15 Nov 2023, 11:10
އާސެނަލާ އެކު ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އައުމުން އަލުން އިޓަލީގައި ކުޅެން ބޭނުންވާ ކަމަށް އިޓަލީ މިޑްފީލްޑަރު ޖޯޖީނިއޯ ބުނެފިއެވެ.
މި އަހަރުގެ ޖެނުއަރީ މަހު ޗެލްސީ ދޫކޮށްލުމަށް ފަހު، އާސެނަލާ ގުޅުނު އުމުރުން 31 އަހަރުގެ ޖޯޖީނިއޯއަކީ ކޯޗު މިކެލް އާޓެޓާގެ ޓީމުގައި މުހިންމު ކުޅުންތެރިއެކެވެ. މާޓިން އޮޑެގާޑް އަނިޔާގައި ހުރުމުން އާސެނަލުން އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް އެ ކްލަބުގެ ކެޕްޓަނެއްގެ ގޮތުގައި ފެނިގެންދިޔައީ ޖޯޖީނިއޯއެވެ.
އާސެނަލާ އެކު ޖޯޖީނިއޯ ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނަށް ފަހު ނިމުމަކަށް އަންނަ އިރު، އޭނާއަށް ކޮންޓްރެކްޓް އާކުރުމުގެ ފުރުސަތު ވެސް އޮންނާނެއެވެ. އިޓަލީ ގައުމީ ޓީމާ އެކު މި ވަގުތު ހުރި ޖޯޖީނިއޯ ވަނީ އަލުން އިޓަލީގައި ކުޅެން ބޭނުންވާ ކަމަށް ވެސް ބުނެފައެވެ.
"އާސެނަލްގެ ކުރިމަގާ މެދު އަދި އެއްޗެކޭ ބުނާކަށް ނޭނގޭ. އަހަރެން ބޭނުން އިޓަލީއަށް އެނބުރި އަންނަން. އެކަމަކު އެކަން ނިންމާނީ އެންމެ ރަނގަޅު ވަގުތުގައި. އަހަރެންނަށް އަދި އާސެނަލްގައި ކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި. ކްލަބު ބަދަލުކުރާ އިރު، ކުޅުމަށް ހޭނެން ވަގުތު ނަގާނެ. އެކަމަކު އާސެނަލްގައި ފުރަތަމަ ހަ މަސް ދުވަސް ދިޔައީ ގޯސްކޮށެއް ނޫން،" ނޫސްވެރިންނާ ވާހަކަދައްކަމުން ޖޯޖީނިއޯ ބުންޏެވެ.
ޖޯޖީނިއޯ ބުނީ އާސެނަލާ އެކު އޭނާ ހުރީ އުފަލުގައި ކަމަށާއި ކޯޗު އާޓެޓާގެ ފަރާތުން ގިނަ ކަންތައްތަކެއް ދަސްވެފައިވާ ކަމަށެވެ. އަދި، ކުޅުމާ އެއްވަރަށް ތަޖުރިބާގެ މުހިންމުކަމާ ގުޅޭގޮތުން ވެސް އޭނާ ވާހަކަދެއްކިއެވެ.
ޖޯޖީނިއޯ 2018 ވަނަ އަހަރު ޗެލްސީއާ ގުޅުމުގެ ކުރިން އޭނާ ވަނީ އިޓާލިއަން ސެރީއާގައި ނަޕޯލީއަށް ކުޅެފައެވެ. އޭނާއަށް އިޓަލީ ގައުމީ ޓީމުން ފުރަތަަމަ ފުރުސަތު ލިބިފައިވަނީ ވެސް ނަޕޯލީގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ.
ޔޫރޯ ކޮލިފައިންގެ ފަހު ދެ މެޗުގެ ތެރެއިން އަންނަ ހުކުރު ދުވަހު އިޓަލީން ނޯތު މެސެޑޯނިއާއާ ދެކޮޅަށް ނުކުންނަ އިރު، އަންނަ ހޯމަ ދުވަހު ނުކުންނަން ޖެހޭނީ ޔޫކްރެއިނާ ދެކޮޅަށެވެ. އިޓަލީއަށް ނޯތު މެސެޑޯނިއާ ބަލިކޮށް، ޔޫކްރޭނާ އެއްވަރުކޮށްލައިގެން ވެސް ޔޫރޯ 2024 އަށް ކޮލިފައިވުމުގެ ފުރުސަތު އޮންނާނެއެވެ. އަދި، އެ މެޗުތަކުން ކޮންމެ ނަތީޖާއެއް އައި ނަމަވެސް، އިޓަލީއަށް ޕްލޭއޯފްގެ ފުރުސަތު އޮންނާނެއެވެ.