ޖިންސީ ގޯނާކުރިކަމުގެ ދައުވާ އުފުލާފައިވާ ބާސެލޯނާގެ ކުރީގެ ޑިފެންޑަރު ޑެނީ އަލްވޭސްގެ މައްސަލައިގެ އަޑުއެހުންތައް ސްޕެއިންގެ ކޯޓުގައި ފެށުމަށް ނިންމައިފިއެވެ.

އުމުރުން 40 އަހަރުގެ އަލްވޭސްއަށް ނައިޓްކްލަބެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އެއަށް ފަހު މިދިޔަ ޖެނުއަރީ މަހު އޭނާ ހައްޔަރުކުރުމާ އެކު ފާއިތުވެދިޔަ ދުވަސްތައް ހޭދަކޮށްފައިވަނީ ޖަލު ބަންދުގައެވެ.

މިހާރު އެ މައްސަލަ ކޯޓުގައި ކުރިއަށްގެންދިއުމަށް ވަނީ ތައްޔާރުވެފައެވެ.

ސްޕެއިންގެ ކޯޓުން ތިން ފަނޑިޔާރުންގެ ސޮޔާ އެކު އާންމުކުރި ލިޔުމެއްގައިވާ ގޮތުން އެ މައްސަލައިގައި އަނިޔާގެ ޝިކާރައަކަށްވީ މީހާ އާއި ހެކިން އަދި ތަޖުރިބާކާރުންގެ ރިޕޯޓު ނިންމައި، މައްސަލަ ފެށުމަށް ވަނީ ތައްޔާރުވެފައެވެ.

ބްރެޒިލް ގައުމީ ޓީމުގައި ވެސް ވިދާލި އަލްވޭސްގެ މައްޗަށް އުފުލާފައިވާ ޖިންސީ އަނިޔާގެ މައްސަލަ ސާބިތުވެއްޖެ ނަމަ، އޭނާއަށް ހަތަރު އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ކޯޓުގައި އެ މައްސަލަ ފެށުމަށް ނިންމާފައިވީ ނަމަވެސް، އެ މައްސަލަ ފަށާނެ ވަކި ތާރީހެއް އަދި ކަނޑައަޅައިފައެއް ނުވެއެވެ.