16 Nov 2023, 10:29
ހުޅުމާލެ މަގުތަކުގެ ޕޭވްމަންޓުމަތީގައި ވިޔަފާރީގެ ބޭނުމަށް ހުއްދަނެތި ގޮނޑި މޭޒު ނުޖަހާން އާބަންކޯއިން މިއަދު އަނެއްކާ ވެސް އަންގައިފިއެވެ.
މި އަހަރުގެ މޭ މަހު ވެސް އާބަންކޯއިން ވެސް ޕޭވްމަންޓު މަތީގައި މޭޒު ޖަހައިގެން ހުއްދަ ނެތި ވިޔަފާރި ނުކުރާން އަންގައިފައެވެ.
އާބަންކޯއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ޕޭވްމަންޓް އަދި ހަޖުތެރޭގައި ކެފޭ، ރެސްޓޯރަންޓް އަދި ޖޫގޯ ޕޮއިންޓްތަކުން ޤަވާއިދާ ހިލާފަަށް ގޮނޑި މޭޒު ޖަހައިގެން ވިޔަފާރި އުސޫލުން ޚިދުމަތް ދެމުންދާ ކަމަށެވެ.
އެހެންވެ، އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ނިޔަލަށް ގަވާއިދާ ޚިލާފަށް ވިޔަފާރީގެ އުސޫލުން ބޭނުންކުރުމަށް ޖަހާފައިވާ ގޮނޑި މޭޒު ނަގަން ވަނީ އަންގައިފައެވެ.
މީގެ އިތުރުން، ދެވިފައިވާ މުއްދަތުގެ ތެރޭގައި ތަކެތި ނުނަގާނަމަ، އެ ތަކެތި ނަގައި އެ ސަރަހައްދުތަށް ސާފުކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެ ކަމަށް އާބަންކޯއިން ބުންޏެވެ. އަދި، އެގޮތަށް ސާފުކުރުމުގެ އެއްވެސް މުދަލަކަށް ގެއްލުން ވާނަމަ އެ ކުންފުނިން ޒިންމާ ނުވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
ހުޅުމާލޭގެ މަގުތަކުގެ ޕޭވްމަންޓާ ވާގޮތަށް ގޮނޑި މޭޒު ޖަހައިގެން ގިނަ އަދަދެއްގެ ކެފޭ، ރެސްޓޯރެންޓު ހިންގައެވެ.
އާބަންކޯއިން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި ހުޅުމާލޭގެ 34 މަގެއްގެ ޕޭވްމަންޓުގައި 183 މޭޒު ބަހައްޓައި ޚިދުމަތްދެމުން ގެންދެއެވެ.
އެ ކުންފުނިން މި އަހަރުގެ މޭ މަހު ވެސް ވަނީ ހުޅުމާލޭގެ މަގުތަކުގައި ގޮނޑި، މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުން ހުއްޓައިލަން އަންގައިފައެވެ.