16 Nov 2023, 23:10
އިޓަލީވިލާތުގެ ޓިއުރިންގައި މިހާރު ކުރިއަށްދާ އޭޓީޕީ ފައިނަލްސްގެ ސެމީ ފައިނަލުން ރަޝިއާގެ ޑަނީލް މެޑްވެޑޭވް ޖާގަ ހޯދައިފިއެވެ.
މިމުބާރާތުގެ ސެމީ ފައިނަލުން މެޑްވެޑޭވް ޖާގަ ހޯދައިފާވަނީ ރެޑް ގްރޫޕްގެ ރައުންޑް ރޮބިން ބުރުގައި ޖަރުމަނުވިލާތުގެ އެލެގްޒެންޑާ ޒްވަރޭވްއާ ބައްދަލުކުރި މެޗް ކަމިޔާބުކޮށްގެންނެވެ.
މި މެޗް މެޑްވެޑޭވް ކާމިޔާބުކޮށްފައިވަނީ ސީދާ ދެ ސެޓުންނެވެ. މިމެޗްގެ ފުރަތަމަ ސެޓް މެޑްވެޑޭވް ކާމިޔާބުކޮށްފައިވަނީ ހައެއް ހަޔަކުން ދެ ކުޅުންތެރިން އެއްވަރުވުމުން ޓައިބްރޭކަކަށް ގޮސް ނުވައެއް ހަތަކުންނެވެ. މި ޓައިބްރޭކް ވެގެންދިޔައީ ވަރަށް ވާދަވެރި ޓައިބްރޭކަކަށެވެ.
އެގޮތުން އެންމެ ފުރަތަމަ ޒްވަރޭވް ހަތަރެއް އެކެއްގެ ލީޑެއް ނެގި ނަމަވެސް އޭނާއަށް ގާތްގާތުގައި ހެދުނު ގޯސްތަކެއްގެ ފައިދާ ނަގައި މެޑްވެޑޭވް އެއްވަރު ކުރި ނަމަވެސް ފުރަތަމަ ސެޓް ޕޮއިންޓަށް ސަރވް ކުރަން ލިބިގެންދިޔައީ ޒްވަރޭވްއަށެވެ. ނަމަވެސް މެޑްވެޑޭވް ވަނީ ފަހަތުން އަރައި ކުރި ހޯދާ ސެޓް ކާމިޔާބުކޮށްފައެވެ. އަދި ދެވަނަ ސެޓް މެޑްވެޑޭވް ކާމިޔާބުކޮށްފައިވަނީ ހައެއް ހަތަރަކުންނެވެ.
މިއާއެކު މެޑްވެޑޭވް މިވަނީ މިފަހަރުގެ މުބާރާތުގައި އެންމެ ފުރަތަމަ ސެމީފައިނަލުން ޖާގަހޯދި ކުޅުންތެރިޔާއަށް ވެފައެވެ. މިމުބާރާތުގައި މިދިޔަ އަހަރު މެޑްވެޑޭވް ރައުންޑް ރޮބިން ބުރުގައި ކުޅުނު ތިން މެޗުންވެސް ވަނީ ބަލިވެފައެވެ.
މިގްރޫޕްގައި ދެވަނައަށް ސީޑް ކުރެވިފައިވާ ސްޕެއިންގެ ކާލޯސް އަލްކަރާޒް އާއި ރަޝިއާގެ އަންޑްރޭ ރުބްލޭވް ބައްދަލުކުރި މެޗް ސީދާ ދެސެޓުން ކާމިޔާބުކުރީ އަލްކަރާޒްއެވެ. އެއީ ހައެއް ފަހެއް އަދި ހައެއް ދެއަކުންނެވެ.
މިއާއެކު އަލްކަރާޒްއަށް މިވަނީ ސެމީފައިނަލަށް ދިއުމަށް ކުރާ އުންމީދު އަނެއްކާ އާވެފައެވެ. އަދި ފަހު މެޗްގައި މެޑްވެޑޭވް އަތުން މޮޅުވެ އަދި ޒްވަރޭވް އާއި ރުބްލޭވް ބައްދަލުކުރާ މެޗްގެ ނަތީޖާ ނުކުންނަ ގޮތަކުން ސެމީފައިނަލަށް ދިއުމުގެ ފުރުސަތު އަލްކަރާޒްއަށް ލިބުމުގެ ފުރުސަތު އެބައޮތެވެ.