16 Nov 2023, 09:49
ސައުދީ ޕްރޯ ލީގުގެ ޗެމްޕިއަން އަލް އިއްތިހާދުގެ ކޯޗުކަމުގެ މަގާމަށް ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު ހުލެން ލޮޕެޓެގީއަށް ހުށަހެޅި ހުށަހެޅުން ގަބޫލުނުކޮށް ދޫކޮށްލުމާ ގުޅިގެން އެ މަގާމަށް މާސެލޯ ގަލާޑޯ ހަމަޖެއްސުމަށް އެ ކްލަބުން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އަލް އިއްތިހާދުން ވަނީ އެ ކްލަބުގެ ކޯޗުކަމުގެ މަގާމުގައި ހުރި ނޫނޯ އެސްޕިރިޓޯ ސަންޓޯ، ދާދި ފަހުން މަގާމުން ވަކިކޮށްފައެވެ. އޭނާ މަގާމުން ވަކިކޮށްފައިވަނީ ނަތީޖާތައް ގޯސްވުމާ އެކު، އެ ޓީމުގެ ކެޕްޓަން ކަރިމް ބެންޒެމާއާ ވެސް މައްސަލަތަކެއް ޖެހުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި އުމުރުން 47 އަހަރުގެ ގަލާޑޯ ކުރިއަށް އޮތް ދުވަސްތަކުގައި ސައުދީ އަރަބިއާއަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި، އެ ކްލަބާ އެކު ގަލާޑޯ، 2025ގެ ޖޫން މަހުގެ ނިޔަލަށް މަޑުކުރުމަށް ސޮއިކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަލް އިއްތިހާދުން ފުރަތަމަ މަސައްކަތްކޮށްފައިވަނީ ކުރިން ސްޕެއިން ގައުމީ ޓީމާއި ރެއާލް މެޑްރިޑަށް އިރުޝާދު ދިން ލޮޕެޓެގީ ގެނައުމަށެވެ. ނަމަވެސް ލޮޕެޓެގީ ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބަކާ ހަވާލުވާން ބޭނުންވާތީ އަލް އިއްތިހާދުގެ ހުށަހެޅުން ގަބޫލުނުކޮށް ދޫކޮށްލާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ގަލާޑޯއަކީ އާޖެންޓީނާގެ ތާރީޚީ ކްލަބު ރިވާ ޕްލޭޓްގެ އެންމެ ކާމިޔާބު އެއް ކޯޗެކެވެ. ރިވާ ޕްލޭޓްގައި ގަލާޑޯ ހޭދަކުރި ނުވަ އަހަރުގެ ތެރޭގައި އޭނާ ވަނީ އެ ކްލަބަށް 14 ތައްޓެއް ހޯދައިދީފައެވެ. ގަލާޑޯއާ އެކު ރިވާ ޕްލޭޓުން 2015ގެ ފީފާ ކްލަބު ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކުރި ނަމަވެސް، ފައިނަލުގައި އެ ޓީމު ބަލިވީ ބާސެލޯނާ އަތުންނެވެ.
އެންމެ ފަހުގެ ޗެމްޕިއަނުންގެ ގޮތުގައި އަލް އިއްތިހާދުން މި ސީޒަނާ ކުރިމަތިލީ ނަމަވެސް، އެޓީމުގެ ފެށުން ވަނީ ގޯސްވެފައެވެ. މި ސީޒަނަށް ބެންޒެމާއާއި ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކަންޓޭ ފަދަ ވަރުގަދަ ކުޅުންތެރިންތަކަކާ އެކު ނުކުތް އަލް އިއްތިހާދު މި ވަގުތު އޮތީ ސައުދީ ޕްރޯ ލީގު ތާވަލުގެ ފަސްވަނައިގައެވެ. ލީގު ތާވަލުގެ އެއްވަނައިގައި އޮތް އަލް ހިލާލާއި އަލް އިއްތިހާދާ ދެމެދު 11 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.
އަލް އިއްތިހާދުން މިދިޔަ ސީޒަނުގެ ސައުދީ ޕްރޯ ލީގު ކާމިޔާބުކުރީ ނޫނޯގެ އިރުޝާދުގެ ދަށުންނެވެ. އޭނާއަކީ މީގެ ކުރިން ވެލެންސިއާ، ޕޯޓޯ، ވުލްވްސް އަދި ޓޮޓެންހަމް ހޮޓްސްޕާއަށް އިރުޝާދު ދިން ކޯޗެކެވެ.