16 Nov 2023, 09:08
މި އަހަރު ރިލީޒްކޮށް ބޮޑު ކާމިޔާބީއެއް ބޮކްސް އޮފީހުގައި ހޯދި ފިލްމު "ޖަވާން"ގެ ޑައިރެކްޓަރު އެޓްލީ އިތުރު ފިލްމަކަށް ތައްޔާރުވަމުން އަންނަކަން ހާމަކޮށްފިއެވެ.
އެޓްލީ މި ފަހަރު އުފައްދަން ގަސްތުކުރާ ފިލްމުގެ ލީޑު ރޯލުން ތަރިންގެ ގޮތުގައި ފެންނާނީ "ޖަވާން"ގެ އެކްޓަރު ޝާހްރުކް ޚާން އާއި ތެލުގޫ ސިނަމާގެ އެންމެ ވަރުގަދަ އެއް ފިލްމީ ތަރި ތަލަޕަތީ ވިޖޭއެވެ.
އެޓްލީގެ ފިލްމެއްގެ ޚަބަރު ލިބޭނެކަމުގެ އިންތިޒާރުގައި ތިބި އޭނާގެ ފޭނުންނަށް އިތުރު އުފާވެރިކަމެއް ލިބިފައިވާއިރު ޝާހްރުކް ޚާން އާއި ތަލަޕަތީ ވިޖޭ ފިލްމުން ފެންނާނެކަން ރަސްމީކޮށް އެޓްލީ އިއުލާނުކުރުން ވެގެންދިޔައީ ފޭނުންނަށް ލިބުނު ނުހަނު ބޮޑު އުފަލަކަށެވެ.
ޓިވީ ޕްރެޒެންޓަރު ގޯޕީނާތުއާ ވާހަކަ ދައްކަމުން އެޓްލީ ވަނީ ޝާހްރުކް ޚާނާއި ތަލަޕަތީ ވިޖޭ ލީޑް ރޯލުން ފެނިގެންދާ މި ޕްރޮޖެކްޓް ފެށުނުގޮތާ ބެހޭގޮތުން ވާހަކަ ދައްކައިފައެވެ. އެޓްލީ ބުނެފައިވަނީ އިންޑިއާގެ ދެ ސިނަމާގެ އެންމެ މަގުބޫލު ދެ ތަރިން އެކީގައި ސިނަމާއަށް ގެނެސް ވަރަށް ވަރުގަދަ ފިލްމަކަށް ތައްޔާރުވުމުގެ މަސައްކަތް ފެށިއްޖެ ކަމަށެވެ.
އެޓްލީ އާއި މި ދެ ތަރިންގެ ފޭނުންނަށް ސިނަމާ ގުޑުވައިލާނެ ފަދަ ފިލްމެއް އުފެއްދުމަކީ މިހާރު ކުޅަދާނަ ތަމަޅަ ޑައިރެކްޓަރުގެ ޒިންމާއެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޑައިރެކްޓަރު އެޓްލީ އެކްޓަރު ޝާހްރުކް ޚާންއާ އެކު ފިލްމު 'ޖަވާން"ގެ މަންޒަރެއްގައި
ފިލްމު "ޖަވާން"ގެ ކާމިޔާބީއަށް ފަހު އެޓްލީ ވެފައިވަނީ ޝާހްރުކް ޚާންގެ ވަރަށް ގާތް މީހަކަށެވެ. ހަމައެއާ އެކު ކެރިއަރުގެ ކުރިއަށް ހުރި ފިލްމީ ޕްރޮޖެކްޓްތައް ހޮވާއިރު އެޓްލީގެ އިރުޝާދު ޝާހްރުކް ޚާން ހޯދާކަމަށް އެޓްލީ ވަނީ މީގެ ކުރިން ދިން އިންޓަވިއުއެއްގައި ބުނެފައެވެ.
އެހެންވެ، ޝާހްރުކް ޚާންގެ ފިލްމީ ކެރިއަރު ކުރިއެރުވުމުގައި އެންމެ އިތުބާރު ކުރާ މީހުންގެ ލިސްޓަށް ޒުވާން ޑައިރެކްޓަރު ވަނީ އިތުރުވެފައެވެ.
އެޓްލީ އަކީ ތަލަޕަތީ ވިޖޭ ލީޑް ރޯލް ކުޅުނު ފިލްމުތައް ކަމަށްވާ "މާސަލް" އަދި "ބިގިލީ"ގެ ވެސް ޑައިރެކްޓަރެވެ. މި ދެ ފިލްމަކީ ވެސް ތެލުގޫ ސިނަމާގެ އިތުރުން އިންޑިއާގެ އެކި ހިސާބުތަކުގައި ބޮޑު މަގުބޫލުކަމެއް ހޯދި ދެ ފިލްމެވެ.