16 Nov 2023, 09:23
އާމިރު ޚާންގެ ލޯބިވެރިޔާ ކަމަށް އަޑު އަރާފައިވާ ބަތަލާ ފާތިމާ ސަނާ ޝޭހްއާ އެކްޓަރު ވިޖޭ ވަރުމާ ފުރަތަމަ ފަހަރަށް އެކީ ފެންނަ ފިލްމަށް ސޮއިކޮށްފިއެވެ.
އަދި ވަކި ނަމެއް ހަމަޖެހިފައިނުވާ މި ފިލްމުގެ ވަރަށް މުހިއްމު ރޯލަކުން އެކްޓަރު ނަސީރުއްދީނު ޝާހު ވެސް ފެންނާނެކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. މި ފިލްމު ޑައިރެކްޓް ކުރާނީ 2015ވަނަ އަހަރު ރިލީޒްވި ފިލްމު "ހަވައިޒާދާ"އިން ޑައިރެކްޝަނަށް ނުކުތް ވިބޫ ޕޫރީއެވެ. މި ފިލްމުގެ ލީޑް ރޯލު ކުޅެފައި ވަނީ އަޔުޝްމާން ކުރާނާއެވެ.
ފާތިމާ ސަނާ އާއި ވިޖޭ ފުރަތަމަ ފަހަރަށް މަސައްކަތް ކުރާ މި ފިލްމުގެ މާ ގިނަ ތަފުސީލެއް އަދި އާއްމުކޮށްފައެއް ނުވެއެވެ.
ޑައިރެކްޓަރު ވިބޫ ޕޫރީއަކީ އާއްމުގޮތެއްގައި އިންޑިއާގެ އެކި ތާރީޚާ ގުޅުންހުރި ޕްރޮޖެކްޓްތައް އުފެއްދުމަށް ޝައުގުވެރިވާ ފަރާތެއްކަމުން މި ފަހަރުގެ ފިލްމު ވެސް އެފަދަ މައުޟޫއަކަށް ބިނާކޮށް އުފެއްދުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ދާދި ފަހުން ޒީ5ގައި ސްޓްރީމްކުރަން ފެށި ވެބް ސީރީސް "ތާޖް:ޑިވައިޑެޑް ބައި ބްލަޑް" އަކީ ވިބޫ ޕޫރީގެ އެންމެ ފަހުގެ މަސައްކަތެވެ. މި ވެބް ސީރީސްގެ މުހިއްމު ރޯލުން ނަސީރުއްދީން ޝާހް ފެނިފައިވާއިރު މި ސީރީސްގެ ދެވަނަ ސީޒަނެއް ވެސް ވަނީ ނެރެފައެވެ.

ފާތިމާ ސަނާ ފިލްމު "ދަކް ދަކް"ގެ މަންޒަރެއްގައި
ވެބް ސީރީސް "ދާހަދް" އަދި "ޖާނެ ޖާން"ފަދަ ފިލްމު ތަކުން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެކްޓަރު ވިޖޭ ވަރުމާ އަކީ ބޮލީވުޑްގެ އެންމެ އުއްމީދީ އެކްޓަރުންގެ ތެރޭ ހިމެނޭ ފަރާތެކެވެ.
ބަތަލާ ފާތިމާ ސަނާ އާއި ވިޖޭގެ ކެމިސްޓްރީ އާއްމުންނަށް ކަމުދާނެ ކަމަށް އުއްމީދުކުރާ ކަމަށް ޑައިރެކްޓަރު ވިބޫ ޕޫރީ ބުނެފައިވާއިރު ބަތަލާ އެންމެ ފަހުން ފެނިފައި ވަނީ ދާދި ފަހުން ރިލީޒްވި ފިލްމު "ދަކް ދަކް"އިންނެވެ.