ކޮލަންބޯ (މޭ 20) : ސްރީލަންކާގެ ސިފައިން އެޤައުމުގެ ތަމަޅަ ޓައިގަރު ހަނގުރާމަވެރިން ބަލިކޮށް ޓައިގަރު ޖަމާއަތުގެ މައްޗަށް ކަމިޔާބު ހޯދައި އަހުލީ ހަނގުރާމަ ނިމުމަކަށް ގެނައިތާ ތިން އަހަރު ފުރުން އެ ޤައުމުގައި ފާހަގަކޮށްފި އެވެ.

ސްރީލަންކާގެ އުތުރުގައި ވަކި ދައުލަތެއް ގާއިމްކުރުމަށް މަސައްކަތްކުރި "ލިބަރޭޝަން ޓައިގާސް އޮފް ޓެމިލް އިލާމް" ޖަމާއަތް ބަލިވެ އިނދަޖެހުނީ ސްރީލަންކާ ސިފައިން ހިންގި ވަރުގަދަ ޢަސްކަރީ އޮޕަރޭޝަންތަކެއްގައި 2009 ވަނަ އަހަރުގެ ކުރީކޮޅު އެޖަމާއަތުގެ ޢަސްކަރީ ވެރިޔާ ވެލުޕިއްލައި ޕްރަބާކަރަން އަވަހާރަވުމުންނެވެ.

ސްރީލަންކާގެ އުތުރުގައި އެޤައުމުގެ ބައިމަދު ތަމަޅައިންނަށް ވަކި ދައުލަތެއް ޤާއިމްކުރުމަށް ޕްރަބާކަރަންގެ ކޮމާންޑަރުކަމުގެ ދަށުން ޓައިގަރު ޖަމާއަތުން މަސައްކަތްފެށީ ސްރީލަންކާގެ މުޖްތަމައުގައި ތަމަޅައިންނާމެދު ތަފާތުކޮށް ސިޔާސީ އަދި އިޖްތިމާޢީ ޙައްޤުތަކުން އެމީހުން މަޙްރޫމްކޮށްފައިވާތާ ދިގުމުއްދަތެއް ފާއިތުވުމުގެ ސަބަބުން ކަމަށް ތަމަޅަ ސިޔާސީ ފަރާތްތަކުން ބުނެއެވެ.

ޕްރަބާކަރަން އަވަހާރަ ކޮށްލުމާއެކު ޓައިގަރުންގެ މައްޗަށް ކާމިޔާބު ލިބުނު މިދުވަސް ސްރީލަންކާގައި ފާހަގަކުރަނީ ނަސްރުގެ ދުވަހުގެ ގޮތުގައެވެ. މިދުވަސް ފާހަގަކުރުމުގެ ގޮތުން ރައީސް މަހިންދާ ރާޖަޕަކްސާ ގައުމާ މުޚާތަބު ކުރައްވައި ދެއްވި ޚިތާބުގައި ވިދާޅުވީ މިއީ ސްރީލަންކާގެ ތާރީޚުގައި ވެސް އެޤައުމުގެ އެއްބައިވަންތަކަމަށް ކުރިމަތިވި އެންމެބޮޑު ނުރައްކަލުން ޤައުމު ސަލާމަތްވި ތާރީޚީ މުނާސަބާ ކަމަށާއި ޤައުމުގެ އެއްބައިވަންތަކަމަށް މިފަދަ ނުރައްކަލެއް ކުރިމަތިވުމުގެ ފުރްސަތު ނުދިނުމަށް ރައްޔިތުން ހޭލުންތެރިވެ ތިބެންޖެހޭކަމަށެވެ.

އިންސާނީ ޙައްޤުތަކުގެ ނަމުގައާއި އެނޫން ނަންނަމުގައި ބައިނަލްއަގުވާމީ ކިތަންމެ ބޮޑެތި ފިއްތުންތަކެއް ކުރިމަތިވި ނަމަވެސް ސްރީލަންކާގެ ޤައުމީ މަސްލަޙަތާއި ޤައުމުގެ ވަޙްދަތާއި ސިޔާދަތަށް ޓަކައި އެފަދަ އެއްވެސް ފިއްތުމަކަށް އިޖާބަ ނުދެއްވާނެ ކަމަށްވެސް ރާޖަޕަކްސަ ވިދާޅުވި އެވެ. މިގޮތުން ސްރީލަންކާގެ އުތުރުގެ ސަރަޙައްދުތަކުން ސިފައިން ބޭލުމަށް ބޭރުން ކުރިމަތިވާ ފިއްތުންތަކަށް ދީލާނުލައްވާނެ ކަމަށް ރާޖަޕަކްސަ ވިދާޅުވިއެވެ.

ރާޖަޕަކްސަގެ ވާހަކާގައި ޓެރަރިޒަމްގެ ޙަރަކާތްތަކުގައި ޝާމިލްވެފައިވާ ޓައިގަރުންގެ ލީޑަރުން މިނިވަންކަމާ އެކު ބޭރުގެ ބައެއްގައުމުތަކުގައި ޙަރަކާތްތެރިވަމުންދާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ޓައިގަރުންގެ ލީޑަރުން މިނިވަންކަމާއެކު ޙަރަކާތްތެރިވަނީ ހުޅަނގުގެ ޤައުމުތަކުގައި ނަމަވެސް މިކަން ސީދާ ގޮތެއްގައި ރާޖަޕަކްސަ ވިދާޅެއްނުވެއެވެ.

ރާޖަޕަކްސް މިމޭރުމުން ވާހަކަ ދައްކަވާފައިވަނީ ވޮޝިންޓަނަށް މިހާރު ވަޑައިގެންއުޅުއްވާ ސްރީލަންކާގެ ޚާރިޖީ ވަޒީރު ޖީއެލް. ޕީރިސްއާއެކު ވޮޝިންޓަނުގައި ބޭއްވި ބައްދަލުވުމެއްގައި ސްރީލަންކާގައި އުތުރުގެ ސަރަހައްދުތަކުގައި މިހާރު ރުކުރުވާލާފައިވާ ސިފައިންގެ ލަޝްކަރުތައް ބޭލުމަށް އެދިވަޑައިގެންފައިވަނިކޮށް އެކަމަށް ރައްދުދިނުމުގެ ގޮތުންކަމަށް ބެލެވެއެވެ.

މީގެއިތުރުން އެމެރިކާ ގެންދަނީ އަހުލީ ހަނގުރާމަ ނިންމުމަށްޓަކައި ޓައިގަރުންނާ ދެކޮޅަށް ސްރީލަންކާ ސިފައިން އެންމެފަހުން ހިންގި ޢަސްކަރީ އޮޕަރޭޝަންތަކުގައި ތަމަޅަ އާންމުންނާ ދެކޮޅަށް އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް އެކަން ބަލައިތަޙްޤީޤްކޮށް ކުށްވެރިވާ ފަރާތްތައް ހޯދައި އެފަރާތްތަކަށް އަދަބު ދިނުމުގެ މައްސަލާގައި ވެސް ބައިނަލްއަޤްވާމީ މަޙްފަލްތަކުގައި ސްރީލަންކާއާދެކޮޅަށް ފިއްތުންތައް ކުރިމަތިކުރަމުންނެވެ. ރާޖަޕަކްސަގެ ސަރުކާރުންވަނީ އެމެރިކާގެ މިފިއްތުންތަކަށް ބޯލެނބުމަށްވެސް ދެކޮޅު ހަދާފައެވެ. -- ނޫސްއެޖެންސީތައް