20 May 2012, 15:50
ބީބީސީގެ ސައިމަން ރީވް ލިޔުނު ރިޕޯޓްގެ ތަރުޖަމާ: އަހުމަދު ނާއިފު
ކުނި ނައްތާލަން ހާއްސަ ކޮށްފައިވާ ކ. ތިލަފުށީގައި ކުނި ނައްތާލުމުގެ މަސައްކަތް ކުރަނީ ރައްކާތެރި ގޮތަކަށް ނޫން ކަމަށާއި ތިލަފުށީގައި ރައްކާތެރި މާހައުލެއް ނެތް ކަމަށް ބީބީސީގެ މަޝްހޫރު ނޫސްވެރިޔާ ސައިމަން ރީވް ތިލަފުއްޓާ ބެހޭ ގޮތުން އޭނާ އުފެއްދިޑޮކިއުމަންޓްރީއެއްގައި ބުނެފި އެވެ.
ޓީވީ ޕްރެޒެންޓަރެއްގެ އިތުރުން ޓްރެވަލް އާއި ޓެރަރިޒަމްއާ ގުޅޭ ޑޮކިއުމަންޓްރީތައް އުފައްދާ ފޮތްތައް ވެސް ލިޔުއްވާފައިވާ ސައިމަން ރީވް ތިލަފުށީގެ މާހައުލުގައި ވަގުތު ހޭދަ ކުރުމަށް ފަހު އެ ރަށުގެ ވެއްޓާ ގުޅޭ ވީޑިއޯ ޑޮކިއުމަންޓްރީ އެއް ހަދާފައިވެ އެވެ. އެ ޑޮކިއުމެންޓްރީގައި އޭނާ ތިލަފުށި ސިފަކޮށްފައި ވަނީ "ފަނާ ކުރަނިވި ރަށެއް!"ގެ ގޮތުގަ އެވެ.
ފަނާކުރަނިވި ކުނީގެ ރަށުގެ ގޮތުގައި ސައިމަން، ތިލަފުށީގެ މައްޗަށް އެކުލަވައިލި ޑޮކިއުމަންޓްރީގައި ރާއްޖޭގައި ކުނި ނައްތާލުމުގެ ނިޒާމު ހަމަޖެހިފައި އޮންނަ ގޮތާ މެދު ހައިރާންވި ކަމަށް ބުނެފައިވެ އެވެ. ތިން މިނެޓްގެ އެ ޑޮކިއުމެންޓްރީ ފިލްމްގައި ސައިމަަން ހަރަކާތްތެރިވާއިރު އެ މާހައުލުގައި އޭނާގެ ވަށައިގެން މެހި ބުރަމުން ދެ އެވެ.
މެހީގެ ތެރޭގައި ހުރެގެން އޭނާ ބުނެ އެވެ: "މި ވަރަށް މެހި އޮތް ތަނެއް ނުދެކެން!"
ވީޑިއޯގައި އެއްލާލައިފާއި އޮތް ތެޔޮ ހުސްކުރި ފީފާތަކަކަށް އިޝާރާތްކޮށް މިއީ ކޮންކަމެއްތޯ ސައިމަން އޭނާގެ އެހީތެރިޔާއަށް ސުވާލު ކުރެ އެވެ.
"ބިމުގެ ތެރެއަށް ނޫނީ މޫދަށް ތެޔޮ އެޅުމަކީ ހަމަވެދާނެ ކަމެއް،" އެހީތެރިޔާ ޖަވާބުގައި ބުނެ އެވެ.
ސައިމަން ބުނަނީ މިހާ ނުރައްކާތެރިކޮށް ދުނިޔޭގެ އެއްވެސް ތަނެއްގައި ކުނި ނައްތާލަން މަސައްކަތްކޮށްފައިވާތީ ނުދެކޭ ކަމަށާއި ތިލަފުށީގެ މަންޒަރު ފެނުމުން އޭނާ އަންތަރީސްވެފައިވާ ކަމަށެވެ.
"މިއީ ވިހައިން ފުރިފައިވާ މާހައުލެއް!" ޑޮކިއުމެންޓްރީގައި ސައިމަން ވާހަކަ ކުރުކޮށްލަ އެވެ.