ވެރިކަމަށް ވަޑައިގެންފައި ރައްޔިތުންނަށް ނުފިއްލަވާނެ ކަމަށާއި ކެމްޕޭންގައި ވެލެއްވި ހުރިހާ ވައުދުފުޅެއް އަކުރުން އަކުރަށް ފުއްދަވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން އިފްތިތާހު ކުރަން މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ، ކެމްޕޭން ތެރޭގައި ރަށްރަށަށް ވަޑައިގެންނާއި ނޫސްވެރިންނާއި ބައްދަލުކޮށް އަދި އެ ނޫން ވެސް ހަފުލާތަކުގައި ދެއްކެވި ހުރިހާ ވާހަކައެއް ލިޔެފައި އޮންނާނެ ކަމަށެވެ. އަދި، އެ ކަމާ ބިރުފުޅު ނުގަންނަވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ވެރިކަމަށް ވަޑައިގަތީ ހޮވިވަޑައިގަތުމުން ރައްޔިތުންނާ ފިއްލަވަން ނޫން ކަމަށެވެ. ވެލެއްވި ވައުދުފުޅުތައް އަކުރުން އަކުރަށް ނޫން ނަމަ އެއަށް ވުރެ ވެސް ފުރިހަމައަށް ފުއްދަވައިދެއްވާނެ ކަމަށް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

"ޕޯޑިއަމްގައި ދެއްކި ކޮންމެ ވާހަކައެއް، ރައްޔިތުންނާ މުޚާތަބުކޮށް ދެންނެވި ކޮންމެ ލަފުޒެއް، އެ ލަފުޒެއް ދެންނެވީ އެ ވާހަކައެއް ދެއްކީ އެ ކަމެއް ހަގީގަތުގައި ވެސް އެ ދެއްކި ގޮތަށް، އެ ދެންނެވި ގޮތަކަށް ކުރުމުގެ ފުރިހަމަ އަޒުމާއި އެކީގައޭ. އެ ނިޔަތުގައޭ،" މުއިއްޒު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުގެ ފުރަތަމަ 14 ހަފުތާގެ ޕްލޭން މިރޭ އިފްތިތާހު ކުރެވިގެންދިޔަ ނަމަވެސް އެ ޕްލޭނަށް ވުރެ ވެސް ފުރިހަމައަށް އެއަށް ވުރެ ވެސް ގިނަ ކަންކަން ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކެމްޕޭން ތެރޭގައި މުއިއްޒު ދެއްކެވި ހުރިހާ ވާހަކަފުޅެއް ހިމެނޭ ފޮތެއް ވެސް މިރޭ ވަނީ ނެރެފައެވެ. އެ ފޮތުގައި ކެމްޕޭންގައި އެ މަނިކުފާނު ދެއްކެވި ހުރިހާ ވާހަކަފުޅެއް ހިމެނޭނެއެވެ.

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކެމްޕޭންގައި ދެއްކެވި ހުރިހާ ވާހަކަފުޅުތަކެއް ހިމެނޭ ފޮތް -- ފޮޓޯ/ އެލީޒް

މުއިއްޒު ވިދާޅުވީ، އެގޮތަށް ކެމްޕޭންގައި ދެއްކެވި ހުރިހާ ވާހަކަފުޅެއް ހިމަނައިގެން ފޮތެއް ނެރުނީ ރައްޔިތުންނަށް އެ ވާހަކަފުޅުތަކުގެ ޔަގީންކަން ބޮޑުކޮށްދިނުމަށްޓަކައި ކަމަށެވެ.

"އަޅުގަނޑު ރައްޔިތުން ގާތަށް އައި ރައްޔިތުން އަޅުގަނޑަށް ތާއީދުކޮށް ވޯޓުދީ ހޮވީމާ ފިލާކަށް ނޫނޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.

"ދެއްކި ކޮންމެ ވާހަކައެއް، ކޮންމެ ޖުމުލައެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މިތާގައި މިއޮތް ޓީމު ރައްޔިތުންނަށްޓަކައި ގުޅިގެން މަސައްކަތް ކޮށްދެއްވާނެ އެ އަޒުމުގައި. އެހެންވީމާ އެ ފޮތުގައި އެ ހުރީ ދެއްކި ހުރިހާ ވާހަކައެއް. ކޮންމެ ރަށެއްގައި، ކޮންމެ ޕްރެސްކޮންފަރެންސެއްގައި، މާލޭގައި ޖަގަހަތަކުގައި ދެއްކި ހުރިހާ ވާހަކައެއް އޭގައި އެ ހުރީ،"

އެ މަނިކުފާނު ވިދާޅުވީ، ފޮރުވާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި އުފެދޭ ސަރުކާރުން ރައްޔިތުންނަށް އެއްވެސް ކަމެއް ނުފޮރުވާނެ ކަމަށެވެ.

ހުކުރު ދުވަހު ހަވީރު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާ މުއިއްޒު ވިދާޅުވީ، ކުރިއަށް އޮތީ ދިވެހީންނަށް މިނިވަންކަމާއި އިސްތިގުލާލު ޔަގީން ކުރުމުގެ ދަތުރު ކަމަށެވެ. އަދި، ތަރައްގީގެ މަގުގައި ވެއްޓިފައި އޮތް އަނދަވަޅުން އަރައިގަތުމަށް ކުރާ ދަތުރު ކަމަށެެވެ.

އެ މަނިކުފާނު ދެއްވީ ދިވެހީންނަށް ދިވެހީންގެ ރާއްޖެ އޭގެ ފުން މާނައިގައި އަނބުރާ ހޯދައިދެއްވާނެ ކަމުގެ ޔަގީން ކަމެވެ.