16 Nov 2023, 08:24
އަނިޔާއާ ގުޅިގެން އިނގިރޭސި ގައުމީ ސްކޮޑުން ވަކިވިތާ ގިނަ އިރުތަކެއް ނުވަނީސް، ޖޫޑް ބެލިންހަމް ރެއާލް މެޑްރިޑުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފިއެވެ.
އިނގިރޭސި މިޑްފީލްޑަރު ބެލިންހަމްގެ ކޮނޑަށް ލިބުނު އަނިޔާއާ ގުޅިގެން ރެއާލުން އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް އޭނާ ފެނިފައެއް ނުވެއެވެ. އިނގިރޭސި ގައުމީ ސްކޮޑުން ބެލިންހަމް ވަކިވެފައިވަނީ ފަރުވާއަށް ސްޕެއިންގައި މަޑުކުރުމަށް އިނގިރޭސި ގައުމީ ޓީމުގެ މެޑިކަލް ޓީމުން އިރުޝާދު ދިނުމާ ގުޅިގެންނެވެ.
އިނގިރޭސި ގައުމީ ޓީމާ ވަކިވެ، އެނބުރި ސްޕެއިނަށް އައުމާ އެކު ރެއާލުން ވަނީ ބެލިންހަމްގެ ފަރިތަކުރުންތައް ފަށައިފައެވެ. އޭނާ ފަރިތަކުރުންތައް ފަށާފައިވަނީ ވަކިވަކި ކުޅުންތެރިން ހަދަން ޖެހޭ ޑްރިލްތަކަކާ އެކުއެވެ.
އަނިޔާގައި ހުއްޓައި އިނގިރޭސި ސްކޮޑަށް ބެލިންހަމް ނެގުމުން ވެސް އެކަމާ ރެއާލުން ހިތްހަމަނުޖެހުން ފާޅުކުރިއެވެ. އެކަމާ ގުޅޭގޮތުން ރެއާލްގެ ކޯޗު ކާލޯ އެންޗެލޮޓީ މީގެ ކުރިން ބުނެފައިވާ ގޮތުގައި، ރެއާލަށް ނުކުޅެވޭ ނަމަ، ބެލިންހަމްއަށް ގައުމީ ޓީމަށް ވެސް ނުކުޅެވޭނެއެވެ. އަދި ކޮނޑަށް ފަރުވާ ހޯދުމުގެ ގޮތުން ބެލިންހަމް މަސައްކަތްތަކެއް ކުރަން ހުރިކަން ވެސް އެންޗެލޮޓީ ފާހަގަކޮށްފައިވެއެވެ.
ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށް މި ސީޒަނުގައި ރެއާލްއާ ގުޅުނު އުމުރުން 20 އަހަރުގެ ބެލިންހަމް ދަނީ އެ ކްލަބަށް ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. ރެއާލްއާ އެކު ބެލިންހަމް ވަނީ މިހާތަނަށް ކުޅުނު 14 މެޗުން 13 ގޯލު ކާމިޔާބުކޮށް، ތިން އެސިސްޓް ހަދައިފައެވެ.