އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމަށް އަންނަ ހުކުރު ދުވަހު ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެދިވަޑައިގެންފައި ނުވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއިން ބުނެފިއެވެ.

ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން މިވަގުތު ހުންނެވީ ގޭބަންދަށް ބަދަލުކޮށްފައެވެ.

ޔާމީނަށް ކަރެކްޝަނުން ދީފައިވާ ހުއްދަތަކަކީ މެޑިކަލް ކަންކަމުގައި ނުކުމެ އުޅުމަށާއި، ކަސްރަތުގެ ބޭނުމަށް ނުކުތުމަށާއި ކޮންމެހެން ބައިވެރިވާންޖެހޭ މުހިންމު ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ހުއްދައެވެ. އެހެންކަމުން މުއިއްޒުގެ ހުވާކުރެއްވުމުގެ ޖަލްސާގައި ބައިވެރިވާން އެދޭނަމަ އެމަނިކުފާނު ޖެހޭނީ އެ ހުއްދަ ކަރެކްޝަންސްއިން ހޯއްދަވާށެވެ.

ހުވާކުރުމުގެ ޖަލްސާގައި ބައިވެރިވުމުގެ ދައުވަތު މަޖިލީހުން ވަނީ ޔާމީނަށް ފޮނުވާފައެވެ. ނަމަވެސް، ކަރެކްޝަނުން ބުނީ އެކަމާ މެދު ގޮތެއް ނިންމާނީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ޔާމީން އެދިވަޑައިގަތުމުން ކަމަށެވެ.

ރިޔާސީ އިންތިޚާބުގައި ޔާމީން ވަނީ ޑރ. މުއިއްޒަށް ތާއީދުކުރައްވާ އެމަނިކުފާނު އެންޑޯޒްކުރައްވާފައެވެ. އިންތިޚާބުން ކާމިޔާބުވުމަށް ފަހު ޔާމީން ގެއަށް ބަދަލުކުރީ ވެސް މުއިއްޒުގެ އެދިލެއްވުމުގެ މަތިންނެވެ.

ޔާމީނަށް ކޮށްފައިވާ ހުކުމަކީ ގޯސްކޮށް ކޮށްފައިވާ ހުކުމެއްކަމަށް ވިދާޅުވެ މީގެ ކުރިން މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމެއްގައި ޔާމީން މިނިވަން ކުރައްވާނެ ކަމަށެވެ. އަދި ހުވާކުރުމުގެ ޖަލްސާއަށް ވަޑައިގަންނަވާނީ ޔާމީނާއެކު ކަމަށް ޑރ. މުއިއްޒު މީގެކުރިން ވިދާޅުވެފައި ވެއެވެ.