އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބަދަލުގައި އިންޑިއާގެ އާތު އެންޑް ސައިންސް މިނިސްޓަރު ކިރަން ރިޖުޖު ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އިންޑިއާގެ ނޫހެއްގައި ވާގޮތުން، އޭނާ ރާއްޖެ ވަޑައިގަންނަވަނީ ހުވާ ކުރައްވާ ރަސްމިއްޔާތަށް މާދަމައިން ފެށިގެން ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައެވެ.

ހުވާ ކުރައްވާ ރަސްމިއްޔާތުގެ ދައުވަތު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ވަނީ ފޮނުވައިފައެވެ. މޯދީއަށް ހުވާ ކުރުމުގެ ރަސްމިއްޔާތަށް ވަޑައިނުގެންނެވެނީ ހުކުރު ދުވަހުން އޮންނަ ގްލޯބަލް ސައުތު ސަމިޓް އަދި ޖ-20 ސަމިޓްގެ ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާތީއެވެ.

އިންތިޚާބުގެ ކެމްޕޭންގަޔާއި އަދި ކާމިޔާބު ކުރެއްވުމަށް ފަހުގައި ވެސް އިންތިޚާބީ ރައީސް ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވައިލާނެކަން ތަކުރާރު ކުރައްވައިފައެވެ. އެ މަނިކުފާނު ވިދާޅުވީ، ޑިޕޮލޮމެޓިކް ހަމަތަކުގެ ތެރެއިން ރާއްޖޭގައި ގާއިމުވެ ތިބި ހުރިހާ އިންޑިއާ ސިފައިނުން އަނބުރާ ފޮނުވައިލާނެ ކަމަށެވެ. އަދި، އެކަން ކުރައްވާނީ ދެ ސަރުކާރުގެ މެދުގައި މަޝްވަރާ ކުރެވިގެން ޑިޕްލޮމެސީގެ ހަމަތަކުގެ ތެރެއިން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވައިލުމަކީ މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދުފުޅެވެ.

މިދިޔަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޕީއެންސީގެ ރައީސް ޑރ. މުއިއްޒު ހުވާ ކުރެއްވުމުގެ ޖަލްސާ އޮންނާނީ ހުކުރު ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައެވެ.

އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، އެ ޖަލްސާގައި ބައިވެރިވުމަށް ވަނީ ސަރަހައްދުގެ ގައުމުތަކުގެ ވެރިންނަށް ވެސް ދައުވަތު އަރުވައިފައެވެ.