15 Nov 2023, 11:50
އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ރަޝިއާގެ ރިޔާސީ އިންތިޚާބުގެ މީޑިއާ ކަވަރޭޖު ގާނޫނަށް ގެނައި ބަދަލުތައް އެ ގައުމުގެ ރައީސް ވުލާދްމީ ޕުޓިން ތަސްދީގު ކުރައްވައިފިއެވެ.
ރަޝިއާގެ ރިޔާސީ އިންތިޚާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މާޗު މަހުއެވެ. އެ ގައުމުގެ ރައީސްކަން ވޭތުވެދިޔަ 24 އަހަރު ކުރައްވަމުން ގެންދަވާ ޕުޓިން އިތުރު ހަ އަހަރުގެ ދައުރަކަށް ވާދަކުރައްވާނެ ކަމަށް ބެލެވޭ ކަމަށް އަލްޖަޒީރާއިން ރިޕޯޓުކުރެއެވެ.
އިންތިޚާބުގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާނުކޮށްފައިނުވާއިރު، އެކަން އިއުލާނު ކުރައްވާނީ އިންތިޚާބުގެ ތާރީޚު ގާނޫނު ހަދާ މަޖިލީހުން ރަސްމީކޮށް ކަނޑައެޅުމުން ކަމަށް ޕުޓިން ވިދާޅުވިއެވެ.
އިންތިޚާބު ކަވަރު ކުރުމަށް އަލަށް ގެނައި ބަދަލުތަކުގެ ތެރޭގައި ސެންޓްރަލް އިލެކްޝަންސް ކޮމިޝަންގެ ޖަލްސާތައް ކަވަރުކުރުން ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ މީޑިއާތަކަށް ދިނުން ހިމެނެއެވެ.
ސަރަހައްދީ އަދި އަސްކަރީ އިދާރާތަކުގެ ހުއްދައަކާނުލައި އަސްކަރީ މަރުކަޒުތަކުގައި ނުވަތަ މާޝަލް ގާނޫނުގެ ދަށުން ހިންގާ ސަރަހައްދުތަކުގައި ހިނގާ ކަންކަން މީޑިއާތަކުން ރިޕޯޓްކުރުން ވެސް އާ ގަވާއިދުގެ ދަށުން އޮތީ މަނާކޮށްފައެވެ. އަދި، ރަޝިއާގައި ބޭނުންކުރުން މަނާކޮށްފައި ހުންނަ ވެބްސައިޓްތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ކެމްޕޭންގެ އެއްވެސް ކޮންޓެންޓެއް ޝާއިއުކުރުން ވެސް ވަނީ މަނާކޮށްފައިވެއެވެ.
ރަޝިޔާއިން ވަނީ ފޭސްބުކް އަދި އިންސްޓަގްރާމް ފަދަ ގިނަ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކާއި ބައެއް ވެބްސައިޓްތައް އެ ގައުމުގައި ބޭނުންކުރުން މަނާކޮށްފައެވެ.
ނިމުނު 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިއާ ޔުކްރޭއިން ހަނގުރާމަ ފެށި ފަހުން އެ ގައުމުގެ ސަރުކާރާ ހިޔާލު ތަފާތުވާ މީޑިއާތަކަށާއި މިނިވަން ނޫސްވެރިންނަށް ރަޝިއާއިން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ.