20 May 2012, 15:15
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވާރޭ ނުވެހި ގިނަ ދުވަސްވުމުން، ފެން ލިބުން ދަތިވެ، ފެނަށް ޖެހިގެން މިއަހަރު ތެރޭގައި 117 ރަށަކުން ރިޕޯޓްކޮށްފައިވާ ކަމަށް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރުން މިއަދު ބުނެފި އެވެ.
ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރުގެ އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި މަސައްކަތް ކުރައްވާ އެމްއެންޑީއެފްގެ އޮފިޝަލް މުހައްމަދު ދީދީ (ޑީޑީ) ވިދާޅުވީ މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އިއްޔެގެ ނިޔަލަށް 117 ރަށަކުން ފެން ބޭނުންވާ ކަމަށް ބުނެ، 6926.86 ޓަނުގެ ފެނަށް އެދިފައިވާ ކަމަށެވެ.
ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރާއި އެމްއެންޑީއެފާ ގުޅިގެން މިހާތަނަށް 86 ރަށަކަށް 2509.25 ޓަނުގެ ފެން ފޯރުކޮށްދީފައިވާ ކަމަށާއި ނަމަވެސް 22 ރަށަކަށް އަދިވެސް ފެން ފޯރުކޮށް ނުދެވޭ ކަމަށް ޑީޑީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބައެއް ރަށްރަށަށް ވާރޭނުވެހި ދުވަސްކޮޅަކު އޮތުމަށް ފަހު ވާރޭވެހެން ފެށުމުން ފެނަށްޖެހުނު ރަށްތަކުން ފެން ބޭނުން ނުވާ ކަމަށް ބުނެ 13 ރަށަކުން އަންގާފައިވާ ކަމަށާއި ނަމަވެސް ކުރިން ފެން ފޯރުކޮށްދިން 86 ރަށުގެ ތެރެއިން ހަތް ރަށަކުން އަނެއްކާ ވެސް ފެނަށްޖެހިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެ ރަށްތަކަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތްތަކެއް ކުރަމުންއަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ވާރޭ ނުވެހި ފެންލިބުން ދަތިވެގެން އެންމެ ގިނައިން ރިޕޯޓްކުރަނީ ރ. އަތޮޅާއި ބ. އަތޮޅާއި ހއ. އަތޮޅާއި ހދ. އަތޮޅެވެ. އެ އަތޮޅުތަކުގެ ހުރިހާ ރަށަކުން ކަހަލަ ގޮތަކަށް ފެން ލިބުން ދަތިވެގެން ރިޕޯޓްކޮށްފައިވާ ކަމަށް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރުން ބުންޏެވެ.
އެ ސެންޓަރުން ބުނީ ބޯފެނުގެ ދަތިކަން ކުރިމަތި ނުވާ އަތޮޅުތަކަކީ ލ. އަތޮޅާއި ވ. އަތޮޅާއި ފ. އަތޮޅު ކަމަށެވެ. އަދި އެ އަތޮޅުތަކުން ވަރަށް މަދުން ނޫނީ ފެން ލިބުން ދަތިވެގެން ޑިޒާސްޓާ އަށް ރިޕޯޓް ނުކުރާ ކަމަށް ވެސް ބުންޏެވެ.
މިއަހަރުގެ ތެރޭގައި 117 ރަށަކުން ބޯ ފެނަށް ޖެހިގެން ޑިޒާސްޓާއަށް ރިޕޯޓް ކުރުމަކީ ރާއްޖޭގެ ރަށްތަކުގެ 50 ޕަސެންޓު ރަށްތަށް ފެނަށް ޖެހުމެވެ. އާންމުގޮތެއްގައި އެޕްރީލް މަހާއި މެއި މަހު ހޫނުމިން އިތުރުވެގެންދިއުމުން ރަށްތަކުން ބޯ ފެނުގެ ދަތިކަން ކުރިމަތިވެ، މިނަރަލް ވޯޓާ ފެނުގެ ޑިމާންޑު ވަނީ ބޮޑުވެފަ އެވެ. އަދި ބައެއް ރަށްތަކުގައި ފިހާރަކުން މިނަރަލް ވޯޓާ ފެން ދޭތެރެ ދޭތެރެއިން ހުސްވެ އެވެ.