައި ކުރީގެ ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި 24 ޕަރސަންޓްއަށްވުރެ އިތުރު ވޯޓްލިބޭނެކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. ނިސްބަތުން ކުރެވިފައި ހުރި ކަންތައްތަކެއް ހުރިކަން އަޅުގަނޑުމެން ގަބޫލުވެސް ކުރަންޖެހޭނެ. މި ކަންތައްތަކަށް ރިޢާޔަތްކޮށް ވޯޓުލިބޭނެ މިންވަރު އެއީ ރައްޔިތުން ނިންމާނެ ކަމެއް. އަޅުގަނޑުގެ ހިޔާލަކީ ކުރީގެ ލިބުނު ޕަރސަންޓްެއަށްވުރެ ބޮޑު ޕަރސަންޓެއް ލިބޭނެ. ފުރަތަމަ ބުރުގައި 50 ޕަރސަންޓްއަށް ވުރެ ގިނައިން ލިބޭނެ ކަމާއި މެދު އަޅުގަނޑަށް ސުވާލު އުފެދޭ. އެއީ ރާއްޖޭގެ ސިޔާސީ މަސްރަހު މިވަގުތު އޮތް ގޮތުން.
ސ. އެމްޑީޕީގެ ސަރުކާރުގަ ރާއްޖޭގައި ލާދީނީ ފިކުރު ޕްރޮމޯޓު ކުރުމަށް މަސައްކަތް ކުރި ކަމަށް ވާހަކަ ދެކެވޭ. މިކަމާ ކީކޭތޯ ވިދާޅުވަނީ؟
ޖ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެމްޑީޕީގެ ވެރިކަމެއްގައި ތިަކަހަލަ ކަންތައްތަކެއް ހިނގާކަމުގެ ވާހަކަތަކެއް ދެކެވިގެން ދިޔަ ކަމީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ވަރަށް ހިތާމަ ކުރާ ކަމެއް. އެމްޑީޕީގެ މެނިފެސްޓޯ އަދި އެމްޑީޕީގެ އަސާސީ ޤަވާއިދުގައި އެއްވެސް ކަހަލަ ލާދީނީ ކަންތައްތަަކެއް ހިންގުމުގެ ޖާގައެއް ދީފައެއް ނޯންނާނެ. އެހެންވީމަ ނެތް ކަމެއް ކުރިއަށް ގެންދާ ވާހަކައާއި ގެންދެވިފައި އޮތް ވާހަކައެއް ދެކެވިގެން ދާ ކަމީ އަޅުގަނޑަށް ވަރަށް ހިތާމަ ކުރާ ކަމެއް. އަދި ކުރީގަ ތިގޮތަށް ވާހަކަ ދެކެވިފަ އޮތް އޮތުމުގެ އިތުރުން ރައީސް ނަޝީދު އިންޑިއާއަށް ކުރި ދަތުރެއްގައި ވޮޝިންގްޓަން ޕޯސްޓް ހެން އަޅުގަނޑަށްހީވަނީ، ދެއްވެވި އިންޓަވިއުއެއްގައި ރާއްޖޭގެ ތައުލީމީ މަންހަޖު ދީނާ ދުރުގޮތަކަށް ބައްޓަން ކުރެއްވުމަށް މަސައްކަތް ކުރެއްވެވި ކަމުގެ ވާހަކަ ދައްކަވާފައި އޮތް އޮތުމުން ކުރީގައި ދެކެވިފައި ހުރި ވާހަކަތަކަށް ކޮންމެވެސް ވަރެއްގެ ހަގީގީ ކުލަވަރެއް އަންނަކަން ފާހަގަކުރެވޭތީވެސް އަޅުގަނޑު އެކަމާ ވަރަށް ހިތާމަ ކުރަން. އެއީ އަޅުގަނޑު ވަރަށް ކަންބޮޑުވާ ކަމެއް.
ސ. މަނިކުފާނުގެ ޢާއިލީ ކަންތައްތައް ކިހިނެއްތޯ؟
ޖ. ރަނގަޅު އިރާދަކުރެއްވިއްޔާ.
ސ. އަނބިކަނބަލުން އަދި ކިތައް ބޭފުޅުން އެބަ ތިއްބެވިތޯ؟
ޖ. ރޫސީ ވިލާތުގަ ކިޔަވަން ހުރި އިރު ކައިވެނި ކުރި މީހަކަށް ލިބިފަ ހުރިދަރިއެއް އެންމެ ދޮށީ ދަރިއަކީ އޭގެފަހުން އުފަން ރަށުން ކައިވެނި ކުރި ބޭފުޅާގެ ދެކުދިން، އޭގެފަހުން އަޅުގަނޑުމެން އަތޮޅު މަރަދޫ ބޭފުޅަކާ ކައިވެނި ކުރީ އެބޭފުޅާގެ ވެސް ދެއަހަރަށް ދާ ކުއްޖަކު ހުންނާނެ، ޖުމުލަ ހަތަރު ކުދިން ތިބެނީ.
ސ. އަޅުގަނޑަށް މައުލޫމާތު ލިބިފަ އޮތީ މިހާރު މަނިކުފާނުގެ ދެ އަނބިކަނބަލުން ތިއްބެވި ކަމަށް ރަނގަޅު މައުލޫމާތެއްތޯ؟
ސ. ރަނގަޅު މައުލޫމާތެއް އެންމެ ފުރަތަމަ ރޫސީ ވިލާތުގެ ކައިވެނި ވަރަށް ކުރީގަ ރޫޅިގެން ގޮސްފަ ވަނީ ތިން އަހަރު ދުވަހުގެ މުއްދަތަކަށް ފަހު. އެހެން ނަމަވެސް އެކައިވެންޏަށް ލިބުނު ދަރިފުޅު ކިޔެވުން ނިންމާލީވެސް މާލޭގަ ސީއެޗްއެސްއީ ނިންމާލާފަ ވިލާ ކޮލެޖް ނިންމާލާފަ މިހާރު ސައިޕްރެސް އަށް މަތީ ތައުލީމު ހާސިލް ކުރުމަށް ފޮނުވާފަ ވީ.
ސ. އެބޭފުޅާގެ އުމުރުން ކިހާވަރެއްތޯ ވާނީ؟
ޖ. 21 އަހަރު ފިރިހެން ކުއްޖެއް
ސ. މަނިކުފާނުގެ ރަށުން ކައިވެނި ކުރި ބޭފުޅާގެ ކޮންކަހަލަ ކުދިއްނެއްތޯ ތިބީ؟
ޖ. އެއީ އަންހެން ކުއްޖަކާ ފިރިހެން ކުއްޖަކާ، އެއްކުއްޖަކަށް 12 އަހަރު އަނެއްކުއްޖާ އަށް 8 އަހަރު. މަރަދޫ ބޭފުޅާގެ ދޮޅުއަހަރުގެ ކުއްޖެއް
ސ. ދެ އަނބިކަނބަލުންވެސް މިކޮޅުގަތޯ؟
ޖ ދެބޭފުޅުންވެސް މިވަގުތު މާލޭގަ
ސ. ދެބޭފުޅުން ގުޅުން ކިހިނެއްތޯ؟
ޖ. ދިވެހިންގެ އާދަކާދަ ހުންނަގޮތް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންނަށް ދީނީ ގޮތުން އެގޮތަށް ޖާގަ ލިބިފަ އޮތްނަމަވެސް ކޮމިއުނިޓީ ތެރޭގަ ބައެއްކަހަލަ ހިޔާލު ތަފާތުވުންތަކެއް ހުރުމާ އެކީވެސް ބައެއްކަހަލަ ދިރިއުޅުމުގެ ވިސްނުމުގެ އާދަކާދަ ހުންނަގޮތުން ކޮންމެވެސް ވަރެއްގެ ހިޔާލުތަފާތުވުންތަކެއް އޮތީމަ ބައެއް ބޭބޭފުޅުން ދެކޭގޮތުގަ އެއީ އެންމެ ރަނގަޅުގޮތަކަށް ނުވޭ. އެހެން ނަމަވެސް ހަގީގަތަކަކީ ދީނީ ގޮތުން އަޅުގަނޑުމެންނަށް ކުރުން ހުއްދަކުރާ ކޮންމެ ކަމެއްގެ ރަނގަޅު މާނައެއް އެކުލެވޭ އަޅުގަނޑަށް ދީނީ ގޮތުން ކަންތައްތައް އޮޅުންފިލާފަ ހުރި މިންވަރަށް ބަލާއިރުގަ. މިކަހަލަ ބައިވަރު ސަބަބުތަކާ ހުރެ ކޮންމެވެސް ވަރެއްގެ ހިޔާލު ތަފާތުވުންތަކެއް ހުންނަކަމަށް ފާހަގަ ކުރެވޭ. އެހެން ނަމަވެސް އަޅުގަނޑު އަބަދުވެސް ބަލަނީ މަސްލަހަތު ނުގެއްލޭ ގޮތަށް ކަނޑައެޅިފަ އޮންނަ މިންގަނޑުގެ ތެރެއިން ރީތި ގޮތުގަ ގެންދެވޭތޯ އަނެއްހެން މާބޮޑުކަންތައްތަކެއް ދިމާނުވެ ވަރަށް ސުލްހަވެރިގޮތުގަ ކުރިއަށް އެބަ ގެންދެވޭ.
