20 May 2012, 13:25
އަންނަ މަހު މެލޭޝިއާގައި ބާއްވާ އޭއެފްސީ 22 އަހަރުން ދަށުގެ އޭޝިޔަން ޗެމްޕިއަންޝިޕް ކޮލިފައިން މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ރާއްޖޭގެ 22 އަހަރުން ދަށުގެ ގައުމީ ޓީމާ އެކު ސްރީލަންކާގެ 22 އަހަރުން ދަށުގެ ގައުމީ ޓީމް މެޗެއް ކުޅުމަށް ހަމަޖެހިއްޖެ އެވެ.
އެފްއޭއެމް އިން ބުނީ، އެމެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މާލޭގައި ކަމަށާއި އެގޮތުން މެޗް ކުޅުމަށް ނިންމާފައި ވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހު ކަމަށެވެ. އަދި އެ މެޗް ކުޅުމަށް ސްރީލަންކާގެ ޓީމް އަންނަ މަހުގެ އެއް ވަނަ ދުވަހު މާލެ އަންނާނެ ކަމަށް ވެސް އެފްއޭއެމް އިން ބުނެ އެވެ.
ބާވީސް އަހަރުން ދަށުގެ އޭޝިޔަން ޗެމްޕިއަންޝިޕް ކޮލިފައިނަށް ތައްޔާރު ވުމުގެ ގޮތުން ރާއްޖޭގެ ޓީމް މިހާރު ވަނީ ފަރިތަކުރުންތައް ފަށައިފަ އެވެ. އެގޮތުން ޓީމް ފަރިތަކުރަމުން އަންނަނީ ގައުމީ ކޯޗް އިސްތަވާން އުރުބާނީގެ އިރުޝާދުގެ ދަށުން ނެވެ.
އެފްއޭއެމްގެ އިސް އޮފިޝަލަކު ވިދާޅުވީ، ކޮލިފައިންގެ ކުރިން ތައިލެންޑަށް ތަމްރީން ދަތުރެއް ކުރަން ވަނީ ނިންމައިފައި ވާ ކަމަށެވެ.
ކޮލިފައިންގައި ވާދަކުރުމަށް ގައުމީ ޓީމް މެލޭޝިއާ އަށް ފުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 21 ވަނަ ދުވަހު އެވެ.