20 May 2012, 14:38
އެމްޑީޕީން ސިޔާސީ ހަރަކާތްތައް ހިންގަން ދީފައިވާ އުސް ފަސްގަނޑު ހުސްކޮށްދިނުމަށް ހޯމް މިނިސްޓްރީން ފުލުހުންނަށް އަންގައިފި އެވެ. އެކަމަށް މިނިސްޓްރީ އެދިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އުސް ފަސްގަނޑު ހުސް ކުރަން ހޯމް މިނިސްޓްރީން ފުލުހުންނަށް އެންގީ އުސް ފަސްގަނޑު ހުސްކޮށް އެތަން ހައުސިން މިނިސްޓްރީއާއި ހަވާލުކުރަން މާލޭ ސިޓީ ކައުންސިލަށް ތަކުރާރުކޮށް އެންގުމުން ވެސް އެކަމަށް އެ ކައުންސިލުން އިޖާބަ ނުދިނުމާ ގުޅިގެނެވެ.
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒު (އެފްއޭ) މިއަދު ވިދާޅުވީ އުސް ފަސްގަނޑު ނެގުމުގެ މައްސަލާގައި ހައުސިން މިނިސްޓްރީން ބުނެފައިވާ ކަންކަމަށް ރިއާޔަތްކުރުމުގެ އިތުރުން އެޓާނީ ޖެނެރަލް ދެއްވާ ފައިވާ ގާނޫނީ ލަފާއާއި އެއްގޮތަށް އުސް ފަސްގަޑު ނެގިދާނެ ކަމަށް ސަރުކާރަށް ފެންނާތީ އެ ސަރަހައްދު ހުސްކޮށްދިނުމަށް ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ،
"އެޓާނީ ޖެނެރަލް ގާނޫނީ ލަފާދެއްވާފައި އެބައޮތް ސަރުކާރަށް އެތަން [އުސް ފަސްގަނޑު] ހުސްކުރެވިދާނެ ކަމަށް. އަދި ހައުސިން މިނިސްޓްރީން އަންގައިގެން ސިޓީ ކައުންސިލުން ހުސް ނުކުރިކަމަށް ވެސް ދަންނަވާފައި އޮންނާނެ ފުލުހުންނަށް،" އެފްއޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވީހާ ހަވަހަކަށް އެކަން ކޮށްދިނުމަށް ދަންނަވާފައިވާނެ ކަމަށާއި އެކަމުގައި ފުލުހުން ނިންމަންޖެހޭ ކަންކަން ނިއްމުމަށް ފަހު ފުލުހުން އުސް ފަސްގަނޑަށް އަރާނެ ވަކި ތާރީހެއް ދަންނަވަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް މިއަދު ވިދާޅުވީ އުސް ފަސްގަނޑު ހުސްކުރަން ހޯމް މިނިސްޓްރީން ފުލުހުންނަށް ހުށައަޅާފައިވާ ކަމަށާއި އެކަމާ މެދު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
"އެކަން ވަނީ ހޯމް މިނިސްޓްރީން ފުލުހުންނަށް ހުށައަޅާފައި. ސީދާ އުސް ފަސްގަނޑު ނަގާނެ ވަކި ދުވަހެއް އެހެން ބުނާކަކަށް ނޭނގޭ. އެކަމާ މެދު މަޝްވަރާތައް ކުރެވެމުން ދަނީ،" އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން ބުނެފައި ވަނީ އުސް ފަސްގަނޑު ގެ މައްސަލަ ހައްލުކުރާނީ ކުރާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.
ހައުސިން މިނިސްޓްރީން ބުނެފައިވަނީ މާލޭ ސިޓީ ކައުންސިލުން އުސް ފަސްގަނޑު ސިޔާސީ ހަރަކާތްތައް ހިންގަން އެމްޑީޕީއަށް ދިނުމާއެކު އެގްރިމެންޓާއި ކައުން ސިލުން ހިލާފުވެފައިވާތީ އެ ސަރަހައްދު ހުސްކޮށް ހައުސިން މިނިސްޓްރީއާ ހަވާލުކުރަން ޖެހޭނެ ކަމަށެވެ. އުސް ފަސްގަނޑު ސިޓީ ކައުން ސިލުގެ ބެލެނިވެރިކަމުން ވަކިކުރުމަށް ވަޒީރުންގެ މަޖިލިހުން ވެސް ވަނީ ލަފާ ދެއްވާފަ އެވެ.
ނަމަވެސް ސިޓީކައުން ސިލުން ބުނެފައިވަނީ ސިޔާސީ ހަރަކާތްތައް އުސް ފަސްގަނޑު ދިނުމަކީ އެގުރިމެންޓާއި ހިލާފުވުން ކަމަށް ނުބެލެވޭ ކަމަށާއި އެ ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތް ސިޓީކައުން ސިލުން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އުސް ފަސްގަނޑުގައި ސިޔާސީ ހަރަކާތްތައް ހިންގަން އެ ފަސްގަނޑު އެމްޑީޕީއަށް ދީފައި ވަނީ އަންނަ ޖޫންމަހުގެ ނިޔަލަށެވެ.
ފެބުރުއަރީ 7 ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ވެއްޓުމަށްފަހު އެމްޑީޕީގެ ހަރަކާތްތައް ހިންގަން ފުރަތަމަ ކޭމްޕް ޖަހާފައި ވަނީ ލޮނުޒިޔާރަތްކޮޅުގަ އެވެ. ނަމަވެސް ފުލުހުން ވަނީ މާޗް 19 ވަނަ ދުވަހު އެ ކޭމެޕަށް ވަދެގަނެ ކޭމްޕް ރޫޅާލާފަ އެވެ.