16 Nov 2023, 14:18
އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަންނަވަން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ނިންމަވައިފިއެވެ.
އިންތިޚާބީ ރައީސް އަދި ޕީއެންސީގެ ރައީސް މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތު އޮންނާނީ މާދަމާ ހަވީރު ޖުމްހޫރީ މައިދާނުގައެވެ. އެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ދައުވަތު ޔާމީނަށް ވަނީ ފޮނުވައިފައެވެ.
އެކަމަކު، އެ މަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލު އާދަމް ޝަމީމް މިއަދު "ސަން"އަށް ވިދާޅުވީ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިނުވާން ޔާމީން ނިންމަވާފައިވާ ކަމަށެވެ.
"ރައީސް ޔާމީނަށް ދައުވަތު ފޮނުއްވާފައި ވީނަމަވެސް، ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު އެފަދަ ކަރާމާތްތެރި، އަދި ހައިބަތުބޮޑު ޖަލްސާއެއްގައި ބައިވެރިވުމަކީ، އެ ޖަލްސާގެ ކަރާމާތާއި ހައިބަތަށް އުނިކަން ލިބޭނޭ ކަމެއް ކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާތީއާއި، އަދި އެއީ ތަހުޒީބީ މުޖުތަމަޢުތަކުގައި ވެސް ޤަބޫލުކުރާ އުސޫލުތަކާ ޚިލާފު ކަމެއް ކަމަށް ފެނިވަޑައިގަންނަވާތީ، އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަތުމަށް ނިންމަވައި ރައީސް ޔާމީންގެ ފަރާތްޕުޅުން މިއަދު ވަނީ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދަންނަވައިފައެވެ." އޭނާ ވިދާޅުވިއެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތްވެ، އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ ޔާމީންގެ މައްޗަށް މިދިޔަ ޑިސެމްބަރު 25 ގައި ކްރިމިނަލް ކޯޓުން ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ.
އެކަމަކު، މުއިއްޒު މިދިޔަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާ އެކު އެ މަނިކުފާނުގެ އެދިލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ޔާމީންގެ ޖަލު ހުކުމް، ގޭބަންދަށް ލުއިކޮށްދެއްވައިފައެވެ. އެ މަނިކުފާނު މިހާރު ހުންނެވީ ގޭބަންދުގައެވެ.
އަދި، ފަހުން ކަރެކްޝަންސްއިން ވަނީ ޔާމީންގެ ބަންދަށް އިތުރު ލުއިތަކެއް ވެސް ދީފައެވެ. އެގޮތުން، ސިއްހީ ކަންކަމާއި ކަސްރަތު ކުރުމަށާއި ބައެއް ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ހުއްދަ ވެސް އެ މަނިކުފާނަށް ވަނީ ދީފައެވެ.
ކަރެކްޝަންސްއިން ބުނި ގޮތުގައި މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ހުއްދައަކަަށް ޔާމީން އެދިވަޑައިގެންފައެއް ނުވެއެވެ.
މުއިއްޒު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވީ ޖަލު ހުކުމުގެ ސަބަބުން ޔާމީނަށް އިންތިޚާބުގައި ވާދަނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރުމުންނެވެ. އެކަމަކު، އެންމެ ފުރަތަމަ ޔާމީން އެދިލެއްވީ އިންތިޚާބު ބޮއިކޮޓު ކުރާށެވެ.
ޕީޕީއެމް/ޕީއެންސީގެ ސެނެޓުން ޔާމީން އެދިލެއްވި ގޮތަށް ބޮއިކޮޓު ނުކުރާން ނިންމުމުން މުއިއްޒު ކެންޑިޑެސީ ހުށަހެޅުއްވީއެވެ. ޔާމީން، މުއިއްޒަށް ތާއީދު ކުރައްވާކަން ހާމަ ކުރެއްވީ ކެންޑިޑެސީ ހުށަހަޅުއްވަން އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެން ފަހުންނެވެ.
މާދަމާ ހަވީރު އޮންނަ މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ޔާމީންގެ އިތުރުން ވެސް ކުރީގެ ރައީސުންނާއި އަދި ސަރަހައްދުގެ ބޮޑެތި ގައުމުތަކުގެ އިސްވެރިންނަށް ވެސް ވަނީ ދައުވަތު އަރުވައިފައެވެ.