ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސައީދު މުޙައްމަދު މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ސައީދު "ސަން"އަށް ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވި ކަމުގެ ސިޓީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް ހުށައަޅުއްވާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވީ އަންނަ ހުކުރު ދުވަހުގެ ފަހުން އެ މަގާމުގައި އިތުރަށް ހުންނަން ބޭނުން ނުވާތީ ކަމަށެވެ.

އަންނަ ހުކުރު ދުވަހު އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު ދައުލަތުގެ ކުންފުނިތަކަށް އާ ވެރިން ހަމަޖައްސަވާނެއެވެ.

މި މަސް ތެރޭގައި އިންތިޚާބީ ރައީސްގެ އޮފީހުން ވަނީ، ފެނަކައިގެ އިދާރީ އަދި މާލީ ހިންގުމުގައި ކަންބޮޑުވާ މިންވަރުގެ ބޮޑެތި ގޯސްތައް ފާހަގަވެފައިވާ ކަމަށް ބުނެފައެވެ. އެގޮތުން މި އަހަރުގެ މާޗު މަހުގެ ފަހުން މިމަހުގެ ދެވަނަ ދުވަހާ ހަމައަށް އެ ކުންފުންޏަށް 747 މުވައްޒަފުން އިތުރުކޮށްފައިވާކަން އެ އޮފީހުން ބުނެފައިވެއެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައީދު ވަނީ، ފެނަކައަށް ކޮރަޕްޝަނުގެ ތުހުމަތުތައް ކުރި ނަމަވެސް މިހާތަނަށް އައިއިރު އޭގެއިން އެއްވެސް ކަމެއް ސާބިތުވެފައި ނުވާ ކަމަށް ވިދާޅުވެފައެވެ. އަދި ދެން އަންނަ ސަރުކާރުން މައްސަލައެއް އުފަންކޮށްގެން ނޫނީ ފެނަކައިގެ އެއްވެސް މައްސަލައެއް ނުފެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

ޕީސީބީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ މުވައްޒަފުން ތިބީ ފެނަކައިގައެވެ. އެގޮތުން އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު 7،000އަށް ވުރެ އިތުރު ކަމަށް އެ ތަފާސްހިސާބުން ދައްކައެވެ.

ސަރުކާރުގެ ކުންފުނިތަކަށް މުވައްޒަފުން އިތުރުވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ސަރުކާރާއި އިދިކޮޅު ޕާޓީތަކުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.