15 Nov 2023, 11:07
ލިވަޕޫލުގެ ތަރި ލުއިސް ޑިއާޒް، ކޮލަމްބިއާއަށް ގޮސް އޭނާގެ ބައްޕައާ ބައްދަލުކޮށްފިއެވެ.
ޑިއާޒްގެ ބައްޕަ ލުއިސް މެނުއަލް ޑިއާޒް ރަހީނުކުރުމަށްފަހު ދޫކޮށްލި ފަހުން މިއީ ޑިއާޒް އޭނާގެ ބައްޕައާ ބައްދަލުކުރި ފުރަތަމަ ފަހަރެވެ. އޭނާ ވަނީ ރަހީނުކުރުމުން ވެސް އާއިލާގެ ހާލު ބެލުމަށް ލިވަޕޫލު ދޫކޮށް، ކޮލަމްބިއާއަށް ގޮސްފައެވެ.
ޑިއާޒް އޭނާގެ ބައްޕައާ ބައްދަލުކޮށްފައި މިވަނީ ވޯލްޑް ކަޕް ކޮލިފައިންގައި ކޮލަމްބިއާއަށް ކުޅުމަށް އަމިއްލަ ގައުމަށް ކުރި ދަތުރުގައެވެ. ކޮލަމްބިއާގެ ފުޓުބޯޅަ ފެޑެރޭޝަނުން ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި އެ ބައްދަލުވުމުގައި ދެ ބަފައިންނަށް ވެސް ހުރީ ރޮވިފައެވެ.
ޑިއާޒްގެ ބައްޕައާއެކު މަންމަ ސިލެނިސް މަރުލަންޑާ، ކޮލަމްބިއާގައި ރަހީނުކުރިތާ ގިނަ އިރުތަކެއް ނުވެ މަރުލަންޑާ ދޫކޮށްލި ނަމަވެސް، ޑިއާޒްގެ ބައްޕަ ދޫކޮށްލާފައިވަނީ 12 ދުވަހަށްފަހު މިމަހުގެ 9 ގައެވެ. ޑިއާޒްގެ ބައްޕަ އާއި މަންމަ ރަހީނުކޮށްފައިވަނީ ކޮލަމްބިއާގެ ޖަމާއަތެއް ކަމަށްވާ ނޭޝަނަލް ލިބަރޭޝަން އާމީ (އީއެލްއެން) އިންނެވެ. އެ ޖަމާއަތުން ޑިއާޒްގެ ބައްޕަ ހަވާލުކޮށްފައިވަނީ އިންސާނީ ހިދުމަތް ފޯރުކޮށްދޭ ކޮމިޝަނަކާއެވެ.
ރަހީނުކުރި މައްސަލައިގައި ކޮލަމްބިއާ ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފައެވެ. އެމީހުންގެ މައްޗަށް ދައުވާކުރަން ފޮނުވުމަށް ތައްޔާރުވަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ކޮލަމްބިއާއާއެކު ޑިއާޒް ނުކުންނަން ޖެހޭނީ ބްރެޒިލް އަދި ޕެރަގުއާއީ ދެކޮޅަށެވެ. އަންނަ ހުކުރު ދުވަހު ކޮލަމްބިއާ އިން ބްރެޒިލްއާ ދެކޮޅަށް ނުކުންނަ އިރު، ޕެރަގުއާއީ ދެކޮޅަށް ނުކުންނަން ޖެހޭނީ މިމަހުގެ 22 ގައެވެ.