15 Nov 2023, 10:53
ފަލަސްތީނުގެ ރައްޔިތުންނަށް 650 ޓަނުގެ ކާބޯތަކެތި ފޯރުކޮށްދޭން މިސްރުން ނިންމައިފިއެވެ.
މިސްރުގެ ރިޔާސީ ތަރުޖަމާނު އަހުމަދު ފަހުމީ އަންގާރަ ދުވަހު ނެރުނު ބަޔާނަކާ ހަވާލާދީ މިޑްލް އީސްޓް މޮނިޓާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ފަލަސްތީނުގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް މިސްރުގެ ރައީސް އަބްދުލްފައްތާހު އެލް ސީސީ ވަނީ އަންގަވައިފައެވެ.
ސީސީ މިގޮތަށް ނިންމަވާފައި ވަނީ ބޮޑުވަޒީރު މުސްތަފާ މަދްބޫލީ އާއި މިނިސްޓާ އޮފް ސަޕްލައި އެންޑް އިންޓާނަލް ޓްރޭޑް އަލީ މޮސެލްހީއާ އެކު ބޭއްވެވި ބައްދަލުވުމަކަށް ފަހުއެވެ.
މިސްރުން މީގެ ކުރިން ވެސް ވަނީ ފަލަސްތީނަށް އެހީ ފޯރުކޮށްދީފައެވެ. އެގޮތުން އޮކްޓޫބަރު މަހު ހަތްވަނަ ދުވަހު ހަނގުރާމަ ފެށިފަހުން މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް 6،944 ޓަނުގެ އެހީ މިސްރުން ވަނީ ފަލަސްތީނަށް ފޯރުކޮށްދީފައިވާ ކަމަށް މިސްރުގެ ރެޑްކްރެސެންޓުން މައުލޫމާތުދެއެވެ.
އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ވަނީ މުޅި ޣައްޒާ ވަށައިލާފައެވެ.
ޣައްޒާގެ އުތުރުގައި އިސްރާއީލުން ދިން ހަމަލާތަކުން ސަލާމަތްވުމަށް އެ ސަރަހައްދުން ނުކުމެ ދެކުނަށް ދިޔަ މީހުންނަށް މިހާރު ވަނީ ކާބޯތަކެއްޗާއި ބޭހުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައެވެ.
ހަނގުރާމައަށް އަދިވެސް މެދުކެނޑުމެއް ނާންނައިރު، މިސްރުގެ ރަފަޙް ބޯޑަރު ހުރަސްކޮށް އެތައް ސަތޭކަ އެހީގެ ޓްރަކް ވަނީ ޣައްޒާއަށް ވަދެފައެވެ. ނަމަވެސް އެއީ އަދިވެސް ޣައްޒާގެ އާންމުންނަށް ބޭނުންވާ ވަރަށްވުރެ މާ މަދު އެހީއެއް ކަމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ޣައްޒާގެ އާބާދީގެ ބޮޑު ބައެއް އަންނަނީ މަހާއި ބިސް އަދި ކިރު ފަދަ މުހިއްމު ކާބޯތަކެތިން މަހުރޫމްވެ، ދުވާލަކު އެންމެ ކެއުމެއް ކައިގެން ދިރިއުޅެމުންނެވެ.
ޔަހޫދީ އިސްރާއީލުން ޣައްޒާއަށް އަމާޒުކޮށް ދެމުންގެދާ ހަމަލާތަކުގައި މިހާތަނަށް 11،240 ފަލަސްތީނު މުސްލިމުން ވަނީ ޝަހީދުކޮށްލާފައެވެ. އެތައް ހާސް ބަޔަކު ޒަޚަމްވެފައިވާއިރު، ގެދޮރު ގެއްލިފައިވާ އެތައް ބަޔަކުވެސް އެބަ ތިއްބެވެ.