ސިޔާސީ ޕާޓީތަކުގެ މެދުގައި ބާއްވާ ވާހަކަތައް، މެދުކެނޑިފައި އޮތުމަށް ފަހު އަލުން މަޝްވަރާތައް ބާއްވަން މާދަމާއަށް ޝެޑިއުލްކޮށްފި އެވެ.

އެންމެ ފަހުން ބޭއްވި ބައްދަލުވުން މެދުކަނޑާލަން ޖެހުނީ އެމްޑީޕީގެ ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރުމަށްފަހު، މަޝްވަރާތަކަށް އެ ޕާޓީގެ ފަރާތުން ވަޑައިގެންނެވި މެންބަރުންގެ ގާނޫނީ ހައިސިއްޔަތާއި މެދު ޕާޓީތަކުން ސުވާލު އުފެއްދުމުންނެވެ.

އެ ދުވަހުގެ ވާހަކަތައް ހުއްޓާލީ އެ މައްސަލައިގައި އިލެކްޝަންސް އިން ގޮތެއް ނިންމަންދެން ވާހަކަތައް މެދުކަނޑާލާފައި ބޭއްވުމަށް އެއްބަސްވެގެން ނެވެ. އެ މައްސަލައިގައި އިލެކްޝަންސް ކޮމިޝަނުން ގޮތެއް ނިންމީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އޯލްޕާޓީ ޓޯކްސްގެ ސެކްރެޓޭރިއަޓުން މިއަދު ބުނީ އިލެކްޝަންސް ކޮމިޝަންގެ ނިންމުމާއެކު އަލުން މަޝްވަރާތައް މާދަމާ މެންދުރު ފަހުގެ ވަގުތަކަށް ޝެޑިއުލްކޮށްފައިވާ ކަމަށާއި ހުރިހާ ޕާޓީތަކަކުން ވެސް ބައްދަލުވުމުގައި ބައިވެރިވާނެ ކަން މިހާރު އަންގާފައިވާ ކަމަށެވެ.

ސެކްރެޓޭރިއަޓުން ބުނީ މާދަމާގެ ބައްދަލުވުމުގައި ވެސް މަޝްވަރާ ކުރާނީ އެޖެންޑާގައި ހިމެނުމަށް އެއްބަސްވެފައިވާ ކަންތައްތަކުގެ ތެރެއިން ފުރަތަމަ މަޝްވަރާ ކުރާނެ ކަންތައްތަކެއް ކަނޑައެޅުމަށް ކަމަށެވެ. ޕާޓީތަކުގެ މަޝްވަރާތައް ފެށި ފަހުން އެ ބައްދަލުވުންތަކުން މާބޮޑު ނަތީޖާއެއް މިހާތަނަށް ނުކުމެފައެއް ނުވެއެވެ.