20 May 2012, 14:41
ފެބުރުއަރީ އަށް ވަނަ ދުވަހު ގދ. ތިނަދޫގައި ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހި މައްސަލައިގައި 108 މީހެއްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ޕީޖީ އޮފީހުން ބުނީ އެ މީހުންގެ މައްޗަށް ދައުވާކުރަން އެދި ފުލުހުން ފޮނުވާފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު ކަމަށާއި އޭގެ ތެރޭގައި ހަ ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.
ޕީޖީގެ އެ އޮފިޝަލު ވިދާޅުވީ އެ މައްސަލަ މިހާރު ދިރާސާ ކުރަމުން އަންނަ ކަމަށާއި ދައުވާ ކުރުމާމެދު ގޮތެއް ނިންމާނީ ދިރާސާކޮށް ނިމުމުން ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އެ މީހުންގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ފެބްރުއަރީ އަށް ވަނަ ދުވަހު ތިނަދޫ ޕޮލިސް ސްޓޭޝަނަށް ވަދެ ފުލުހުންނަށް މާރާމާރީ ހިންގާ އެ އިމާރާތުގައި ހުޅުޖަހައި، އަދި ގދ. އަތޮޅު ކައުންސިލް އިދާރާއާ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގައި ހުޅުޖަހައި ދައުލަތުގެ މުދާ ލޫޓުވުން ކަމަށެވެ.
އެ 108 މީހުންގެ އިތުރުން ވެސް އެ މައްސަލައިގައި ތުހުމަތު ކުރެވޭ ގިނަ ބަޔަކު އަދިވެސް ހިމެނޭކަމަށް ފުލުހުން ބުނެފައިވާ ކަމަށާއި އެމީހުންގެ ތަހުގީގު ފުރިހަމަ ނުކުރެވި ވަނީ ތަހުގީގަށް ހާޒިރު ނުކުރެވޭތީ ކަމަށް ފުލުހުން ބުނެފައިވާކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އެމީހުންގެ ތަހުގީގު ފުރިހަމަ ކުރެވުނުހާ އަވަހަކަށް އެ މައްސަލަތައް ފޮނުވާނެކަމަށް ފުލުހުން ބުނެފައިވާކަމަށް ވެސް ބުންޏެވެ.
ފެބުރުއަރީ އަށް ވަނަ ދުވަހުގެ ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް ޝަރީއަތަށް ފޮނުވާފައި ވަނީ ށ. މިލަންދޫ އާއި، ހއ. ދިއްދޫ އާއި، އެ އަތޮޅު އިހަވަންދޫ އާއި ހދ. ކުޅުދުއްފުށި އަދި ޏ. ފުވައްމުލަކުގައި ހަމަނުޖެހުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްސަލަ ތަކެވެ.