ދިވެހި ފުލުހުންގެ ޚިދުމަތުގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް އެގްޒެކްޓިވް މަގާމަކަށް ޕްރޮމޯޓްވި އަންހެން ފުލުހުގެ ޝަރަފު ޗީފް ސުޕްރިންޑެންޓެންޑް ފާތިމަތު ނަޝްވާ ހާސިލްކުރައްވައިފިއެވެ.

ފުލުހުންގެ ތަރުޖަމާނު ޔޫނުސް ސޮބާހު "ސަން"އަށް ވިދާޅުވީ ނަޝްވާއަށް ޕްރޮމޯޝަން ލިބިލެއްވީ ސުޕްރިންޑެންޓެންޑްގެ މަގާމުން ޗީފް ސުޕްރިންޑެންޓެންޑް މަގާމަށްކަމަށެވެ.

"މިއީ ފުލުހުންގެ ތާރީޚުގައި ވެސް އެގްޒެކްޓިވް ރޭންކަކަށް އަންހެން ފުލުހެއް ޕްރޮމޯޓްކުރެވުނު ފުރަތަމަ ފަހަރު،" ޔޫނުސް ވިދާޅުވިއެވެ.

ފުލުހުންގެ އެގްޒެކްޓިވުންގެ ގޮތުގައި ތިއްބަވާނީ ޗީފް ސުޕްރިންޑެންޓުންގެ މަތީ ރޭންކުތަކުގެ އޮފިސަރުންނެވެ.

ނަޝްވާ އަކީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމަށް ހަމަޖެއްސި ތިން އަންހެން އޮފިސަރުންގެ ތެރެއިން ވެސް އެކެކެވެ.

ނަޝްވާ މިހާރު ފުލުހުންގެ ޚިދުމަތުގައި އުޅުއްވާތާ 30 އަހަަަރަަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ.

އެ މުއްދަތުގެ ތެރޭގައި އެޑްމިން އޮފިސަރެއްގެ މަގާމުން ފެށިގެން ޔުނިޓް ލެވެލްގައާއި ޑެޕިއުޓީ ހެޑްގެ މަގާމާއި ހެޑް އޮފް ޑިޕާޓްމަންޓްގެ މަގާމު ފުރުއްވައި އެކި ދާއިރާތަކުން ގިނަގުނަ ޚިދުމަތް ކޮށްދެއްވައިފައިވެއެވެ.

އެގޮތުން ނަޝްވާގެ މަސައްކަތް އެންމެ ފާހަގަކުރެވެނީ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓްގެ އިސްވެރިއެއްގެ ހައިސިއްޔަތުން ކުށް މަދުކުރުމަށް ރާވައި ހިންގައިފައިވާ ޕްރޮގްރާމްތަކާއި ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ ފުރާވަރު ކޭމްޕްތަކުންނެވެ.

ނަޝްވާ ފަސްޓް ޑިގްރީ ހާސިލުކުރެއްވީ މާސް ކޮމިއުނޭކޭޝަނުންނެވެ. އަދި މާސްޓާސް ޑިގްރީ ފުރިހަމަކުރެއްވީ ބިޒްނަސް އެޑްމިނިސްޓްރޭޝަނުންނެވެ.

އޭގެ އިތުރުން ނަޝްވާ އަކީ ލައިސަންސްޑް ލައިފް ކޯޗެކެވެ. ޕޮލިސް އެކެޑެމީން ހިންގާ ތަފާތު އެކި ކޯސްތަކުގައި ލެކްޗަރާއެއްގެ ގޮތުގައި ވެސް ސެޝަން ނަގައިދެއްވައެވެ.

ނަޝްވާ 2018 ވަނަ އަހަރު ރެހެންދި އެވޯޑު ވެސް ވަނީ ހާސިލުކުރައްވައިފައެވެ. އޭގެ އިތުރުން 2018 ވަނަ އަހަރު ވިމެން އޮން ބޯޑް އެވޯޑު ވެސް ހާސިލުކުރައްވައިފައިވެއެވެ.

އަދި ސައުތު އޭޝިއަން ޕާޓްނަޝިޕް ސަމިޓް އެންޑް ބިޒްނަސްގެ ފަރާތުން ޕަބްލިކް ސެކްޓާއިން ހޮވި ސީއެސްއާރް ލީޑަޝިޕް އެވޯޑު ވެސް ހާސިލުކުރައްވައިފައިވެއެވެ.