ޔުއޭފާ ވިމެންސް ޗެމްޕިއަންސް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ފެމެނީނޯއިން އެޓީމްގެ ފެށުން ރަނގަޅު ކޮށްފިއެވެ.

ބާސެލޯނާއިން ވަނީ ގްރޫޕް އޭ ގައި ބެންފީކާ ވިމެންއާ ބައްދަލުކުރި މެޗު ފަސް ލަނޑު ސުންލަނޑުން ކާމިޔާބުކޮށްފައެވެ. ބާސާގެ ދަނޑުގައި ކުޅުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބާސާއިން ނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ 15 ވަނަ މިނެޓްގައި ޖަހައިދީ ބާސާއަށް ލީޑު ނަގައިދިނީ އެޓީމްގެ ކެޕްޓަން އެލެކްސިއާ ޕުޓެޔާސްއެވެ. އަދި މެޗުގެ 39 ވަނަ މިނެޓްގައި ބާސާގެ ދެވަނަ ލަނޑު ޖަހައިދީ މެޗުގެ ލީޑު ފުޅާކޮށްދިނީވެސް ޕުޓެޔާސްއެވެ.

މިމެޗުގައި ބާސާގެ ތިންވަނަ ލަނޑު ފުރަތަމަ ހާފް ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ ވަރަށް ފަހުން ބެލޮން ޑިއޯގެ އަންހެން އެވާޑް ހާސިލްކުރި އައިޓާނާ ބޮންމަޓީއެވެ. މިމެޗުގައި ބާސާގެ ހަތަރު ވަނަ ލަނޑު މެޗުގެ 52 ވަނަ މިނެޓްގައި ޖަހައިދިނީވެސް ބޮންމަޓީއެވެ. އެޓީމްގެ ފަހު ލަނޑު މެޗުގެ 61 ވަނަ މިނެޓްގައި ޖަހައިދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ނައިޖިރިއާގެ ފޯވަޑް އަސިސަޓް އަޝޯލާއެވެ. މިމެޗުގައި ބެންފީކާއަށް ވެސް މެޗުގެ ކުރީކޮޅު ލަނޑު ޖަހާނެ ރަނގަޅު ދެތިން ފުރުސަތު ލިބިގެންދިޔަކަން ފާހަގަ ކޮށްލެވުނެވެ. ނަމަވެސް ދެވަނަ ހާފުގައި އެޓީމަށް ބާސާގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. މިމެޗު ވެގެންދިޔައީ ބާސާގެ ކޯޗު ޖޮނަތަން ގިރާލްޑޭޒްގެ ކޯޗް ކަމުގެ ދަށުން ބާސާ ކާމިޔާބުކުރި 100 ވަނަ މެޗަށެވެ.

ގްރޫޕްގައި ދެން ހިމެނޭ ދެޓީމް ކަމަށްވާ ޖަރުމަނުވިލާތުގެ އެއިންޓްރެކްޓް ފްރޭންކްފާޓް އާއި ސްވިޑްންގެ ރޯސެންގާޑް ބައްދަލުކުރމެޗު ދެ ލަނޑު އެއްލަނޑުން ކާމިޔާބުކުރީ އެއިންޓްރެކްޓްއެވެ.