16 Nov 2023, 14:50
ޣައްޒާ (16 ނޮވެންބަރު 2023): ޣައްޒާއަށް އެއްގަމު މަގުން ވަދެގަނެގެން އުޅޭ ޔަހޫދީ ބާރުތަކާއި ފަލަސްތީނުގެ މުޖާހިދުންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި ޔަހޫދީ ސިފައިންގެ ހަތަރު މީހަކު މަރާލައި، ނުވަ މީހަކު ޒަޚަމްކޮށްލައިފިއެވެ.
މި ހަތަރު ސިފައިންގެ ތެރެއިން ދެ މީހުން މަރާލާފައިވަނީ އިއްޔެއެވެ. އަނެއް ދެ މީހުންނަކީ ޔަހޫދީ ސިފައިންގެ ދެ އޮފިސަރުންނެވެ. އެ ދެ މީހުން މަރާލާފައިވަނީ މިއަދު ހެނދުނެވެ. މުޖާހިދުންގެ ހަމަލާތަކުގައި މި ހަތަރު މީހުން މަރާލިކަމަށް އިސްރާއީލުގެ އަސްކަރިއްޔާ ވަނީ އެއްބަސްވެފައެވެ.
މި ހަތަރު މީހުން މަރާލުމާ އެކު ޣައްޒާގައި އެއްގަމު މަގުން ކުރާ ހަނގުރާމައިގައި މަރުވި އިސްރާއީލު ސިފައިންގެ އަދަދު 51 އަކަށް އަރާކަމަށް އިސްރާއީލު އަސްކަރީ ތަރުޖަމާނު ޑެނިއަލް ހަގާރީ ބުނެފައިވެއެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް ޖަމާއަތުން ޔަހޫދީ އިސްރާއީލަށް ދިން ކުއްލި ހަމަލާތަކުގައި ޔަހޫދީ ޖާސޫސީ އިދާރާ (މޫސާދު) އާއި ޔަހޫދީ ސިފައިންގެ ލަޝްކަރުތައް އިނދަޖެހި ޔަހޫދީ ސިފައިންނާއި ޔަހޫދީ ވަޒަންވެރިންގެ އެތައް ސަތޭކަ ބަޔަކު މަރާލައި އެތައް ސަތޭކަ ބަޔަކު އަސީރުންގެ ގޮތުގައި ހައްޔަރުކުރުމާ އެކު އިސްރާއީލަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.
އެއީ، އެމެރިކާއާއި އިސްރާއީލަށް ރޭކާނުލާގޮތަށް އެ ވަރުގެ ވަރުގަދަ ހަމަލާތަކެއް ދިނުމާއި އަދި ދިނުމަށް ފަހު ސަލާމަތުން ފިލުމުގައި ހަމާސްގެ މުޖާހިދުން ހޯދި އާދަޔާ ޚިލާފު ކާމިޔާބީގެ ސަބަބުން އެ މީހުންގެ އަސްކަރީ އަދި ޖާސޫސީ މުއައްސަސާތަކުގެ އިތުބާރު ގެއްލުމުންނެވެ.
މިއާ އެކު އެމެރިކާއާއި ޔޫރަޕްގެ އިސްތިއުމާރީ ބާރުތަކުގެ ވެރިން ކުއްލި ގޮތަކަށް އިސްރާއީލަށް ޒިޔާރަތްކޮށް ހިތާމަފާޅުކޮށް ޣައްޒާއަށް އަރައިގަނެ ހިތުހުރިކަމެއް ކުރުމުގެ އެހީތެރިކަމާއި ހިތްވަރު އިސްރާއީލުގެ ހަރުކަށި ވެރިންނަށް ދިނެވެ. ނަތީޖާއަކީ އެމެރިކާއާއި ޔޫރަޕްގެ ހަތިޔާރާ އެކު އިސްރާއީލުން ދެ ހަނގުރާމައެއް ޣައްޒާގައި ފެށިއެވެ.
އެއް ހަނގުރާމައަކީ ޣައްޒާގެ އާންމު ރައްޔިތުން މަރައި އެ މީހުންގެ ނަސްލު ނައްތާލުމަށްޓަކައި ފެށި ބަދަލު ހިފުމުގެ ހަނގުރާމައެވެ. މިއީ ހަނގުރާމައެއްގެ ބަދަލުގައި ހިންގަންފެށި ބަދަލުހިފުމުގެ ގަތުލުއާންމު ތަކެކެވެ. ހަނގުރާމައިގެ ޖަރީމާތަކާއި ޖެނޮސައިޑެވެ.
މި ހަނގުރާމައިގެ މައިދާނަކަށް އިސްރާއީލުން ހެދީ ޣައްޒާގެ އާންމުންގެ ގެދޮރާއި ހޮސްޕިޓަލްތަކާއި ސްކޫލްތަކެވެ. މި ހަނގުރާމައިގާ ބޮން އަޅައިގެން އިސްރާއީލުވަނީ ފަލަސްތީނުގެ އާންމުންގެ 11،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށް 30،000 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށް ޣައްޒާގެ 70 އިންސައްތަ މީހުން ރެފިއުޖީންނަށް ހަދާފައެވެ. އަދި ހުރިހާ ހޮސްޕިޓަލްތަކެއްވަނީ ހަނގުރާމައިގެ މައިދާންތަކަށް ބަދަލުކޮށްފައެވެ.
ދެވަނަ ހަނގުރާމައަކީ އެއްގަމު މަގުން ހަމާސްއާ ދެކޮޅަށް ކުރާ ހަނގުރާމައެވެ. މިއީ ހަމާސްއިން އަސީރުކޮށްފައިވާ މީހުން މިނިވަން ކުރުމުގެ ހަނގުރާމައެވެ. މި ހަނގުރާމައިގައި މިހާތަނަށް އެއްވެސް ކާމިޔާބެއް ޔަހޫދީ ސިފައިންނަށް ލިބިފައެއް ނުވެއެވެ. އަދި އެއްވެސް އަސީރަކު މިނިވަން ކުރެވިފައެއް ވެސް ނުވެއެވެ.