15 Nov 2023, 12:16
އެމެރިކާގެ ޤައުމީ އަންހެން ފުޓުބޯޅަ ޓީމުގެ އާ ކޯޗަކަށް ވިމެންސް ސުޕަ ލީގުގެ ޗެމްޕިއަން ޗެލްސީ ވިމެންގެ މިހާރުގެ ކޯޗު އެމާ ހެޔޭސް ހަމަޖައްސާކަން ހާމަކޮށްފިއެވެ.
ހެޔޭސް އެމެރިކާގެ ޓީމާއި ހަވާލުވާނީ މިހާރު ކުރިއަށްދާ ވިމެންސް ސުޕަ ލީގުގެ ސީޒަން އަންނަ އަހަރުގެ މެއި މަހު ނިމުމުންނެވެ.
ޗެލްސީން މިދިޔަ ހޮނިހިރު ދުވަހު ވަނީ މި ސީޒަން ނިމުމުން ހެޔޭސް އެ ޓީމު ދޫކޮށްލައިކަން ހާމަކޮށްފައެވެ.
އުމުރުން 47 އަހަރުގެ ހެޔޭސް ހާމަކުރި ގޮތުގައި ދުނިޔޭގައި އަންހެން ފުޓްބޯޅައިގެ ތާރީޚުގައި އުފެދުނު އެންމެ ފާހަގަ ކޮށްލެވޭ އެއް ޓީމުގެ ކޯޗަކަށް ވުމުގެ ފުރުސަތު ލިބުމަކީ އޭނާއަށް ލިބިގެންދާ ވަރަށް ބޮޑު ފަހުރެކެވެ. އެމެރިކާގެ ޤައުމީ ޓީމަަށް ކޯޗަކަށް ވުމުގެ ހުވަފެން ދެކޭތާ ވަރަށް ދުވަސް ވެއްޖެ ކަމަށާއި މިއީ އޭނާގެ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށް ހެޔޭސް ފާހަގަ ކުރިއެވެ.
ހެޔޭސްގެ ކޯޗިން ކެރިއާ ފެށީ އެމެރިކާގައި ކަމުން އޭނާގެ ހިތުގާ އެމެރިކާއަށް ހާއްސަ ޖާގައެއް ދެވިފައިވެއެވެ. އެމެރިކާގެ އަންހެން ޓީމުގެ ކޯޗުކަމާއި އަންނަ އަހަރު ހަވާލުވުމުން އޭނާ ވެގެންދާނީ އަންހެން ފުޓްބޯޅައިގައި އެންމެ އަގު ބޮޑު ކޯޗަށެވެ.
އެމެރިކާގެ ސޮކާ ފެޑެރޭޝަންގެ ރައީސް ސިންޑީ ޕާލޯ ބުނީ ހެޔޭސްއަކީ ވަރުގަދަ ލީޑަރެއް ކަމަށެވެ. އަދި، އޭނާ އަކީ ދުނިޔޭގެ ފެންވަރުގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ކޯޗެއްގެ އިތުރުން އޭނާ ކައިރީ ހަރަކާތެރިވާ އެންމެންގެ ފެންވަރު ވެސް މަތިކޮށްދޭ ފަރާތެއްކަމަށް ޕާލޯ ސިފަކުރިއެވެ.
އެމެރިކާގެ ފުޓުބޯޅަ އޭނާއަށް އެނގުން އެއީ ޓީމާ ހަވާލުވުމަށް އެންމެ ގާބިލުވާ އެއް ސަބަބު ކަމަށް ވެސް ޕާލޯ ބުންޏެވެ.
ހެޔޭސް އެންމެ ފުރަތަމަ ކޯޗު ކޮށްދީފައިވަނީ 2001 ވަނަ އަހަރުން 2003 ވަނަ އަހަރާއި ދެމެދު އެމެރިކާގެ ލޯންގް އައިލަންޑް ލޭޑީ ރައިޑާސް އަށެވެ. އޭނާ 2012 ވަނަ އަހަރު ޗެލްސީއާ ހަވާލުވި ފަހުން އެ ޓީމާ އެކު މިހާތަނަށް ވަނީ 13 ތަށި ކާމިޔާބުކޮށްފައެވެ. މީގެ ތެރޭގައި ވިމެންސް ސުޕަ ލީގުގެ ހަ ތައްޓާއި އެފްއޭ ކަޕުގެ ތަށި ފަސް ފަހަރު އަދި ލީގު ކަޕް ތަށި ދެ ފަހަރު ކާމިޔާބު ކޮށްފައިވެއެވެ.
އޭނާ އެމެރިކާ ޓީމާ ހަވާލުވުމަށް ފަހު ކުރިމަތިލާ ފުރަތަމަ މުބާރާތަކަށް ވެގެންދާނީ އަންނަ އަހަރުގެ ޖުލައި މަހު ޕެރިހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސްއެވެ.