"ތިބާ ދުނިޔެއަށް ނޭވާލާ ކޮންމެ ދުވަހަކީ ތައުބާވެ ﷲ ތައާލާ ތިބާއަށް ހެޔޮ އަމަލުތައް ކުރަން ލިބޭ ފުރުސަތެއްކަން ހަނދާން ނައްތާނުލާށެވެ. ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ."

***

"ކޮންތަނަކަށް ތިދަނީ މަދީނާ؟" ކެނާން އެހިއެވެ. އިސްތަށިގަނޑު ހާވާލައިގެން ހުރެ މަދީނާ ތެދުވެގެން އައިއިރު ލޯމަތިން ހީވަނީ ނިދާފައި ހުރިހެންނެވެ.ކެނާންގެ ސުވާލަށް ޖަވާބެއްނުދީ ފްރިޖް ހުޅުވާލުމަށްފަހު ޔޯގަޓް ތަށްޓެއްނެގިއެވެ. ނިދާފައި ހުރެގެން ކާންފެށިއެވެ.

"ނިދީގައި ހިނގަންފެށީ...ތަންކޮޅެއް ކުޑައިރުވެސް ކޮއްކޮ އެގޮތަށް ސްލީޕްވޯކްކުރި.ޑޭމް، ދިސް އިޒް ނޮޓް ސޯ ގުޑް....."

މަދީނާ ހިނގައިގަތީ ބޭރަށް ނިކުންނަ ދޮރާއި ދިމާލަށެވެ. ކެނާން އަވަހަށްގޮސް މަދީނާ ގަޔަށް ލައްކޮށްލަމުން ކޮޓަރިއާއި ދިމާލަށް ގެންދިޔައެވެ. އެނދުގައި ބާއްވާފައި ރަޖާގަނޑު ރީތިކޮށް ގައިމަތީގައި އަޅާލަދީފައި ބަލައިލިއިރު މަދީނާއޮތީ ފުން ނިންޖެއްގައެވެ. އޭނަގެ ނަޒަރު ދެން ހުއްޓުނީ އެނދުމަތީގައި އޮތް މުށިކުލައިގެ ބެއާއަށެވެ. އޮރެންޖް އަލީގައި އެސޮރުގެ މޫނު ފެނުމުން ގައިން ހީބިހިނަގާގޮތްވީ ކީއްވެކަމެއް ނޭގުނެވެ. ދިރުމެއްނެތް ލޮލަކަށްވިޔަސް ކަޅި ހަރަކާތް ކުރިހެން ހީވިއެވެ. ކެނާން ލޯ ހަނިކޮށްލާފައި ދެވަނަފަހަރަށް ބަލައިލީ ޔަގީންކޮށްލުމުގެ ގޮތުންނެވެ. ވަހުމެއްކަން ނޭގެއެވެ. ބިރަކީ މީހާ ބަލިކަށިކޮށްލާނެ އެއްޗެއްކަން ޟަމީރު ހަދާންކޮށްލަދިނުމާއެކު އޭނަ ބެއާ ބަންޑުން ބާއްވާފައި ނުކުތީ ހީލަމުންނެވެ. މާޒިމްއަށް އެނގިއްޖެއްޔާ ވަރުފަށެއް ހުންނާނެއެވެ.

ކެނާން ބޭރު ސޯފާގައި ޖައްސަައިލިނަމަވެސް ނިދިވަނީ އޭނަގެ ލޮލާއި ރުޅިވެފައެވެ. އޭނަގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ފާޑުފާޑު ރޫހާނީ ވާހަކަތަކާއި މަންޒަރުތަކެވެ. އޭނައަށް ކުރަމުންދާ ގޯނާތަކެވެ. ގޫގުލް ބުނަނީ އެއީ ސްލީޕް ޕެރެލިސިސްކަމުގައެވެ. ތަފާތު ގައުމުތަކާއި ގަބީލާތަކުގައި އެކަމާއިމެދު ދެކޭގޮތަށް ބަލައިލާއިރު ގިނަ މީހުން ގަބޫލުކުރަނީ ހަމަ ޝައިތާނެއްގެ ގޯނާ ކަމުގައެވެ. ކޮންމެ ކަމެއް ސައިންސުން ބަޔާންކޮށް ޔަގީންކުރުވަން އެކަނި ސައިންސްއަށް ބަރޯސާވެގެން ހުންނަން އޭނަގެ ސިކުނޑިވެސް އެއްބަހެއްނުވެއެވެ. އިންސާނާއަށް ލިބިފައިވަނީ އިލްމުގެ މަދުމިންވަރެކެވެ.

***

"ރޭގައި މަދީނާ ސްލީޕްވޯކްކުރި..." މާޒިމްއާއި ކެނާން ހެނދުނުގެ ނާސްތާއަށް އިންސާފުކުރަން ތިބިއިރު ކެނާން ރޭގެ ހާދިސާ ކިޔާދިނެވެ.

"ޔުނިކް ގާލްއެއް....." މާޒިމް ހާސްވިހެން ހިޔެއްނުވެއެވެ. އަބަދުވެސް މާ "ކޫލް"ވެގެން އުޅޭ މީހެކެވެ.

"އައި ބިލީވް މީގައި ކޮންމެެވެސް ހަންޑި ކަންތަކެއް އުޅޭހެން..މާމަ ކިޔާދޭ ވާހަކަތައް ހަނދާން އެބަހުރިތަ؟ މާމައަށްވެސް ގޭތެރެއިން ކަޅުކޮށް ހުންނަ މީހެއް ފެނިގެން އުޅުނު. މާމަގެ ފައިގާ ހިފާ ދަމައިގަނެގެންދާން އުޅުނީޔޯ....

"ކެނާން ބޮލުތެރޭ އިން އެއްޗަކަށް ތިވާނީ..އަހަންނަށް އެނގެނީ ތިބުނާކަހަލަ އެއްޗެއް ދުނިޔެއަކު ނެތްކަން.އުޅުނަސް ވީކްކަން އެނގެނީ މާމަ އެހާ މުސްކުޅިވެފައި ބަލިކަށިއިރު މާމަގެ ފައިގާ ހިފާ ދަމަން އުޅެއުޅެވެސް ކާމިޔާބުނުވީމަ..އެއިން އެނގެނީ އޭގެ އެއްވެސް ބުރަދަނެއްނެތްކަން. އެހެންވެ ބުނަނީ މައިންޑްގައޭ އެ ހުންނަނީ...ގަބޫލެއް ނުކުރެވޭ....."

"ކީއްވެ؟ ޖިންނިންގެ ވާހަކަ ގުރުއާނުގައި އޮވޭ....."

" އެ ވޯލްޑްއާއި އަހަރެމެންގެ ދުނިޔެއާއި ދެމެދު ބެރިއާއެއްވާނެ....އެހެން ޑައިމެންޝަނެއްގައި ނޫންތަ އެ ކްރީޗާސް އުޅޭނީ؟އަހަރެން ގަބޫލުކުރަނީ ސައިންސް އެކްސްޕްލެއިންކޮށްދޭ ކަންތައް.."

"މާޒް....ކާފަރުންގެ ވާހަކަތަކުން ސިކުނޑި ދޮވެފައިކަން ނޭގޭ. ތިބުނާ އަނެއްވޯލްޑަކީ ބަރްޒަޚުއާލަމް. އެތާގައި މަންމަމެންގެ ފުރާނަތައްވަނީ....އެކްޗުއަލީ މިހެން ބުންޏަސް އަހަރެމެންނަށް އެ އާލަމާއި ބެހޭގޮތުން އެނގެނީ ކުޑަމިންވަރެއް.."

"މާޒް........"ކުއްލިއަކަށް ކެނާން ލޯ ބޮޑުކޮށްލިއެވެ."އަނެއްކާ ކޮއްކޮ އެގެންގުޅޭ ޓެޑީ ބެއާތެރެއަށް ސިހުރު ހަދާފައި އެއްޗެއް ލާފައިވެސް ހުރެދާނެ. ހޫ ނޯސް..."

"އެކަން ސާބިތުކުރާނީ ކިހިނެއް؟"

"ބަނޑު ފަޅާލައިގެން.."

"ތި ވިސްނުމުގައިި އޭގައި އަތް ނުލާތި..."

"އޯކޭ ސަރ....." ކެނާން ބިރުގަތްކަމަށް ހެދެމުން އަމާންގެ ނިޝާނެއްގެ ގޮތުގައި ދެއަތް އުފުލައިލިއެވެ.

"ސީރިޔަސްކޮށް. މަދީނާ ވަރަށް އެޓޭޗްވެފައި ހުންނަ މަންމަގެ ސްޕެޝަލް ގިފްޓެއް ވީމަ..ދެން ސިހުރެކޭ ކިޔާފައި އެ ކުށެއްނެތް ޓޯއި ހަލާކުކޮށްލަންވެސް ތިހިރީ ނިންމައިގެން ސްޓުޕިޑް....................."

"ސަމްތިން އޯ ސަމްވަން އިޒް ދަ ކަލްޕްރިޓް.."ކެނާން ބުމަކައިރިކޮށްލިއެވެ.

"މާމަމެންގެ ބޯދާ ވާހަކަތައް އަޑުހައިގެން ބިރުގަންނަވާފައި ހުރީމަ ކެންއަށް ހީވަނީ ވަށައިގެން ފެންނަ ކޮންމެ އެއްޗެއް ޖިންނިއެއްހެންވިއްޔަ. އޭ މިއަދު އަހަރެން އޮފްޑޭ ހިނގާބަލަ ގެ ބަލައިލަން...ސުޕަވައިޒަރަަކަށް ދަންނަ މީހެއް ބަހައްޓާފައި ހުއްޓަސް ކަންހިނގާގޮތް އަހަރެމެންވެސް ބަލައިލަން ޖެހޭނެ......."

"ހޫމް ރަގަޅުވާނެ. އެކަމަކު........ސޭފްޓީއަކަށް ކޯނޗެއް ގެންދަންވީ؟"

"ހެލްމެޓް؟"

"އެނީ އެންޓިގޯސްޓް ސްޕްރޭ؟" ކެނާންވެސް ކޮށްލީ ސުވާލެކެވެ.

"ސީރިޔަސްކޮށް ސައިކޮލޮޖިކަލް އެސެސްމެންޓަށް ހަދާލަން ޖެހޭ.."

ކެނާން ހޭންފެށިއެވެ.

***

އުރުޖުވާން އަބާޔާއާއެކު ކަޅުކުލައިގެ ބުރުގާއެއް އަޅައިލުމަށްފަހު ލޯގަނޑުކައިރީގައި ހުރެ ލޮލުގައި އަނދުން އެޅިއެވެ. އެސްފިޔަތައް ބޯވެފައި ދިގުކަމާއެކު އޭނަގެ ލޮލުގެ ރީތިކަމާއި ހަމުގެ އޮމާންކަމަކީ އެންމެ އަޅައިގަންނަ ސިފަތަކެވެ. އެންމެ ލަފެއް ބިއްސެއްވެސް އެމޫނުން ފެންނާކަށް ނެތެވެ. މަދީނާ ރޯގާޖެހިގެން އޮފީހަށް ނުދާތީ ފޫހި ދުވަހަކަށްވާނެއެވެ.

"މާތްﷲ ރަހުމަތް ލައްވާށި. ކަނބުލޮ ވަރަށް ނަލަ.." މާމަ ބަލަން އިނީ ލޯބިވެތި ނަޒަރަކުންނެވެ.

"ޝުކުރަން މާމާ.."އުރުޖުވާން މާމާގެ ނިތަށް ބޮސްދިނެވެ.

"ޑަކުތަރާއި ދިމާވެއްޖެއްޔާ މާމަ ބައްދަލުކުރަން ބޭނުމޭ ބުނައްޗޭ.."

"މާމާ..."އުރުޖުވާން ކަންބޮޑުވިއެވެ. މާޒިމްއާއި އޭނަ އަޅުވާކިޔަން މާމަގެ ސިކުނޑިއަށް އަންނަންޖެހުނު ސަބަބެއްނޭގެއެވެ.

