ކޮވިޑް-19ގެ ގޮންޖެހުން ތަކުން އަރައިގަނެ ރާއްޖޭގެ ފަތުރުވެރިކަން އާރާސްތުކުރުމަށް، ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާއަތާ ގުޅިގެން ކުރި މަސައްކަތްތައް ދައްކުވައިދޭ ވީޑިއޯ ޑޮކިއުމެންޓަރީ މިރޭ ދައްކަން ހަމަޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފިއެވެ.

''ދަ ރެޒިލިއެންޓް މޯލްޑިވްސް: ޓޫރިޒަމް ރިކަވަރީ ފްރޮމް ކޮވިޑް-19'' ވީޑިއޯ ޑޮކިއުމެންޓްރީ ދައްކަން ހަމަޖެހިފައިވަނީ މިރޭ 10:15 ގައެވެ. އެ ޑޮކިއުމެންޓަރީގެ ޓްރެއިލާ މިދިޔަ އާދިއްތަ ދުވަހު ވަނީ ނެރެފައެވެ.

ރެޑްލިޓް މީޑިއާއިން ތައްޔާރުކުރި، 45 މިނެޓްގެ މި ޑޮކިއުމެންޓަރީގައި ކޮވިޑްގެ ބަލިމަޑުކަން ރާއްޖެއަށް ފެތުރެންފެށި ދުވަސްތަކުގެ ހާލަތުން ފެށިގެން ދިވެހިރާއްޖޭގެ ޓޫރިޒަމް އިހު ހުރިވަރާ ހަމަކުރަންކުރި މަސައްކަތާއި، ހާސިލުވި ނަތީޖާގެ މައްޗަށް އަލިއަޅުވާލާފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިޑޮކިއުމެންޓަރީ ރާއްޖޭގެ ގިނަ ޓީވީ ޗެނަލްތަކުން އެއްވަގުތެއްގައި ދައްކާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ އެސްއެސްޓީވީ، ޓީވީ މޯލްޑިވްސް، ރާއްޖެ ޓީވީ، ވީޓީވީ އަދި ދިވެހި ޗެނަލްގެ އިތުރުން ވަގުތު ޓީވީ އެެވެ.

ޓީވީން ދެއްކުމުގެ އިތުރަށް މިޑޮކިއުމެންޓަރީ، ބައެއް މީޑިއާ ޗެނަލްތަކުންނާއި، މިނިސްޓްރީ އޮފް ޓޫރިޒަމްގެ ސޯޝަލް މީޑިއާ ހޭންޑްލްތަކުން ލައިވް ސްޓްރީމް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.