ސ. މި ގޭގަތޯ ދެ އަނބިންވެސް ތިއްބަވަނީ؟
ޖ މިގޭގަ ދެފްލޯއެއްގަ
ސ. ކިހިނެއްތޯ ކުދިންގެ މެދުގަ ގުޅުން؟
ޖ ކުދިން ހަމަ އަޅުގަނޑުގެ އެންމެ ހަގު ދަރިފުޅު ދެކެ ވަރަށް ލޯބިވާނެ ހުރިހާ ބޭފުޅުންވެސް އެދަރިފުޅު ނުފެނި ގިނައިރުވެއްޖިއްޔާ ވަރަށް ފޫހިވެގެންވެސް އުޅޭނެ.
ސ. މަނިކުފާނުގެ އުމުރުފުޅުން ކިހާވެރެއްތޯ؟
ޖ. 45 އަހަރު
ސ. ރޫސީ ވިލާތުގެ ކައިވެނި ދެތިން އަހަރު ތެރޭގަ ރޫޅިގެން ދިޔަވާހަކަ ވިދާޅުވެއްޖެ، ހިއްސާ ކޮށްލެވިދާނެތޯ ކީއްވެގެންކަން؟
ޖ. ރޫސީވިލާތު ކައިވެންޏަކީ ވެސް ހަގީގަތުގަ ވަރަށް އެހެންކަހަލަ ގޮތަކަށް ދިމާވި ކައިވެންޏެއް. އެއީ އަޅުގަނޑު ސްކޫލު ނިންމާލާފަ އުމުރުން 19 އަހަރުގަ ރާއްޖެއިން ބޭރަށް ދާންޖެހުނީ އޭރުވެސް ރަށުކުއްޖަކާ ރައްޓެހިވެގެން އުޅުނީ. ދެން އެކުއްޖާ އަމިއްލައަށް ރުޅިވީ ފެމެލީ ތެރެއިންވެސް ދިމާވި ސަބަބުތަކާ ހުރެ. އެހެންވެ ކޮންމެވެސް ވަރެއްގެ މާޔޫސްކަމެއްގެ ތެރޭގަ އަޅުގަނޑަށް ހުރެވުނީ ރާއްޖެއިން ބޭރަށް ދިޔައިރުގަ. އަޅުގަނޑު ކިޔަވަން އުޅުނު ކޮލެޖުން ހަމަ އެހެން ފެކަލްޓީއެއްގަ ކިޔަވަމުން ދިޔަ ކުއްޖެއް އެއީ އެކުއްޖާގެ މިޒާޖާ އަޅުގަނޑާ ދިމާވެ ރަހުމަތްތެރިކަމުގެ ގުޅުން ބަދަހިވެގެން ދިޔައީ. އެކުއްޖާވެސް އިސްލާމްދީން ގަބޫލުކޮށް އެގޮތަށް އުޅެން ފެށީމަ އަޅުގަނޑު ހިތަށް އެރީ ދީން ގަބޫލުކުރަންޏާ ވަކި އެތެރެ ވިޔަށް ބޭރުވިޔަސް ނޯންނާނޭ ގޯހެއް. ދީނީ ގޮތުން ބަލާއިރުގަ އިސްލާމް ދީނަށް އިތުރު ބޭފުޅަކު އައުންވެސް އެއީ ރަނގަޅުކަމެކޭ، އޭރުދެން ބަދަހިވި ގުޅުމުގެ ތެރެއިން ކައިވެނިކޮށްގެން ކުއްޖަކުވެސް ލިބުނީ. ސްޓާފް ނާސް ކޯސް ނިމިގެން މާލެ އައިސް ދެ މީހުންވެސް ވަޒީފާގަ އުޅުނީ. ދެން ދިރިއުޅުމުގެ ކަންތައް ހުންނަ ދަތިގޮތުގެ ސަބަބުން ވަރަށް ގިނަ ޗެލެންޖަސް ތަކާވެސް ކުރިމަތިވޭ، ބޭބެއާ އެކީގަ އޭރުއުޅުނީ ދަރިފުޅުވެސް ވަރަށް ކުޑަ، ދަރިފުޅު ބަލަން މަންމަމެން އޭރު ތިބެނީ. މަންމަ މެންނަކީ އަބަދުވެސް ކުރީގެ ސަގާފަތަށް ލޯބި ކުރާމީހުން. މަންމަ ބޭނުންވަނީ ވަގުތުން ބުރުގާވެސް އަޅުވަން. އެ ދިރިއުޅުމުގެ ވައްޓަފާޅިޔާ އެދިރިއުޅުމުގެ ސަގާފަތާ ވަރަށް ތަފާތު ކުއްލިޔަކަށް ބަދަލެއްނުވާނެ، މަންމަމެން ބޭނުންވަނީ ވަގުތުން ބަދަލުތަކެއް އަންނަން ހުރިހާ ކަމެއްވެސް މިކަހަލަ ކޮންމެވެސް ވަރެއްގެ މިސްއަންޑަސްޓޭންޑިން ތަކެއްވެސް ދިޔަ. ދެން ރޫސީވިލާތުގެ އަންހެނުންގެ މިޒާޖުވެސް ތަފާތުވެ ހިޔާލުތަފާތުވުން ހުންނަކަހަލަ މިޒާޖެއްގެ ބޭފުޅަކަށް ވީމާ އެބޭފުޅާ ބޭނުންވީ އަޅުގަނޑު ރޫސީ ވިލާތަށް ގޮސް އެކޮޅަށް ދިރިއުޅުން ބަދަލުކޮށްލަން. އޭރު އަޅުގަނޑު ސަރުކާރުގެ ހަތަރު ބޮންޑެއްވެސް އޮތް. އެހައިސިއްޔަތުން ވެސް އަޅުގަނޑަކަށް ދެވޭކަށެއް ނެތް. އަޅުގަނޑަކީ އަބަދުވެސް މި ވަތަން ދެކެ ލޯބިވާ މީހެއް. އެކޮޅުގަ ކިޔަވަން ހުރި އިރުވެސް ލިބޭ ކޮންމެ ޗުއްޓީއެއްގަވެސް ރާއްޖެ އަންނަން ރަށަށް ވެސް ދަން. ބޭރަށް ދިއުމުގެ ހިޔާލެއް އަޅުގަނޑުގެ އެއް އިރެއްގަވެސް ނުހުރޭ. އެހެންވީމަ އަމުދުން އަޅުގަނޑަކަށް ދެވޭކަށެއް ނެތް. ދެން އެހިސާބުން ސެޕަރޭޓްވާގޮތްވީ
ސ. ޑީޑީގެ ރޫސީ އަނބިކަނބަލުންނާ އެ ބަނޑަށް ލިބިވަޑައިގެންނެވި ބޭފުޅާއާ ގުޅުން ކިހިނެއްތޯ؟
ޖ. އެގުޅުން ހަމަ އެއޮންނަ މިންވަރަކުން އޮވޭ. އަޅުގަނޑަކީ އަބަދުވެސް އެއޮންނަ މިންގަނޑެއްގަ ގުޅުން ދެމެހެއްޓޭތޯ ފޯނުން ނަމަވެސް މުއާމަލާތްކޮށް މިކޮޅުގަ ކިޔަވަން ހުރި އިރުވެސް ޗުއްޓީގަ ފޮނުވާ އެކަހަލަ ގޮތަކަށް ދަމަހައްޓަން އެއޮންނަންޖެހޭ ގުޅުން.