"އަވަށްޓެރިއެއްނު. އެކުދިންގެ ޚަބަރުވެސް ބަލައިލަން މާމަ ޖެހޭނެއްނު.... މާމަ ރަންކޮޅު ބަލިވިޔަސް ދުރަށް ނުގޮސް އެ ޑަކުތަރު ގާތުން ބޭސްކުރުވާނީ......."މާމަގެ ވާހަކައިން އުރުޖުވަން ހެވުނެވެ. "ޑަކުތަރު" އެއީ ދިވެހި ބަހުން ޑޮކްޓަރުންނަށް ކިޔާ ނަންހެއްޔެވެ؟ އޭނަ ދިވެހިބަހުގެ ރަދީފު ބަލައިލަން ޖެހެއެވެ. މާމަމެންގެ މުސްކުޅި ބަހުރުތައް އޭނަވެސް ދަސްކުރަން ޖެހޭނެއެވެ.

އުރުޖުވާން ގެއިން ނިކުންނަމުން ދުޢާކުރިއެވެ. ﷲއާއި ވަކީލުކުރިއެވެ. ޒިކުރުކުރަމުން އަސްތަޣުފާރުކުރަމުން ލަސް ފިޔަވަޅުތަކެއްގައި ހިނގައިގަތީ ލިފްޓް ހުންނަދިމާލަށެވެ. ލިފްޓް ކިޔޫގައި މާޒިމް މަޑުކޮށްލައިގެން ހުރިތަން ފެނުމާއެކު އޭނަގެ މޫނު ހުދުވެގެން ދިޔުމާއެކު އަވަހަށް އައިކޮޅަށް ހިނގައިގަނެވުނުއިރު ހިތެކޭ ފެނުން ނެގި ރޯމަހެކޭ ތަފާތެއްނެތެވެ. މާޒިމްދެކެ އޭނަ މިގަންނަ ބިރަކުން ހިތް ނުހުއްޓުނިއްޔާ ވެދާނެއެވެ.

"މާޒިމްގެ ނަފްރަތު...ކީއްވެ އެހާ ރުޅި އަންނަނީ؟ ބިރުވެރި...ﷲ ސޭވް މީ.........."އުރުޖުވާން ސިޑިން ފައިބައިގެން އެންމެ ތިރިއާއި ހަމަޔަށް ދެވުނުއިރު އަދި އެ އިމާރާތުން ނިކުންނަ ސިޑިން މާޒިމްއައި ދިމާވިއެވެ. ބަލާވެސް ނުލާ އަވަސް ފިޔަވަޅުތަކެއްގައި ހިނގައިގަނެވުނީ އިސްއޮބާލައިގެން ހުރެއެވެ. ލިފްޓުގެ ކިއޫ ދިގުވީކަން ނޭގެއެވެ. އޭނަ ސިޑިން ފޭބި މީހާއެކޭ ލިފްޓުން އެރުނު މީހާއެކޭ ވީ އެއްވަރެވެ. އެފިރިހެނާވެސް އެހާ ކަންނެތްނުވެ ސިޑިން ފޭބިނަމައެވެ. ފޮނި ރުޅިގަދަ މީހެކެވެ. މަދީނާގެ ބޭބެއަކަށް ނުވިނަމައެވެ. އަވަށްޓެރިންނަށް ކަމޭހިތަން އެނގެނީއެއްވެސް ނޫނެވެ.

އުރުޖުވާންގެ ހިތާހިތުން އެއްޗެހި ކިޔަސް މާޒިމްއަށް އެނގުމެއްނުވާނެއެވެ.

އޭނަ ވިސްނީ އޭނަގެ ހިތުގައިވެސް ވަނީ ފޫހިކަމައި ބިރުވެރިކަން ކަމުގައި މާޒިމްއަށް ބުނެދޭށެވެ.

