މަގުމަތިން ކުޑަ އަންހެން ކުއްޖަކު ހިފަހައްޓައި ގަދަކަމުން ކާރެއްގައި ގެސްޓުހައުސް އަކަށް ގެންގޮސް އެ ކުއްޖާ ރޭޕްކުރި ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހެއްގެ މައްސަލަ ޝަރީއަތަށް ފޮނުވައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ 16 އަހަރުގެ އަންހެން ކުއްޖާގެ އިއްފަތް ފޭރިގަތް މައްސަލައިގައި ޝަރީއަތަށް ފޮނުވި ހަތަރު މީހުންނަކީ އައްޑޫ ސިޓީގެ ހިތަދޫ، ހިތަދޫގޭ، އަޒުމީލް އަހުމަދާއި މ. ހިޔަމަ، އިސްމާއިލް މުނީޒާއި އައްޑޫ ސިޓީގެ މަރަދޫފޭދޫ، ވައިޓްސީ، މުހައްމަދު އަޒުމް އަދި މ. ފެންނިރު އަހުމަދު ނަބީހު ކަމަށެވެ.

އެ އޮފިޝަލް ވިދާޅުވީ އެ ހަތަރު މީހުންގެ ތެރެއިން އަޒުމީލްގެ މައްޗަށް ދައުވާ ކުރަނީ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގައި ކަމަށެވެ. އަނެއް ތިން މީހުންގެ މައްޗަށް ދައުވާ ކުރަނީ ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ހިންގަން އެހީތެރިވެދިން ކަމުގެ ކުށުގައި ކަމަށެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވިގެން ފުލުހުން މިމީހުން ހައްޔަރު ކޮށްފައި ވަނީ ޑިސެމްބަރު 15، 2011 ގައެވެ.

މި މައްސަލައިގެ އިތުރުން ގެސްޓު ހައުސްއަކަށް ވައްދައި އަންހެން ކުއްޖަކު ރޭޕްކުރި އެހެން މައްސަލައެއް ވެސް އެ އޮފީހަށް ހުށަހެޅިފައިވާކަމަށް ވެސް ޕީޖީ އޮފީހުން މިއަދު ބުންޏެވެ. ނަމަވެސް އެ މައްސަލައިގެ ތަފުސީލެއް ނުދެއްވަ އެވެ.