ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށް ދަތުރުކުރުމަށް ނަގަން ޖެހޭ ޝެންގެން ވިސާ އޮންލައިންކޮށް އީ-ވިސާއެއްގެ ގޮތުގައި ނެގުމުގެ ފުރުސަތު ދިވެހީންނަށް ފަހިވެއްޖެއެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ދިވެހީންނަށް މި ފުރުސަތު ފަހިކޮށްދެއްވީތީ ޔޫރަޕިއަން ކައުންސިލަށް ޝުކުރު އަދާކުރައްވައިފައެވެ.

ފޮރިން މިނިސްޓްރީން ބުނީ، ޔޫރަޕިއަން ކައުންސިލުގެ މި ނިންމުމާ ގުޅިގެން ކުރަން ޖެހޭ އިދާރީ ތައްޔާރީތަކަށް ފަހު، މިކަން ތަންފީޒުކުރަން ފަށާ ތާރީޚެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ. މި އިންތިޒާމް ހަމަޖެހިގެން ދިޔުމުން ޝެންގެން ވިސާ ނެގުމަށް ދިވެހީން ބޭރު އެއްވެސް ގައުމަކަށް ނުގޮސް، ރާއްޖޭގައި ތިބެގެން އޮންލައިންކޮށް އީ-ވިސާ ނެގޭނެއެވެ.

ޔޫރަޕުގެ 27 ގައުމެއް ހިމެނޭ ޝެންގެންގެ ގައުމުތަކަށް ދަތުރު ކުރެވޭނީ ޝެންގެން ވިސާ ނަގައިގެންނެވެ.

ޝެންގެންގެ ގައުމުތަކުގެ ތެރޭގައި ހިމެނެނީ:

  • އޮސްޓްރިއާ

  • ބެލްޖިއަމް
  • ޗެކް ރިޕަބްލިކް
  • ކޮރޭޝިއާ
  • ޑެންމާކު
  • އެސްޓޮނިއާ
  • ފިންލޭންޑު
  • ފްރާންސް
  • ޖަރުމަނު
  • ގްރީސް
  • ހަންގޭރީ
  • އައިސްލޭންޑް
  • އިޓަލީ
  • ލެޓްވިއާ
  • ލިތޭނިއާ
  • ލެކްސަމްބާގް
  • މަލްޓާ
  • ނެދަލެންޑްސް
  • ނޯވޭ
  • ޕޮލެންޑު
  • ޕޯޗުގަލް
  • ސޮލޮވޭކިއާ
  • ސްލޮވޭނިއާ
  • ސްޕެއިން
  • ސްވިޑެން
  • ސްވިޒަލޭންޑް
  • ލިންޗެސްޓެއިން

ޔޫރަޕުގެ ގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ވިސާގެ ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް ޔޫރަޕިއަން ޔޫނިއަންއާ އެކު ފޮރިން މިނިސްޓްރީއިން ވަނީ މިދިޔަ ފަސް އަހަރު ގިނަ މަސައްކަތްތަކެއް ކޮށްފައެެވެ.

މިހާރު ދިވެހި ޕާސްޕޯޓަށް ކުރިން ވިސާ ނެގުމަކާ ނުލައި 101 ގައުމަކަށް ދަތުރުކުރެވެއެވެ. ދިވެހި ޕާސްޕޯޓަކީ މި ސަރަހައްދުގެ އެންމެ ބާރު ގަދަ ޕާސްޕޯޓެވެ.