15 Nov 2023, 10:06
މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު އޮތް ގޮތުން، އެއިން އެއްވެސް މަރުހަލާއެއްގައި ޕްރޮސިކިއުޓާ ޖެނެރަލްގެ ދައުރެއް ނޯންނާނެ ކަމަށް، ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޕީޖީ ޝަމީމް މިފަދައިން ވިދާޅުވީ، ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު, އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިންގިކަން ސާބިތު ވެފައިވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބަށާއި އަބްދުﷲ ޒިޔަތުއަށް، މާފުދީފައި ވަނިކޮށެވެ. އޭގެ އިތުރުން ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް މަރާލި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ ކުށް ސާބިތުވެ، 18 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާ ކުއްޖާއަށް ވެސް ރައީސް ޞާލިޙް ވަނީ އަދަބު ލުއިކޮށްދެއްވައިފައެވެ.
މިކަމާ ގުޅިގެން ޕީޖީ ޝަމީމްގެ ބްލޮގުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކްލެމެންސީ ބޯޑުގައި ޕްރޮސިކިއުޓާ ޖެނެރަލް ތަމްސީލުކުރާ މީހަކު ނުވެސް އިންނަ ކަމަށެވެ. މައްސަލައެއްގައި ހުކުމެއް ކުރުމަށްފަހު، އެ ހުކުމަށް ދެން ހަދާ ގޮތަކީ، އެކަމުގައި ޕީޖީ އޮފީހުގެ ދައުރެއް އޮންނަ ކަމެއް ނޫން ކަމަށް ޝަމީމް ވިދާޅުވިއެވެ.
"އެމީހާ ޙުކުމް ތަންފީޒުކުރަނީ ޖަލުގައިތޯ، ގޭގައިތޯ އެއީ ޕީޖީ އޮފީހުގެ ބަހެއް ހޯދަންޖެހޭ ކަމެއް ނޫން. އެކަން ކުރައްވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން. އެކަމާ ގުޅިގެން އުފެދޭ ސުވާލުތަކަށް ޖަވާބު ދެވޭނީވެސް އެ ސާވިސްއަށް،" ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ، ދާދި ފަހުން، ރައީސް ޞާލިޙު ބަޔަކަށް މާފު ދެއްވި މައްސަލައިގައި ވެސް، ޕީޖީގެ ބަހެއް ހޯއްދަވާފައި ނުވާ ކަމަށެވެ. އަދި ހޯއްދަވަން ނުވެސް ޖެހޭ ކަމަށް ޝަމީމް ވިދާޅުވިއެވެ.
ގާނޫނީ ނިޒާމު މިހާރު އޮތް ގޮތުން، މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސަށް ފުޅާ ބާރުތަކެއް ލިބޭ ކަމަށާއި އެބާރު ބޭނުންކުރައްވާ ގޮތާމެދު ސުވާލު އުފެއްދުމަކީވެސް ޕްރޮސިކިއުޓާ ޖެނެރަލްގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ ކަމެއް ނޫން ކަމަށް ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ، މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ހެއްދެވިއިރު، ޕްރޮސިކިއުޓާ ޖެނެރަލެއް ހުންނާނެކަން އެނގިހުރެ، އޭނާގެ ދައުރެއް ނޯންނަ ގޮތަށް ގާނޫނު ލިޔުނީ ކޮންމެވެސް މުހިންމު މަގްސަދެއް ހާސިލުކުރާން ކަމަށް ބަލަންޖެހޭ ކަމަށެވެ.
"ހަމަ ހުރެފައި، ޤާނޫނެއް ނުލިޔާނެ. ޤާނޫނު ލިޔާއިރު ކަންކަން ހަނދާނުން ކައްސާލާފައި އޮވެދާނެކަމަށް ވެސް ބަލައިގެން ނުވާނެ،" ޝަމީމް ވިދާޅުވިއެވެ.
"މިކަމުގައި ޢާންމުންގެ މެދުގައި އޮތް ނުތަނަވަސްކަމަށް އޮތް ޙައްލަކީ، ރައްޔިތުންގެ މަޖިލީހުން ގެނެސްދެވޭނެ ޙައްލެއް. ޢާންމުންގެ ޚިޔާލާއި ފިކުރާ އެއްގޮތަށް، ރައްޔިތުންގެ މަޖިލީހުން ޤާނޫނުތައް އިޞްލާޙުކުރާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން،"
އެމްއެމްޕީއާރުސީގެ ބޮޑު ހިނާޔާތުގެ ފައިސާ ހޯދައިދީ އެ މައްސަލައަށް އިންސާފު ހޯދައި ދެއްވާނެ ކަމުގެ ވައުދާއެކު ރައީސް ޞާލިޙް ވެރިކަމަށް ވަޑައިގެން އެ ވައުދު ނުފުއްދަވައި، އެންމެ ފަހުވަގުތު އެ ހިޔާނާތުގައި އިސްކޮށް ހުންނެވި އަދީބާއި ޒިޔަތަށް މާފު ދިނުމުން އެތައް ބައެއްގެ ނުރުހުން ވަނީ ރައީސަށް އަމާޒުވެފައެވެ.