ޣައްޒާގެ އުތުރަށް އިއްޔެ ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ޣައްޒާގެ އާންމުންނަށް އިތުރު ގޮންޖެހުތަކެއް ކުރިމަތިވެފައިވާ ކަމަށް މިޑްލް އީސްޓް ނޫހުން ރިޕޯޓުކޮށްފިއެވެ.

އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ ގިނަ ބަޔަކު ވަގުތީ ހިޔާތަކުގައި ތިބިއިރު، ވިއްސާރަ މޫސުން ފެށުމުން ހިޔާތަކުގައި ފެން ބޮޑުވުމުގެ ބިރު ވަނީ ހީވެފައެވެ. އަދި، ނަރުދަމާ ނިޒާމަށް ގެއްލުން ލިބި ތަފާތު ބަލިތައް ފެތުރިދާނެ ކަމުގެ ކަންބޮޑުވުން ވެސް އެބައޮތެވެ.

ޣައްޒާގެ ދެކުނުގައި އޮންނަ ހާން ޔޫނުސްގައި ހުންނަ ވަގުތީ ހިޔާތަކަކަށް ވަނީ ވިއްސާރައިގެ ސަބަބުން ގެއްލުން ލިބިފައެވެ.

"އަހަރުމެން ދިރިއުޅުނީ ކޮންކްރީޓުން ހަދާފައިވާ ގެއެއްގައި. މިހާރު މިތިބެން ޖެހުނީ ޓެންޓެއްގެ ދަށުގައި،" އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގެ އުތުރަށް ދެމުންގެންދިޔަ ހަމަލާތަކުން ސަލާމަތްވުމަށް ދެކުނަށް ބަދަލުވެފައިވާ ފަޔޭޒާ ސުރޫރު ބުންޏެވެ.

ހިޔާތަކުގައި ތިބި މީހުން ނިދަނީ ބިން މަތީގައި ކަމަށާއި ވާރޭ ވެހޭނަމަ އެ މީހުން ނިދާނެ ތަނެއް ނެތް ކަމަށް ވެސް ފަޔޭޒާ ބުންޏެވެ.

ޣައްޒާއަށް ބޯކޮށް ވާރޭ ވެހެނީ -- ފޮޓޯ/ އަނަދޮލް އޭޖެންސީ

ފިނި މޫސުމުގައި ޣައްޒާއަށް ބައެއް ފަހަރު ފެން ބޮޑުވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން މިދިޔަ ހަފުތާގައި ހާމަކޮށްފައިވާ ގޮތުގައި އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތަކުގެ ސަބަބުން ސިއްހީ ނިޒާމަށް ބުރޫ އަރައި، ސާފު ފެން ލިބުން މަދުވެ، ހިޔާތަކުގައި މީހުން ތޮއްޖެހިފައިވާތީ ބަލި ފެތުރުމުގެ ނުރައްކާ ވަނީ އިތުރުވެފައެވެ.

މިހާރު ވެސް ބޭރަށް ހިންގާ ރޯގާއެއް ޣައްޒާގައި ފެތުރިފައިވާ ކަމަށް ޑަބްލިޔުއެޗްއޯގެ ތަރުޖަމާނު މާގްރެޓް ހެރިސް ވަނީ ވިދާޅުވެފައެވެ. އަދި، އެ ރޯގާޖެހިގެން މިހާތަނަށް 30،000 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް މާގްރެޓް ވިދާޅުވިއެވެ.

ޣައްޒާއަށް ވާރޭ ވެހުނުއިރު، ވަގުތީ ހިޔާތަކުގައި ބަޔަކު މަޑުކޮށްލައިގެން: ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ގާތްގަޑަކަށް 1.6 މިލިއަން މީހުންގެ ގެދޮރު ވަނީ ގެއްލިފައި --- ފޮޓޯ/ އަނަދޮލް އޭޖެންސީ

ނޯވޭގެ ރެފިއުޖީ ކައުންސިލްގެ ތަރުޖަމާނު އަހުމަދު ބައިރަމް ވިދާޅުވި ގޮތުގައި ވިއްސާރަ މޫސުން ފެށުމަކީ ހަނގުރާމަ ފެށި ފަހުން ޣައްޒާގެ ހާލަތު ގޯސްވާނެ އެންމެ އުނދަގޫ ދުވަސްތަކަށް ވެދާނެ ކަމަށެވެ.

އެގޮތުން ބޯކޮށް ވާރޭ ވެހިއްޖެނަމަ، މީހުންނާއި ސަލާމަތީ ޓީމުތަކަށް ދަތުރުފަތުރު ކުރުމަށް އިތުރު ހުރަސްތަކެއް ކުރިމަތިވާނެ ކަމަށާއި އެކަމުގެ ސަބަބުން އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރަން އުނދަގޫވާނެ ކަމަށް އަހުމަދު ވިދާޅުވިއެވެ. އަދި، މަރުވެފައިވާ މީހުން ވަޅުލުމަށް ދަތިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.