***

މާޒިމްގެ ކުޑައާއިލާ މޭޒުދޮށުގައި ކެއުމަށް އިންސާފުކުރަން ތިބިއިރު ރަންކުލައިގެ އައްޔެއް އެތަނަށް ފެތުރި މޫނުތަކަށްވެސް ރަންކުލަ އަރާފައިވިއެވެ. މަދީނާ ބޯދޮވެލައިގެން އައިގޮތަށް އިސްތަށިގަނޑު ވިހުރުވާލާފައި އޮތުމުން ދިހުން އަރާ އެ ކަޅު އިސްތަށިގަނޑު ފެންނަލެއްވަކިން ރީއްޗެވެ. މާޒިމްގެ އެކުވެރިއެއްގެ އުފަންދުވަސް ފާހަގަކޮށްފައި ބާކީވީ އެއްޗެހި ބަހައިލިއިރު މާޒިމްއަށް ލެއްވީ ސަބްމެރިންއާއި ޗީޒްކޭކެވެ. ކޯކްފުޅިއެކެވެ. ރޭގަނޑު ކެއުމަކަށް ފުދެއެވެ.

"ދޮންބެ. އަޅުގަނޑުގެ ސުވާލެއް އެބައޮތް..."މަދީނާ ބުނެލިއެވެ.

"ޓެލް މީ.."

"ރުޅި ނާންނަންކަމަށް ވައުދުވޭ.."

"ސުވާލު ނޭގި އެހާ ބޮޑު ވައުދެއްވާކަށް ނުކެރޭނެ. ރުޅިއަކީ އަމިއްލަ އިޚުތިޔާރުގައި ވާކަމެއްނޫން..."

"ކީއްވެ އުރޫޖްދެކެ ރުޅިއަންނަނީ؟"

"ސަބަބަކީ...އޭނަ.." މާޒިމް ފެށިއެވެ.

ކެނާން ލޯބޮޑުކޮށްލިއެވެ. ނޭވާ ހިފަހައްޓައިލިއެވެ.

"އާދަމްގެ ދަރިއަކަށްވީމަ..."

ކެނާންގެ ހާސްކަން ކެނޑި ބާރަށް ހީގަނެވުނެވެ."ހުރިހާ އާދަމްގެ ދަރިން ދެކެ ރުޅިއަންނަން ވެއްޖެއްޔާ ސަލާމަތެއްނެތެއްނު. ދޮންބެ އެހެން ޕްލެނެޓަކަށް ހިޖުރަ ކުރޭ...އާދަމްގެ ދަރިންދެކެ ރުޅި އަންނަންޏާ ދުނިޔެ ހެއްދެވީއްސުރެ ގިޔާމަތާއިހަމަޔަށް އުފަންވާ މިހުންދެކެ ހޭޓްކުރާނެ ދޯ.....ސޯ އަހަރެން ހީކުރީ ދޮންބެ ރުޅި އަންނަނީ އެގާލް ކަޅުވީމަކަމަށް........"

"ވަރަށް ރޭސިސްޓް ކުޑަބެ.."

ކަޅުކުދިންވެސް ރީއްޗޭ. ކަޅޭ ބުނީމަ ރޭސިސްޓްވުންކަމަށް ނުދެކެބަލަ. ބްލެކް ކަލާ މަށަށް އެންމެ ރީތީ..ފޯނެއް ގަތަސް ޓީޝާޓެއް ގަތަސް ވެޑިން ތީމް ވިޔަސް ރޫމް ކަލާވިޔަސް ބްލެކްނެތި ކަމަކުނުދޭ. ޝީޒް އެ ބްލެކްބިއުޓީ...ކޮބާމައްސަލައަކީ؟"ކެނާން އަމިއްލަ ނަފުސްގެ ދިފާއުގައި ހިފައިލިއެވެ.

"އުރޫޖް ވަރަށް ސެލްފްކޮންޝަސް ވާކުއްޖެއް.އެހެންވީމަ ދެން ބްލެކް އެވޯޑް ޔޫޒް ނުކުރައްޗޭ............."

"ބްރައުން؟"

މަދީނާ ކަޅި އަޅައިލިގޮތުން ކެނާންއަށް ހިނިގަނޑު ހިފަހައްޓައެއް ނުލެވުނެވެ.

