އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ތައްޔާރުކުރުމުގެ ގޮތުން މަޖިލިސް މާލަމް ދޭން ޖެހޭ ކަމަށް ބުނެ އިޒްރޭލުން، ފަލަސްތީނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް އެ މައްސަލައިގައި ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު އެޖެންޑާ ނުކުރެވޭނެ ކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވުމުން، ނުރުހުން އަމާޒުވެއްޖެއެވެ.

ފަލަސްތީނު މައްސަލައިގައި މަޖިލީހަށް ގަރާރު ހުށަހެޅުއްވީ މިދިޔަ މަހުގެ 14 ވަނަ ދުވަހު، ވިލިނގިލި ދާއިރާގެ އެމްޑީޕީ މެންބަރު ސައުދު ހުސެއިނެވެ.

މިއަދުގެ މަޖިލީހުގެ ތަޅުމުގައި ބައެއް މެންބަރުން ވަނީ އެ ގަރާރު މިއަދަށް އެޖެންޑާ ކޮށްދިނުމަށް އެދިފައެވެ. އަދި، މެންބަރުން ވަނީ އިޒްރޭލު މީހުން ރާއްޖެ އެތެރެވުން މަނާ ކުރުމަށް ގޮވައިލާ ޕޯސްޓަރުތަކެއް ހިފައިގެން ތަޅުމުގައި އިހުތިޖާޖު ކޮށްފައެވެ.

ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ، އިޒްރޭލުން ފަލަސްތީނުގެ ޢައްޒާއަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދުވަމުންދާއިރު ޖަލްސާގައި އެޖެންޑާކުރުމަށް އެއަށް ވުރެ މުހިންމު މައްސަލައެއް ނެތް ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މިއީ ވަރަށް ބޮޑު މައްސަލައެއް. ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއް. އެހެންވީމަ މުސްލިމް ބަޔަކަށް މިހާ ބޮޑު އުދުވާންތަކެއް ލިބެމުންދާއިރު އެކަމަށް އަޅުގަނޑުމެންގެ ރައްޔިތުން އިންތިޚާބުކޮށްފައި ތިބި މީހުން އެއްޗެއް ނުބުނުމަކީ އެއްވެސް ހާލެއްގައި އަޅުގަނޑުމެން ކޮށްގެން ވާނެ ކަމެއް ނޫން،" ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވަނީ އެ މައްސަލައިގައި މެންބަރު ސައުދު ހުށަހެޅުއްވި ގަރާރު މިރެއަށް ނަމަވެސް އެޖެންޑާ ކޮށްދިނުމަށް އެދިލައްވާފައެވެ.

އެކަމަށް ރައްދު ދެއްވާ ރިޔާސަތުގައި އިންނަވާ އަސްލަމް ވިދާޅުވީ އިއްޔެ މަޖިލީހުން މިއަދަށް ސަޕްލިމެންޓްރީ ބަޖެޓުގެ ބަހުސް ބާއްވަން ފާސްކޮށްފައި އޮއްވައި އެއްވެސް މެންބަރަކު އެޖެންޑާގައި އިތުރު ކަމެއް ހިމެނުވުމަށް ވިދާޅުނުވާ ކަމަށެވެ.

މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް-- ފޮތޯ/ މަޖިލިސް

"އަދި އެޖެންޑާ އިއުލާނުކުރި ވަގުތުގައި ވެސް އެފަދަ އެއްވެސް ވާހަކައެއް ދެކެވިފައެއް ނެތް. އެހެންވީމާ އަޅުގަނޑު ވިދާޅުވީން ޖަލްސާ ފައްޓަވަމުން ވެސް އެ ގަރާރުގެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ގެންދާނެ ކަމަށް،" އަސްލަމް ވިދާޅުވިއެވެ.

އިންތިޚާބި ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތައް ތައްޔާރުކުރުމަށް މަޖިލިސް މާލަމް ވެސް ތައްޔާރީ ހާލަތުގައި އޮންނަން ޖެހޭ ކަމަށާއި އެކަން ކުރުމަށް މިއަދު މާލަމް ދޭން ޖެހޭތީ އިތުރު ޖަލްސާއެއް އެޖެންޑާ ނުކުރެވޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، މަޖިލީހުގެ ތަޅުމަށް އެ މައްސަލަ ފެންމަތިވި ދުވަހު ކުއްލި މައްސަލައެއް ވެސް ވެއްދި ކަމަށާއި ނަމަވެސް އެ ދުވަހު އެ މައްސަލަ އެޖެންޑާ ނުވި ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރަން އެ ދުވަހު ރިޔާސަތުގައި އިންނެވީ މަނިކުފާނު [އަސްލަމް] ނޫންކަން ވެސް. ނަމަވެސް އަޅުގަނޑު މިއަދު މި އައީ ޚާރިޖީ ކޮމިޓީން. އަޅުގަނޑުމެން މި އައީ މި މައްސަލާގައި ވަރަށް މުހިންމު ނިންމުމެއް ނިންމައިގެން،" ސަލީމް ވިދާޅުވިއެވެ.

ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް

ސަލީމް ވިދާޅުވީ ކޮމިޓީގެ ހުރިހާ މެންބަރުންގެ އިއްތިފާގުން އިޒްރޭލު ފަތުރުވެރިން ރާއްޖެއަށް އައުން މަނާކުރުމަށް މަޖިލީހަށް ލިބިފައިވާ ސިޓީއަކާ ގުޅިގެން ރައީސުލްޖުމްޙޫރިއްޔާއަށް ލަފާ އެރުވުމަށް ނިންމާފަައިވާ ކަމަށެވެ.

މަޖިލީހުގައި އެ ކަމަށް އިހުތިޖާޖުކުރަމުން ދާއިރު މަޖިލިސް ބޭރުގައި ވެސް ވަނީ އިހުތިޖާޖެއް ފަށާފައެވެ.

ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ހުށަހެޅުއްވި ގަރާރުގައި ވަނީ، އިޒްރޭލުން މިހާރު ދެމުންދާ ހަމަލާތަކަކީ ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ބެލުމެއް ނެތި، ފަލަސްތީނުގެ މުސްލިމް ދަރިފަސްކޮޅު ނައްތައިލަން ހިންގާ އިންސާނިއްޔަތާ ޚިލާފު ބޮޑު ޖަރިމާއެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން -- ފޮޓޯ/ މަޖިލިސް

އިޒްރޭލުން ހަމަލާތަކުގައި ބައިނަލްއަޤުވާމީ މުއާހަދާތަކާއި ގާނޫނުތަކުން މަނާކޮށްފައިވާ ބައެއް ހަތިޔާރު ބޭނުން ކުރަމުންދާކަމާއި ޣައްޒާ ބަންދުކޮށް، ފެނާއި ނަރުދަމާއާއި ކަރަންޓުގެ ޚިދުމަތް ކަނޑައި، ކާބޯތަކެތި ނުވެއްދޭ ގޮތް ހަދާފައިވާކަން ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

އެ މައްސަލައާ ގުޅިގެން ދިވެހި ސަރުކާރުން އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް އެޅުން މުހިންމު ކަމަށާއި އެގޮތުން، އިޒްރޭލުގެ ލާއިންސާނީ އަނިޔާތަކާ ދެކޮޅު ހެދުމުގެ ގޮތުން ރާއްޖެއަށް އިޒްރޭލުގެ ރައްޔިތުން އެތެރެވުން މަނާ ކުރަން ޖެހޭ ކަމަށް ގަރާރުގައިވެއެވެ.