ހައްޖަށާއި އުމްރާއަށް މީހުން ގެންދާ ޖަމާއަތެއް ކަމުގައިވާ މަލީޝާ ހައްޖު ޖަމާއަތަށް ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ މިއަހަރު ލިބިފައިނުވާތީ އެޖަމާއަތަށް ކުރިން ފައިސާ ދެއްކި ކ. ހުރާގެ ބަޔަކަށް ހައްޖަށް ދެވޭނެ ގޮތް ނުވެގެން މައްސަލަތަކެއް ދިމާވެއްޖެ އެވެ.

ހުރާގެ ގާތްގަނޑަކަށް 18 މީހުންގެ ގްރޫޕަކުން މަލީޝާ ހައްޖު އެންޑް އުމްރާ ގްރޫޕަށް ފައިސާ ދައްކާފައިވަނީ މިދިޔަ އަހަރާއި މިއަހަރު ކުރީކޮޅުގަ އެވެ.

ހުރާގެ ކައުންސިލްގެ ރައީސް އަބްދުއް ރަހުމާން ސޮލާހު ރަޝީދު މިއަދު ވިދާޅުވީ މައްސަލަތައް ދިމާވީ އިސްލާމިކް މިނިސްޓްރީން ހައްޖަށް ގެންދިއުމުގެ ހުއްދަ މިއަހަރު ދިން ގްރޫމްތަކުގެ ތެރޭގައި މަޝީލާ ގްރޫޕް ހިމެނިފައި ނުވާތީ ކަމަށެވެ. އެ ގްރޫޕުން މަލީޝާއަށް ފައިސާ ދައްކާފައިވަނީ މިދިޔަ އަހަރު ހައްޖަށް މީހުން ފުރި ދުވަސްވަރު، އަނެއް ބަޔަކު ދައްކާފައި ވަނީ މިއަހަރުގެ ކުރީކޮޅު، ގިނަ މީހުން އެފައިސާ ދައްކާފައިވަނީ ދެ ބަޔަކަށް ބަހާލައިގެން އޭނާ ވިދާޅުވި އެވެ.

ސޮލާހު ވިދާޅުވީ އެރަށު 18 މީހުންގެ އެގްރޫޕުން މީހަކަށް 65،000 ރުފިޔާގެ މަގުން ގާތްގަނޑަކަށް 1100000ރ. މަލީޝާއަށް ދައްކާފައިވާ ކަމަށެވެ.

ސޮލާހު އަދި ވިދާޅުވީ މަލީޝާ ޖަމާއަތަށް ހުއްދަ ލިބިފައިނުވާކަން އެނގުމުން އެޖަމާއަތުން ހައްޖަށް ދާން ތައްޔާރުވެފައި ތިބި މީހުން ބޭނުންވީ ސިސިލްފަރު ޖަމާއަތުން ހައްޖަށް ދެވޭނެ ގޮތް ހެދުމަށް ކަމަށެވެ. ނަމަވެސް އެ ފައިސާ އަނބުރާ ހޯދުމަށް އެމީހުން އެދުމުން މަލީޝާ ހައްޖު ގްރޫޕުން އެފަރާތްތަކަށް ދޫކޮށްފައިވަނީ ޑޭޓަޑް ޗެކް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

" އެޖަމާއަތަށް ހުއްދަ ނުލިބޭކަން އެގުމުން ފައިސާ ދެއްކި މީހުން ކަނބޮޑުވުންތައް ވަނީ އިތުރުވެފައި، އެއީ ރާއްޖޭން ކޯޓާ ނުލިބިއްޖެއްޔާ ސްރީލަންކާ ތްރޫކޮށް ވެސް ފަހަރުގައި ދާން ޖެހިދާނެތީ، ނަމަވެސް އަދި ވެސް މަޝީލާ ޖަމާއަތަށް ހުއްދަ ލިބިއްޖެއްޔާ އެމީހުން ތިބީ އެޖަމާއަތުން ހައްޖަށް ދިއުމަށް ތައްޔާރަށް،" ސޮލާހު ވިދާޅުވި އެވެ.

މަލީޝާ ހައްޖު ޖަމާއަތުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އިސްލާމިމް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ މަލީޝާ ހައްޖު ޖަމާއަތުން ހައްޖަށް ގެންދިއުމަށް ހުރާގެ ބައެއްގެ އަތުން ފައިސާ ނެގި މައްސަލަ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށާއި މިނިސްޓްރީން އެކަންތައް ބަލަމުން އަންނަ ކަމަށެވެ.

އެ މައްސަލާގައި އެރަށުގެ ބައެއް މީހުންނާ އެކު އިސްލާމިކު މިނިސްޓަރު ޝައިހު މުހައްމަދު ޝަހީމް އަލީ ސައީދު ބައްދަލު ކުރައްވާފައިވާ ކަމުގެ މައުލޫމާތު ސަން އަށް ވަނީ ލިބިފަ އެވެ.

މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި 16 ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާއިރު ހައްޖަށް ގެންދިއުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދީފައިވަނީ އަށް ޖަމާއަތަށެވެ.