ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހުވާކުރެއްވުމުގެ ރަސްމިއްޔާތާ ގުޅުވައިގެން، އިސްލާމީ މަރުކަޒުގައި ނަމާދުކުރުމަށް ބޭނުންކުރާ އެއްވެސް ބައެއް ބަންދުނުވާނެހެން އިންތިޒާމުތައް ހަމަޖައްސައިދެއްވުމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

އިއްޔެ އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި އެދިފައިވަނީ ހުކުރު ދުވަހު އަސުރު ނަމާދާއި މަޣްރިބު ނަމާދަށް އިސްލާމީ މަރުކަޒަށް ދާ މީހުން އެ މިސްކިތުގެ ދެކުނު ފަރާތް ބޭނުންކުރުމަށެވެ.

މިނިސްޓްރީން ބުނީ އެ މަރުކަޒާ އިންވެގެން އޮންނަ ޖުމްހޫރީ މައިދާނުގައި ރަސްމިއްޔާތު ބާއްވާތީ މިސްކިތުގެ އެ ފަޅި ނަމާދު ކުރުމަށް ބޭނުން ނުކުރެވޭ ކަމަށެވެ. އެ ސަރަހައްދު ބަންދު ކުރަނީ، ބޭރު ބައެއް ގައުމުތަކުގެ އިސް ވެރިން ވެސް ބައިވެރިވެވަޑައިގަންނަވާ ރަސްމިއްޔާތަކަށް ވުމުން ސަލާމަތީ ސަބަބުތަކަށް ޓަކައި ކަމަށް މިނިސްޓްރީން ބުންޏެވެ.

މިކަމާ ގުޅޭގޮތުން އިންތިޚާބީ ރައީސްގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ޚަލީލް މިއަދު ވިދާޅުވީ ޖުމްހޫރީ މައިދާނުގައި އިންތިޚާބީ ރައީސްގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތާއި ގުޅުވާ، އިސްލާމީ މަރުކަޒުގައި ނަމާދުކުރުމަށް ބޭނުންކުރާ އެއްވެސް ބައެއް ބަންދުކުރުމަކީ ރަނގަޅު ކަމެއްކަމުގައި މުއިއްޒު ދެކިވަޑައިނުގަންނަވާކަން، މިނިސްޓްރީއަށް އަންގަވާފައިވާ ކަމަށެވެ.

ސަލާމަތީ ސަބަބުތަކަށްޓަކައި އެ ދުވަހުގެ ޢަސުރު އަދި މަޣްރިބު ނަމާދުގެ ވަގުތުގައި، އިސްލާމީ މަރުކަޒަށް ވަދެ ނުކުތުމަށް ވަކި ފަރާތެއް ނުވަތަ ދޮރޯއްޓެއް ކަނޑައެޅި ނަމަވެސް، މިސްކިތުގައި އާންމުގޮތެއްގައި، ނަމާދުކުރުމަށް ބޭނުންކުރާ އެއްވެސް ބައެއް އެ ވަގުތުގައި ބަންދު ނުވަނޭހެން ހަމަޖައްސައިދެއްވުމަށްވެސް މުއިއްޒު އެދިވަޑައިގެންފައިވެއެވެ.

އިންތިޚާބީ ރައީސާއި ނައިބު ރައީސް ހުވާ ކުރައްވާ ރަސްމިއްޔާތު އޮތީ ހުކުރު ދުވަހުގެ ހަވީރުއެވެ. ދުނިޔޭގެ ބޮޑެތި ބާރުތައް ކަމަށްވާ އެމެރިކާއާއި ޗައިނާގެ އިތުރުން އިންޑިއާއާއި އެހެން ބައެއް ގައުމުތަކުގެ އިސް ބޭފުޅުން މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވައެވެ.