އެޕަލް އިން މި އަހަރުގެ އެޕް ސްޓޯރު އެވޯޑްގެ ފައިނަލިސްޓުން އިއުލާންކޮށްފިއެވެ.

ކޮންމެ އަހަރަކުވެސް އެޕް ސްޓޯރުގެ އެޑިޓޯރިއަލް ޓީމުން އެޕަލްގެ ސްޓޯފްރަންޓްގައި ހިމެނޭ ކެޓަގަރީތަކުން އެންމެ ރަނގަޅު ބައެއް އެޕްލިކޭޝަންތައް ހޮވައި ސްޕޮޓްލައިޓް ކުރެއެވެ. އެއީ އެޕް ސްޓޯރުގައި ހުންނަ އެޕްތަކާއި ގޭމްތަކުގެ ޓެކްނިކަލް އަދި ކްރިއޭޓިވް ކާމިޔާބީތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.

މިއަހަރުގެ އެޕް ސްޓޯ އެވޯޑް ފައިނަލިސްޓުންގެ ތެރޭގައި ތަފާތު 10 ކެޓަގަރީއަކުން، 40 އަށްވުރެ ގިނަ އެޕް އަދި ގޭމް ހިމެނެއެވެ. އެގޮތުން، ބަސް އުނގެނުމުގެ ޓޫލް ޑުއޮލިންގޯ އާއި ޕްރޮފެޝަނަލް ވީޑިއޯ އެޑިޓިން ސޮފްޓްވެއާ ޑާވިންސީ ރިޒޮލްވް އަދި ފިލްމް ސްޓްރީމިން ޕްލެޓްފޯމް މުބީ ފަދަ މަޝްހޫރު އެޕްލިކޭޝަންތަކުން މި އަހަރު ވަނީ ފާހަގަ ކޮށްލެވޭފަދަ ކާމިޔާބީއެއް ހޯދާފައެވެ.

ފައިނަލިސްޓުންގެ ލިސްޓު ފަށާފައިވަނީ އައިފޯން އެޕް އޮފް ދަ އިޔާ ކެޓަގަރީންނެވެ. މި އަހަރުގެ އެންމެ މޮޅު އައިފޯން އެޕްލިކޭޝަންތަކުގެ ފައިނަލިސްޓުންގެ ތެރޭގައި ހައިކިން އެޕް އޯލްޓްރެއިލްސް އާއި ލެންގުއޭޖް ކޯޗް ޑުއޮލިންގޯ އަދި ފްލައިޓް ޓްރެކާ ފްލައިޓީ ހިމެނެއެވެ.

އައިފޯންގެ އެންމެ މޮޅު ގޭމްތަކުގެ ފައިނަލިސްޓުންގެ ތެރޭގައި ރެޓްރޯ އާރްޕީޖީ އާފްޓާޕްލޭސް އާއި ގޭމް ޑެވެލޮޕަރު މިހޯޔޯގެ އެންމެ ފަހުގެ ގޭމް ހޮންކައި: ސްޓާ ރޭލް އަދި އެކްޝަން ގޭމެއް ކަމަށްވާ ވެމްޕަޔާ ސާވައިވާސް ހިމެނެއެވެ.

އައިޕެޑް އެޕް އޮފް ދަ އިޔާގެ ފައިނަލިސްޓުންނަކީ އުފެއްދުންތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދޭ އެޕްލިކޭޝަންތަކެކެވެ. އޭގެ ތެރޭގައި ސްކެޗިން އެޕް ކޮންސެޕްޓްސް، ވީޑިއޯ އެޑިޓިން ސޮފްޓްވެއާ ޑަވިންސީ ރިޒޮލްވް އަދި މޭކަޕް ޑިޒައިންސް އެޕް ޕްރެޓް-އޭ-މޭކަޕް ހިމެނެއެވެ.

އައިޕެޑް ގޭމް އޮފް ދަ އިޔާ ކެޓަގަރީގައި ހިމެނެނީ ޕާޓީ ގޭމް އެގީ ޕާޓީ އާއި ޕަޒަލް ގޭމް ލޮސްޓް އިން ޕްލޭ އަދި ސިޓީ ބިލްޑަރު ސިމް ޕޮކެޓް ސިޓީ 2 އެވެ.

