ބޮލީވުޑްގެ އުއްމީދީ ބަތަލާ މްރޫނާލް ތާކުރްއާ މަޝްހޫރު ރެޕާ ބާދް ޝާހްއާ ދެމެދު ލޯބީގެ ގުޅުމެއް އޮތްކަމަށް މީޑިއާ ރިޕޯޓަރުން ފަތުރާފައި ވަނިކޮށް ބާދް ޝާހް އެކަން ދޮގުކޮށްފިއެވެ.

މި ޚަބަރު ސޯޝަލް މީޑިއާގައި ދައުރުވާން ފެށިތާ ދުވަސްތަކެއް ފަހުން ބާދު ޝާހު ވަނީ އަނެއްކާ ވެސް ރިޕޯޓަރުން މާޔޫސްކޮށްލެވުނީތީ އެކަމާ މަޢާފުކޮށް ދިނުމަށް އެދިފައެވެ.

ބޮލީވުޑްގައި ފައިތިލަ ސާބިތު ކޮށްފައިވާ ޒުވާން ބަތަލާ މްރޫނާލްއާ ބާދް ޝާހްއާ ދެމެދު ލޯބީގެ ގުޅުމެއް އޮތް ކަމަށް ވާހަކަ ދެކެވެން ފެށީ ޝިލްޕާ ޝެޓީގެ ދިވާލީ ޕާޓީއަށް ދެ މީހުން އެކީގައި ދިޔަ މަންޒަރު ނޫސް ރިޕޯޓަރުންނަށް ފެނުމާއެކުގައެވެ.

ބާދް ޝާހް އާއި މްރޫނާލް އެކީގައި އަތުގުޅާލައިގެން މި ޕާޓީއަށް ވަތް މަންޒަރުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދަރުވާން މާގިނަ ވަގުތެއް ނުނަގައެވެ. ނަމަވެސް ޢުމުރުން 37 އަހަރުގެ ކާމިޔާބު ރެޕާ އަމިއްލަ އިންސްޓަގްރާމްގައި މިކަމަށް އިޝާރާތްކޮށް ބުނެފައި ވަނީ އެއީ ރިޕޯޓަރުން އެ ހީކުރާ ކަހަލަ ގުޅުމެއް ނޫން ކަމަށެވެ.

ބަތަލާ މްރޫނާލްއާ ބާދު ޝާހުގެ ގުޅުމުގެ ވާހަކަ ފެންމަތި ވެފައިވާއިރު ދާދި ފަހުން ބަތަލާ ވަނީ އޭނާގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައި ވަނީ ފިލްމީ ކެރިއަރު ކުރިއެރުވުމަށް ކަމަށް ބުނެފައެވެ.

ރެޕާ ބާދް ޝާހް ބަތަލާ މްރޫނާލް އާއެކު

މަޝްހޫރު ލަވަ 'ޖެންދާ ޕޫލް'ގެ ރެޕާއަކީ އިންޑިއާގެ ޕަންޖާބުގެ ދަރިކޮޅުގެ މީހެކެވެ. މިއުޒިކް ރެޕް ކުރުމުގެ އިތުރުން މިއުޒިކް އުފައްދާ އަދި ވިޔަފާރީގެ ދާއިރާގައި ވެސް ހަރަކާތްތެރިވާ ބާދު ޝާހް މި އަހަރުގެ އޭޕްރީލް މަހުތެރޭ އިންޑިއާގެ މޮޑެލް އީޝާ ރިކީއާ ކައިވެނި ކުރިކަމުގެ ޚަބަރުތަކެއް ވެސް މި ދޭތެރެއިން ވަނީ ފެތުރިފައެވެ.

ބާދު ޝާހް ވަނީ ޖޭސްމިން މަސީހާ ނަމަކަށް ކިޔާ އަންހެނަކާ ކައިވެނިކޮށް އަށް އަހަރު ފަހުން އެ ކައިވެނި ރޫޅާލާފައެވެ. ކައިވެނި ރޫޅުނުއިރު ދެ މީހުންގެ ހަ އަހަރުގެ އަންހެން ކުއްޖަކު އެބަހުއްޓެވެ.