***

މާޒިމް އޭނަގެ މަންމަގެ އަލްބަމެއް ހިފައިގެން އެނދުމަތީގައި އިށީދެލައިގެންއިންއިރު މޫނު ހިތާމައިގެ އަސަރުގަދަ ތަސްވީރެއްފަދައެވެ. ހުރިހާ ހިތާމައެއް އެލޮލުގައި ފޮރުވިފައިވާފަދައެވެ. އުފަލާއި ހަމަޖެހުން ފޭރިގަނެވި ވުޖޫދު ހިތާމައިގެ ކަނޑަކަށް ގެނބިފައިވާފަދައެވެ. އޭނަގެ މަންމަގެ ފޮޓޯތަކުން ހީވަނީ ހަމަ ޝާހީ ރަނިކަނބަލެއް ހެންނެވެ. މޮޔައެކޭ ބުނާނީ ކާކުހެއްޔެވެ؟.އެހާވެސް ރީއްޗެވެ. ހެދުން ނަލަކޮށް އަޅާފައެވެ. ނަމަވެސް ފަހުން ނެގި ފޮޓޯތަކުގައި މަންމަގެ ބުޅި އިސްތަށިގަނޑު ހާވާލައިގެން ހުންނައިރު މޫނުމަތިން މޮޔަފާޑުވެސް ޖަހައެވެ. އެފޮޓޯތަކަށް ބެލުމުން ހިތަށް ތީރުތަކެއް ހެރޭފަދައެވެ. އެކަނި އިނދެ ހިތާމަކުރިޔަސް މީހުންގެ ކުރިމަތީގައި މާޒިމް އެކަމެއް ނުދައްކައެވެ. ހިތާމަތަކާއި އެކަނިވެރިކަން އޭނަ ފޮރުވާފައިވަނީ ސިކުނޑީގެ އަނދިރި ކަނެއްގައެވެ. މަންމަ ވަކިވުމުގެ ތަދަކީ ދުވަހަކުވެސް ފިލައިގެން ދާނެ އެއްޗެއް ނޫނެވެ.

"މަންމާ... މަންމަ ހަމަ ކަނޑަށް އެރުނީތަ؟ ނޫނީ މަރައިލެވުނީތަ؟ އެ ހަގީގަތް ހޯދުމަށްވުރެ މުހިއްމު އެއްވެސް ކަމެއްނެތް.. އެދުވަހު މަންމަ ސަލާމަތްކުރެވުނުނަމަ........"

"ހޮސްޕިޓަލުގައި މަންމަގެ މެޑިކަލް ރިކޯޑްސް ހުންނާނެބާ...އެބަލައިލަންވީ ކަން ނޭގޭ. މަންމަގެ އަސްލު ހުރި މައްސަލަވެސް އެނގެން ބޭނުންވޭ...މާ ލަހުން ހަގީގަތް ހޯދަން މަސައްކަތް ފެށުނީ.ބައެއްފަހަރު މާޑާ މިސްޓްރީތައް ނުހޯދި ހުރޭ. މަންމަވެސް އެދިޔައީ ހާދަ އަވަހަށޭ..................މަންމަ މޮޔައަކަށް ނުވިނަމަ..."

މާޒިމްގެ ލޮލުން ވެއްޓުނު ކަރުނަތިކި އޭނަ ފޮހެލާކަށް ނޫޅުނެވެ.

***

މާޒްވިލާ އާއި ތަންކޮޅެއް ދުރުގައި ކާރު ޕާކްކޮށްލުމަށްފަހު ތިންބެއިން ގެއާއި ދިމާލަށް މިސްރާބުޖެހުމުން ފުލުހުން އެކަން ހުއްޓުވިއެވެ. ރީދޫ ޓޭޕް އަޅާފައި އެތެރެއަށް ނުވަދެވޭގޮތަށް ހަދާފައި ހުރުމުން ހާދިސާއެއް ހިނގައިގެން އުޅޭކަން އެނގުނެވެ.

"މިއީ އަހަރެމެންގެ ގެ..."ކެނާން ރުޅިއަންނަގޮތްވިއެވެ.

"މިއި ކްރައިމް ސީންއެއް..."

"ވަޓް ހެޕެންޑް......"ކެނާންއަށް ބަލައިލެވުނީ މާޒިމްގެ މޫނަށެވެ.

ނުނިމޭ