މެކްގައި މިއަހަރުގެ އެންމެ މޮޅު އެޕްލިކޭޝަންތަކުގެ ފައިނަލިސްޓުންގެ ތެރޭގައި ގްރެފިކް ޑިޒައިން އެޕް ލިނިއަރިޓީ ކާވް އާއި ފޮޓޯ އެޑިޓިން އެޕް ފޮޓޯމޭޓަރާއި އިމަސިވް ޕްރޮޑަކްޓިވިޓީ އެޕް ޕޯޓަލް ހިމެނެއެވެ.

ގޭމިން ސައިޑްގައި މި އަހަރުގެ އެންމެ މޮޅު މެކް ގޭމްސްގެ ފައިނަލިސްޓުންނަކީ އޯޕަން ވޯލްޑް އާރްޕީޖީ ޓައިޓަލް އެލެކްސް 2، ޕޮޕިއުލާ ސޯލްސްލައިކް ލައިސް އޮފް ޕީ އަދި ޕޮއިންޓް އެންޑް ކްލިކް އެޑްވެންޗާ ޓައިޓަލް ރިޓާން ޓު މަންކީ އައިލެންޑެވެ.

އެޕަލް ވޮޗްގައި މި އަހަރުގެ އެންމެ މޮޅު އެޕްލިކޭޝަން ފައިނަލިސްޓުންގެ ތެރޭގައި ޓު-ޑޫ އެންޑް ޕްލޭނާ އެޕް ޕްލޭނީ އާއި ވޯކްއައުޓްސް އެޕް ސްމާޓްޖިމް އަދި ވެދާ އެލާޓްސް އެޕް ޓައިޑް ގައިޑް ހިމެނެއެވެ.

އެޕަލް ޓީވީގެ އެންމެ މޮޅު އެޕްލިކޭޝަންތަކުގެ ތެރޭގައި ކްރިއޭޗާ ކަލެކްޝަން ގޭމް ބަގްސްނެކްސް އާއި ޓްރެއިނިން އެންޑް ވޯކްއައުޓްސް އެޕް ފިޓްއޮން އަދި ސްޓްރީމިން އެޕް މުބީ ހިމެނެއެވެ.

އެޕް ސްޓޯރުން ވަނީ މި އަހަރު އެޕަލް އާކޭޑްގެ ހިދުމަތުގެ އެންމެ މޮޅު ގޭމްތަކުގެ ފައިނަލިސްޓުން ވެސް ލިސްޓުކޮށްފައެވެ. އޭގެ ތެރޭގައި ސިޓީ ބިލްޑަރު ސިމް ސިޓީސްކޭޕްސް އާއި ކޮޒީ އެޑްވެންޗާ ޓައިޓަލް ހެލޯ ކިޓީ އައިލެންޑް އެޑްވެންޗާގެ އިތުރުން ޕަޒަލް އެމްބްރޮއިޑަރީ އެޕް ސްޓިޗް ހިމެނެއެވެ.

އެޕަލްއިން ވަނީ އެ އެޕްތަކުގެ ސަބަބުން މުޖުތަމައަށް ހެޔޮ އަސަރެއް ކޮށްފައިވާ ބައެއް އެޕްތައް ވެސް ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ މެނޯޕޯޒް ސަޕޯޓް އެޕް ބެލެންސް، ޕާސަނަލް ފައިނޭންސް އެޕް ކޮޕައިލޮޓް، އެންވަޔަރަމެންޓަލް އިމްޕެކްޓް އެޕް އެންޑްލިންގް ފަދަ 10 އެޕްލިކޭޝަނެކެވެ.

މި ފައިނަލިސްޓުންގެ ތެރެއިން ނަސީބުވެރިން ހޮވާނީ އެޕަލް އިންނެވެ. އަދި ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ހުރިހާ ކެޓަގަރީއަކުން ނަސީބުވެރިން އިއުލާނު ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.