ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު އެޑުއާޑޯ ކަމަވިންގާއަށް ފްރާންސް ގައުމީ ޓީމުގެ ތަމްރީނުތަކުގެ ތެރެއިން އަނިޔާވެއްޖެއެވެ.

ޔޫރޯ ކޮލިފައިންގެ މެޗުތަކަށް ނުކުތުމަށް ފްރާންސްގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންދަނިކޮށް، ކަމަވިންގާގެ ކަކުލަށް ވަނީ އަނިޔާއެއް ވެފައެވެ. އެއާއެކު އޭނާ ވަނީ އެ ފަރިތަކުރުންތައް ކުރުކޮށްލައިފައެވެ.

އިތުބާރު ހުރި ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ރިޕޯޓުކޮށްފައިވާ ގޮތުގައި ކުރިއަށްއޮތް ދުވަސްތަކުގައި ކަމަވިންގާ ދެން މަސައްކަތްކުރާނީ ފަރުވާއަށެވެ. ނަމަވެސް އޭނާގެ އަނިޔާ އެހާ ސީރިއަސް ނުވާނެ ކަމަށް ބެލެވޭ ކަމަށް ފަބްރީޒިއޯ ރިޕޯޓުކޮށްފައިވެއެވެ.

ކަމަވިންގާގެ އަނިޔާ ސީރިއަސްވެ، ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ގޮސްފި ނަމަ، އެކަމުގެ އެންމެ ބޮޑު އަސަރެއް ކުރާނީ ރެއާލަށެވެ. ޑިފެންސިވް މިޑްފީލްޑަރުންގެ ގޮތުގައި ރެއާލަށް ކުޅޭ ފްރާންސް މިޑްފީލްޑަރު އޯރެލިއެން ޗުއަމެނީ ވެސް އަނިޔާއާ ގުޅިގެން މި އަހަރުގެ ނިޔަލަށް މެޗަކުން ނުފެންނާނެއެވެ.

ކަމަވިންގާއަކީ ފްރާންސްގެ ގައުމީ ޓީމަށް ކުޅުނު އެންމެ ހަގު ކުޅުންތެރިޔާއެވެ. ކަމަވިންގާ 2020 ވަނަ އަހަރު ކްރޮއޭޝިއާއާ ދެކޮޅަށް ނުކުތް އިރު، އޭނާގެ އުމުރަކީ 17 އަހަރާއި 303 ދުވަހެވެ. ނަމަވެސް ކުރިއަށްއޮތް ޔޫރޯ ކޮލިފައިން މެޗުތަކުގައި ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ވޮރެން ޒައިރޭ އެމެރީއަށް އެ ރެކޯޑު މުގުރާލުމުގެ ފުރުސަތު އޮންނާނެއެވެ.

އަންނަ އަހަރު ބާއްވާ ޔޫރޯއިން ފުރުސަތެއް ކަށަވަރުކޮށްފައިވާ ފްރާންސުން ކޮލިފައިންގައި ކުޅޭ ފަހު ދެ މެޗުގެ ތެރެއިން އަންނަ ހޮނިހިރު ދުވަހު ގިބްރާލްޓާއާ ދެކޮޅަށް ނުކުންނަ އިރު, އަންނަ އަންގާރަ ދުވަހު ނުކުންނަން ޖެހޭނީ ގްރީސްއާ ދެކޮޅަށެވެ.