16 Nov 2023, 09:28
ބޮލީވުޑްގެ ބައެއް ފިލްމީ ތަރިން ކެރިއަރަށް ދޭ ސަމާލުކަމަށް ވުރެ ބޮޑަށް އެކްޓްކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް އާއްމުންނަށް ކިޔައިދިނުމަށް ވަގުތު ބޭކާރު ކުރާތީ އެ ކަމާ ބަތަލާ ހުމާ ގުރައިޝީ ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
ދާދި ފަހުން ޒީ5ގައި ރިލީޒް ކުރި ފިލްމު "ތަރްލާ"ގެ ބަތަލާ ބުނީ ފިލްމީ މަސައްކަތްތައް ނުވަތަ އެކްޓްކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތާ ބެހޭގޮތުން ފޮނި އަނގަ ތެޅުމުގެ ބަދަލުގައި އެކަން އެ މީހެއް އެކްޓުކުރުމުގެ ހުނަރުން ދެއްކުން މާ މުހިއްމު ކަމަށެވެ.
ފިލްމީ ތަރިއެއްގެ ހައިސިއްޔަތުން ހުމާގެ އެކްޓިންގް ޕްރޮސެސްއާ ބެހޭ މައުލޫމާތު އެއްކޮށް އެކަމާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ ބަދަލުގައި އަބަދު ވެސް މަސައްކަތް ކުރަނީ އަމިއްލަ ޕާފޮމެންސް އިހުނަށް ވުރެ ރަނގަޅު ކުރެވޭނެ ގޮތްތައް ހޯދުމަށް ކަމަށް ތަޖުރިބާކާރު ބަތަލާ ވަނީ ބުނެފައެވެ.
މީޑިއާއަށް ދިން އިންޓަވިއުއެއްގައި ހުމާ ބުނީ ބައެއް ފިލްމީ ތަރިން އެ ތަރިން ކުޅޭ ކެރެކްޓާއަށް ފިޓުވުމަށް ކުރާ މަސައްކަތްތަކުގެ ވާހަކަ ދެއްކި ނަމަވެސް އެކެރެކްޓަރު ފުރިހަމަ ގޮތުގައި ސްކްރީނުން ބެލުންތެރިންނާ ހަމައަށް ގެނެސްދެވޭ ތަރިން ވަރަށް މަދު ކަމަށެވެ.

ހުމާ ފިލްމު "ތާރްލާ"ގެ މަންޒަރެއްގައި
ފިލްމުގެ ސްކްރިޕްޓަކަށް އެއްބަސްވާ ހިސާބުން އެއީ ކޮންމެ ފިލްމީ ތަރިއެއްގެ ބޮލުގައި އެޅޭ ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި ބެލުންތެރިންނާ ހަމައަށް އެ ތަރިއަކު ކުޅޭ ރޯލު އިންސާފުވެރިކަމާ އެކު ގެނެސްދެވޭނީ އެކްޓުކުރުމުގެ ހުނަރު ކުރިއަރުވަން މަސައްކަތް ކޮށްގެން ކަމަށް ހުމާ ވަނީ ބުނެފައެވެ.
ފިލްމުތަކުގެ އިތުރުން ބައެއް ޓެލެވިޒަން ވެބް ސީރީސްތަކުން ފެނިފައިވާ ބަތަލާ ދެން އެންމެ އަވަހަށް ސްކްރީނުން ފެންނާނީ އަންނަ އަހަރު ރިލީޒްކުރާ ފިލްމު "ޕޫޖާ މެރީ ޖާން"އިންނެވެ. މި ފިލްމު މިހާރު ވަނީ ޕޯސްޓް ޕްރޮޑަކްޝަން މަރުޙަލާގައެވެ.