20 May 2012, 14:49
ކުރިއަށްއޮތް 25 އަހަރު، ގއ. އަތޮޅުގެ ތަރައްގީގެ ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް ސީޑީއީ ކޮންސްލަޓަންޓް ޕުރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.
މިއަދު ހެނދުނު ލޯކަލްގަވަމެންޓް އޮޓޯރިޓީ (އެލްޖީއޭ)ގައި ބޭއްވި ރަސްމިއްޔާތެއްގައި ގއ. އަތޮޅުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ އަތޮޅު ކައުންސިލްގެ ރައީސް ހާރޫން ރަޝީދެވެ. ސީޑީއީ ކޮންސްޓުލަޓަންޓުގެ ފަރާތުން ސޮއި ކުރެއްވީ ސީނިއާ ކޮންސްލަޓަންޓް ހާފިޒާ އަބްދުއްﷲ އެވެ.
މި އެއްބަސްވުމުގެ ދަށުން ކުރިއަށްއޮތް 90 ދުވަހުގެ ތެރޭގައި އެ އަތޮޅު ތަރައްގީ ކުރުމުގެ މާސްޓާ ޕްލޭނެއް އެ ކުންފުނީގެ ފަރާތުން އެކުލަވައިލަން ޖެެހެ އެވެ. އެއީ 25 އަހަރަށް ރާވާ ޕްލޭނެކެވެ.
މި މަސައްކަތް ހަވާލު ކުރި ނަމަވެސް މަސައްކަތް ހަވާލު ކުރީ ކިހާ ފައިސާއަކަށް ކަމެއް ނުބުނެ އެވެ.
މިއަދު އޮތް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގއ އަތޮޅު ކައުންސިލްގެ ރައީސް ހާރޫން ރަޝީދު ވިދާޅުވީ މި ޕްލޭންގައި އަތޮޅުގެ މިހާރުގެ ހާލަތާއި ކަންކަން ރަގަނޅު ކުރުމަށް ކުރެވޭނީ ކޮންކޮން މަސައްކަތެއްތޯ ބަލާނެ ކަމަށެވެ. އަދި އެކަންކަމުގެ ހައްލު ހޯދަން މަސައްކަތް ކުރަންވީ ގޮތްތައް ވެސް ހިމަނާނެ ކަމަށެވެ.
"އަތޮޅުގެ ތައުލީމާއި ސިއްހަތާއި އިޖްތިމާއީ މި ހުރިހާ ދާއިރާތަކުގެ ހާލަތު މިހާރު ހުރީ ކިހާ ފެންވަރަކަށްތޯ ބަލައި ކުރިއަށްއޮތް 25 އަހަރުގެ ތެރޭގައި މިކަންކަން ރަނގަޅު ކުރުމަށް އަޅުގަނޑުމެން ކޮން ގޮތްގޮތަށްތޯ ކަންތައްކުރަންވީ، ކޮންކަހަލަ ހިދުމަތްތަކެއްތޯ 25 އަހަރުގެ ތެރޭގައި ރައްޔިތުނަށް ދޭންވީ މިހުރިހާ ގޮތްތަކަކަށް އަޅުގަނޑުމެން ބަލާނަން،" އޭނާ ވިދާޅުވި އެވެ.
މި ޕްލޭން އެކުލަވައިލާ ސީޑީއީ ކޮންސަލްޓަންޓުގެ ފަރާތުން ހަފީޒާ އަބްދުއްﷲ ވިދާޅުވީ މި ޕްލޭންގައި އަތޮޅުގެ ހާލަތު ދެނެގަތުމަށްޓަކައި އެ އަތޮޅުގެ ހުރިހާ ރަށަކުން މައުލޫމާތު ސާފް ކުރާނެ ކަމަށާއި އަދި ސަރުކާރާ މަޝްވަރާކޮށް އެ ތަރައްގީއަށް ރާވައިފައި ހުރި ޕުލޭންތަކާއި ބެހޭގޮތުން މައުލޫމާތު ސާފު ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން ހުރިހާ ރަށަކަށް ވެސް ޒިޔާރަތް ކުރުމަށްފަހު ރައްޔިތުނާ ކައުންސިލްއާއި ހުރިހާ ފަރާތްތަކާއި މަޝްވަރާ ކުރެއްވުމަށްފަހު މިޕުލޭނުގެ އޮނިގަނޑު ތައްޔާރު ކުރަނީ" އޭނާ ވިދާޅުވި އެވެ.
އަދި ވިދާޅުވީ 25 އަހަރުގެ ޕުލޭން ތައްޔާރު ކުރުމަށްފަހު ހުރިހާ މިނިސްޓުރީތަކަށް އެ ޕްލޭންގެ ރިޕޯޓްގެ ޑްރާފްޓެއް ފޮނުވައި އަލުން މަޝްވަރާ ކުރާނެ ކަމަށެވެ.