ޔަހޫދީ އިސްރާއީލު ސިފައިން ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލް ތެރެއަށް ވަދެއްޖެ ކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފިއެވެ.

ޝިފާ ހޮސްޕިޓަލަކީ އެތައް ސަތޭކަ ބަލި މީހުންނާއި، ޒަޚަމްވެފައި ތިބި މީހުންގެ އިތުރުން ގެދޮރު ގެއްލިފައިވާ ގިނަ ބަޔަކު ތިބި ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލެވެ.

ހޮސްޕިޓަލް ތެރޭގައި ހުރި ޑޮކްޓަރަކާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ އަސްކަރިއްޔާއިން ހޮސްޕިޓަލް ތެރެއަށް ވަދެ ގަތުމުން، އެ ތަނުގައި ތިބި ބަލިމީހުންނާއި، އެ ނޫން ވެސް މީހުން އަދި މުވައްޒަފުން ތިބީ ބިރުންނެވެ.

އިސްރާއީލުން ފުރަތަމަ ތިބީ ހޮސްޕިޓަލްގެ ގޯތިތެރޭގައި ކަމަށާއި ފަހުން އެތެރެއަށް ވަދެފައިވާ ކަމަށް ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު އަޝްރަފް އަލް ގިދްރާ ވިދާޅުވިއެވެ. އަދި، ހޮސްޕިޓަލް ތެރެއިން އެންމެ ފުރަތަމަ ވަދެފައި ވަނީ އޮޕަރޭޝަނާއި އިމާޖެންސީ ޑިޕާޓަމަންޓު ކަމަށް ސިއްހީ ވުޒާރާއިން މައުލޫމާތުދެއެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން ހޮސްޕިޓަލަށް އަމާޒުކޮށް ހަމަލާތައް ދީފައިވާއިރު، އިސްރާއީލުން ތުހުމަތު ކުރާ ގޮތުގައި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން އަންނަނީ ހޮސްޕިޓަލްތައް އެ މީހުންގެ ކޮމާންޑް ސެންޓަރުތަކެއް ގޮތުގައި ބޭނުން ކުރަމުންނެވެ.

ނަމަވެސް ހަމާސްއިން އެކަން ދޮގުކޮށްފައެވެ. އެއްވެސް ކަމަކަށް ޝިފާ ހޮސްޕިޓަލް ވެސް އަދި އެހެން ހޮސްޕިޓަލެއް ވެސް ބޭނުންނުކުރާ ކަމަށް ހަމާސްއިން ބުނެއެވެ.

ހުކުރު ދުވަހުން ފެށިގެން އިސްރާއީލުން އަންނަނީ ޣައްޒާގެ އެކި ހޮސްޕިޓަލްތަކަށް ހަމަލާތައް ދެމުންނެވެ. އެގޮތުން ޝިފާ ހޮސްޕިޓަލްގެ އިތުރުން އަލް ޤުދުސް ހޮސްޕިޓަލަށް ވެސް ވަނީ ހަމަލާތައް ދީފައެވެ. ހަނގުރާމަ ފެށިތާ ދެ ހަފުތާ ފަހުން އަލް އަހްލީ އަރަބި ހޮސްޕިޓަލަށް ވެސް ހަމަލާތައްދީ އެތައް ސަތޭކަ މައުސޫމު މުސްލިމުން ވަނީ ޝަހީދުކޮށްލައިފައެވެ.

ޣައްޒާއަށް ތެޔޮ އެތެރެކުރުން އިސްރާއީލުން މަނާކޮށްފައި އޮތް އިރު، ތެޔޮ ނުލިބުމުގެ ސަބަބުން ޣައްޒާގެ އުތުރުގައި ހުރި ހުރިހާ ހޮސްޕިޓަލެއް ހުއްޓިފައިވާ ކަމަށް ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ. ކަރަންޓު ކެނޑިފައިވާތީ، ޝިފާ ހޮސްޕިޓަލް ވެސް ހުއްޓުމަކަށް އައިސް ހޮސްޕިޓަލްގައި ތިބި އެތައް ބަޔަކު ވަނީ މަރުވެފައެވެ.

އޭގެ ތެރޭގައި އަލަށް ވިހޭ ތުއްތު ކުދިން ވެސް ހިމެނެއެވެ. ކަރަންޓު ކެނޑި ބަލި މީހުންނަށް ބޭނުންވާ ފަރުވާ ދިނުމަށް ދަތިވާތީ، އަލްރަންތިސީ އާއި އަލް ތުރުކީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަ 3000 މީހުން ވެސް މަރުވާން ދޫކޮށްލާފައިވާ ކަމަށް ސިއްހީ ވުޒާރާއިން ވަނީ މައުލޫމާތު ދީފައެވެ.

އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޣައްޒާއަށް އަމާޒުކޮށް ޔަހޫދީ އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 11،300 ފަލަސްތީނު މުސްލިމުން ވަނީ ޝަހީދުކޮށްލައިފައެވެ. އެތައް ސަތޭކަ މީހުންގެ ގެދޮރު ގެއްލިފައިވާއިރު، ހަމަލާތަކުގެ ސަބަބުން ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުގައި ވެސް 3000 އަށް ވުރެ ގިނަ މީހުން އެބަ ތިއްބެވެ.