16 Nov 2023, 08:34
އިންގްލިޝް ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން މިދިޔަ ސީޒަންގެ އާމްދަނީ ރިކޯޑް އަދަދަކަށް އަރާފައިވާކަމަށް އެ ކުލަބުން ހާމަކޮށްފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި 2022-2023 ވަނަ އަހަރުގެ ސީޒަންގައި ސިޓީގެ އާމްދަނީ އުޅެނީ 712.8 މިލިއަން ޕައުންޑުގައެވެ. މިއީ ޕްރިމިއާ ލީގުގެ އާ ރިކޯޑެކެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 99.8 މިލިއަން ޕައުންޑް އިތުރު އަދަދެކެވެ.
ޕްރިމިއާ ލީގުގެ ކުލަބުތަކުގެ ތެރެއިން މީގެ ކުރިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑަށެވެ. މިދިޔަ މަހު ޔުނައިޓެޑަށް ލިބިފައިވާކަމަށް ހާމަކޮށްފައިވަނީ 648.4 މިލިއަން ޕައުންޑެވެ.
ސިޓީއަށް މި އާމްދަނީ ލިބިފައިވަނީ އެ ކްލަބުގެ ހަޔާތުގައި އެންމެ ކާމިޔާބު އަހަރުގެ ގޮތުގައި މިދިޔަ ސީޒަން ފާހަގަ ވެފައިވަނިކޮށެވެ. އަދި، މި ފައިދާގެ އަސްލަކީ އެ ކްލަބަށް މިދިޔަ ސީޒަންގައި ހޯދުނު ގިނަގުނަ ކާމިޔާބީތައް ކަމުގައި ހުރިހާ ފަރާތްތަކުން ވެސް ގަބޫލު ކުރެއެވެ.
ސިޓީން މިދިޔަ ސީޒަންގައި ވަނީ އިންގްލިޝް ޕްރިމިއާ ލީގާއި، އެފް އޭ ކަޕް އަދި ޔުއޭފާ ޗެމްޕިއަންސް ލީގު އެއް ސީޒަނެއްގައި ކާމިޔާބު ކުރި އިނގިރޭސި ދެވަނަ ޓީމަށް ވެގެން ގޮސްފައެވެ. ސިޓީއަށް މި ފަހަރު ލިބުނު އާމްދަނީ އެއީ އިންގްލިޝް ޕްރިމިއާ ލީގުގެ އާ ރިކޯޑަކަށް ވީ ނަމަވެސް ކްލަބު ފުޓްބޯޅައިގައި އެންމެ ބޮޑު އާންމުދަނީއެއް މިހާތަނަށް ލިބިފައިވާ ކަމަށް ހާމަކޮށްފައިވަނީ 2019 ވަނަ އަހަރު ސްޕެނިޝް ލަލީގާގެ އެފްސީ ބާސެލޯނައެވެ. އެ ސީޒަންގައި އެ ކްލަބުގެ އާމްދަނީ 861.43 މިލިއަން ޕައުންޑަށް އެރި ކަމަށް ބާސާއިން ހާމަކޮށްފައިވެއެވެ.
ސިޓީގެ ޗެއާމަން ހަލްދޫމް އަލް މުބާރަކް ބުނި ގޮތުގައި މިއަދު މި ލިބޭ ކާމިޔާބީ އަކީ މުސްތަގުބަލަށް އިންވެސްޓް ކުރުމަށް ލިބިގެންދާ އިތުރު ފުރުސަތުތަކެކެވެ. އަދި، ސިޓީއަށް މާލީ ސިއްހަތު ރަނގަޅުވުމައި ދަނޑުމަތީގައި ހޯދެމުންދާ ކާމުޔާބީއާ އެކު ހުރިހާ ފަރާތްތަކުން މުސްތަގުބަލަށް އިންތިޒާރު ކުރަނީ އިތުރު ފޮނި އުންމީދުތަކަކާ އެކު ކަމަށެވެ.