ހުޅުމާލެގެ ހިޔާ ފުލެޓު (H12) ސަރަހައްދުގައި ހަދާފައި ހުރި ހަޓުތައް ނަގަން އާބަންކޯއިން މިއަދު އަންގައިފިއެވެ.

އާބަންކޯއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، މި މަހު 25 ގެ ކުރިން އެ ސަރަހައްދުގައި ހުރި ހަޓުތަކާއި ތަކެތި ނަގައި ސަރަހައްދު ސާފުކުރަން އަންގައިފައެވެ.

އެ ކުންފުނިިން ބުނީ، ތާރީޚުގެ ތެރޭގައި ތަކެތި ނުނަގާނަމަ، އެ ކުންފުނިން އެ ތަކެތި ނަގާނެ ކަމަށެވެ. އަދި، އެގޮތަށް ހިޔާ ފުލެޓު ސަރަހައްދުގައި ނުނަގައި ހުރި ތަކެތި ނަގަން އާބަންކޯއިން ކުރާ މަސައްކަތުގެ ތެރެއިން ހަލާކުވެ، ލިބޭ އެއްވެސް ގެއްލުމެއްގެ ޒިންމާ އެ ކުންފުނިން ނުނަގާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ދެވަނަ ފިޔަވަހި ހިއްކައިގެން ކުރީ ސަރުކާރުން ތަރައްގީ ކޮށްފައިވާ ހިޔާ ފުލެޓުތަކާ ދިމާ އަތިރިމަތީގައި ހަޓު ޖަހައިގެން ގިނަ ބަޔަކު އަންނަނީ ވިޔަފާރިކުރަމުންނެވެ.

ހިޔާ ފުލެޓުތަކާ ދިމާ އަތިރިމަތީގައި ގިނަ އަދަދެއްގެ ލަކުޑި ހަޓުތައް ޖަހާފައި ހުރިއިރު، އެ ތަންތަނުގައި އާންމުކޮށް ވިއްކާ ހަދަނީ ކާބޯތަކެއްޗެވެ.

މީގެ ކުރިން ވެސް ހިޔާގެ އެކި ޓަވަރުތަކުގެ ބޭރުގައި މޭޒު ބަހައްޓައިގެންނާއި ފިލައިން ތަންތަން ހަދައިގެން އެކި ބާވަތްތަކުގެ ކާބޯތަކެތި ވިއްކާފައިވެއެވެ. ނަމަވެސް އެ ސަރަހައްދުގައި ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރާތީއާއި ކާބޯތަކެތި ވިއްކަން ސާފުތާހިރު ކަމުގެ މިންގަނޑަށް ނުފެތޭތީ އެ ފަހަރު ވެސް އެކަން ހުއްޓުވިއެވެ.